ތައިލެންޑުގެ ޕަޓާޔާގައި އިންޑިއާގެ ތިން ރައްޔިތަކު ރަހީނުކޮށް، ފައިސާ ހޯދަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އިންޑިއާގެ ފަސް ފިރިހެނަކު ބެންކޮކުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މި ފަސް މީހުން ހައްޔަރުކޮށްފައިވަނީ ބެންކޮކްގެ ކްލޯންގް ޓަން ސަރަހައްދުގެ ހޮޓަލެއްގައި ތިއްބާ، އެމީހުން ގައުމުން ބޭރަށް ފުރަން ތައްޔާރުވަމުން ދަނިކޮށް އަންގާރަ ދުވަހުއެވެ.

Ad
rt

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ އަވްތާރު ސިންގް އާއި ޖަގްޖީތު ސިންގް، 24 އަހަރުގެ ރާމްބަލަކް ކުމާރު، 37 އަހަރުގެ ސުޚްބީރު ސިންގް އަދި 27 އަހަރުގެ ކުލްރާ ސިންގް އެވެ. ޕަޓާޔާ ފުލުހުންނަށް ދިން ބަޔާނުގައި މި މީހުން ބުނެފައިވަނީ، މި ޖަރީމާ ހިންގުމަށް އެމީހުންނަށް އަމުރުކުރީ ޗެޓް އެޕްލިކޭޝަނެއް މެދުވެރިކޮށް ދިމާވި ޕާކިސްތާނު މީހެއް ކަމަށެވެ.

މި މައްސަލައިގެ މާސްޓަރމައިންޑް ނުވަތަ މުގުލުގައި ހުރި މީހާ ހުރީ ދުބާއީގައި ކަމަށް ތުހުމަތު ކުރެވެއެވެ. އޭނާ ރޭވީ ރަހީނުކުރި މީހުންގެ އަތުން ޑިޖިޓަލް ކަރަންސީ މެދުވެރިކޮށް ފައިސާ ހޯދުމަށެވެ. އަދި މި ޖަރީމާ ހިންގި އިންޑިއާ މީހުންނަށް، ރަހީނުކުރި މީހުންގެ އަތުން ފޭރޭ އަގުބޮޑު ތަކެއްޗާއި ނަގުދު ފައިސާގެ އިތުރުން، ތައިލެންޑުން ފުރައިގެން ދިއުމަށް ބޭނުންވާ ވައިގެ ދަތުރުފަތުރުގެ ޓިކެޓް ދޭނެ ކަމަށް ވަނީ އެއްބަސްވެފައެވެ.

ރަހީނުކުރެވުނު ތިން މީހުން ޕަޓާޔާއަށް ގެނެސްފައިވަނީ ހަތް ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމަށް "ހެޔޮ އަގުގައި ދޭ ޓުއަރ ޕެކޭޖެއް" ދައްކައިގެން އޮޅުވާލައިގެންނެވެ. ނަމަވެސް، އެމީހުން ޕަޓާޔާއަށް ދިއުމުން އެ ސިޓީގެ ގެއެއްގައި ބަންދުކޮށް އަނިޔާކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ތިން މީހުން ސަލާމަތް ކުރެވުނީ ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތުގައެވެ.

ޕަޓާޔާ ފުލުހުންގެ ވެރިޔާ ޕޮލް ކާނަލް އަނެކް ސަތޮންގްޔޫ ވަނީ، ތުހުމަތު ކުރެވޭ މީހުން ގައުމުން ފުރައިގެން ދިއުމުގެ ކުރިން އެމީހުން ހައްޔަރުކުރި ފުލުހުންގެ ޓީމަށް އިނާމު ދެއްވާފައެވެ. މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.