މޮރޮކޯއާ އިންވެގެން އޮންނަ ސްޕޭންގެ ސަރަހައްދުތަކަށް އެތައް ހާސް ހިޖުރަވެރިންނެއް ކުއްލި ގޮތަކަށް ވަދެގަތް މައްސަލައިގެ ފަހަތުގައި އިޒްރޭލުގެ ރޭވުންތަކެއް އޮތް ކަމަށް ބުނެ ސްޕޭންގެ ސިޔާސީ ބައެއް ފަރާތްތަކުންނާއި މީޑިއާ އެނަލިސްޓުން ބޮޑެތި ތުހުމަތުތަކެއް ކުރަން ފަށައިފިއެވެ.
މި ތުހުމަތުތައް އަމާޒުވެފައިވަނީ ސްޕޭންގެ އުތުރު އެފްރިކާގެ އެންކްލޭވްތައް ކަމަށްވާ ސެއުޓާ ފަދަ ސަރަހައްދުތަކަށް އިއްޔެ ކުރިމަތިވި ހިޖުރަވެރިންގެ ކްރައިސިސްއާ ގުޅިގެންނެވެ. މޮރޮކޯއާ އިންވެގެން އޮންނަ ސްޕެއިންގެ ސެއުޓާއަށް 24 ގަޑިއިރު ތެރޭގައި ގާތްގަނޑަކަށް 49,000 ހިޖުރަވެރިން ވަނީ ވަދެގަނެފައެވެ.
ސްޕޭންގެ ކެޓަލަން ޕާޓީ (އީ.އާރު.ސީ) ގެ ތަރުޖަމާނު ގެބްރިއަލް ރޫފިއަން އާއި ކެރޮލީނާ އެލޮންސޯ ފަދަ ސިޔާސީ ބޭފުޅުން ވަނީ، ހިޖުރަވެރިންގެ މި އޮއިވަރަކީ އިޒްރޭލާއި ޔޫރަޕްގެ ހަރުކަށި ކަނާތު ފިޔައިގެ ޖަމާއަތްތަކުގެ އެހީތެރިކަމާއެކު މޮރޮކޯ މެދުވެރިކޮށް ބޭނުންކުރާ ''ހަތިޔާރެއް''ގެ ގޮތުގައި ސިފަކުރައްވާފައެވެ. މި ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ ސްޕޭންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ ސަރުކާރު ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލުމަށް ހިންގާ ރޭވުމެކެވެ.
މި ތުހުމަތުތައް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިޒްރޭލުން މިފަދަ ފިޔަވަޅެއް އަޅަނީ ގާޒާގައި އިޒްރޭލުން ހިންގާ އަސްކަރީ އަމަލުތަކާ ސްޕޭނުން ފާޅުގައި ދެކޮޅު ހަދަމުންދާތީއެވެ. ޚާއްސަކޮށް، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ސްޕޭނުން ބަލައިގަތުމާއި، ބައިނަލްއަގުވާމީ އަދުލު އިންސާފާ ބެހޭ ކޯޓުގައި (އައި.ސީ.ޖޭ) އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ ގަތުލުއާންމުގެ މައްސަލައަށް ސްޕޭނުން ތާއީދުކުރުމުން، އެކަމުގެ ބަދަލުހިފުމުގެ ގޮތުން އިޒްރޭލުން މިކަން ކުރަނީ ކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ.
މި މައްސަލަ އިތުރަށް ހޫނުވެގެން ދިޔައީ އދ. އަށް އިޒްރޭލުން ކަނޑައަޅާފައި ހުންނަ ސަފީރު ޑެނީ ޑެނަން އާއި ސްޕޭންގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭއާ ދެމެދު ބަދަލުކުރެވުނު ބަހުގެ ހަމަލާތަކަކަށް ފަހުއެވެ. ޑެނަން ވަނީ ސްޕޭނުން އެފްރިކާގައި 'އިސްތިއުމާރީ' ސަރަހައްދުތައް ގެންގުޅޭ ކަމަށް ބުނެ ފާޑުކިޔާފައެވެ. މީގެ ރައްދުގައި މިނިސްޓަރު ޕުއެންޓޭ ވިދާޅުވީ "މިހާރު ހުރިހާ ކަމެއް ވަރަށް ސާފުވާން ފަށައިފި" ކަމަށެވެ. މިއީ މި ކަމުގައި އިޒްރޭލުގެ ނުފޫޒު އޮތް ކަމަށް ދެއްވި އިޝާރާތެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ނަމަވެސް، ސްޕޭން ސަރުކާރުން ރަސްމީކޮށް އިޒްރޭލުގެ މައްޗަށް އެއްވެސް ދައުވާއެއް ނުވަތަ ތުހުމަތެއް ކޮށްފައެއް ނުވެއެވެ. ބޮޑުވަޒީރު ސަންޗޭޒް އާއި ދާޚިލީ ވުޒާރާއިން ވިދާޅުވާ ގޮތުގައި، ހިޖުރަވެރިންގެ މި އޮއިވަރަކީ އިންސާނީ ވަގުފާރި ކުރާ ނެޓްވޯކްތަކުން ބޯޑަރުގެ ނާޒުކުކަމުގެ ފައިދާ ނަގައިގެން ހިންގާ އަމަލުތަކެކެވެ.
2024 ވަނަ އަހަރުގެ މެއި މަހު، ސްޕެއިނުން ވަނީ އަޔަލޭންޑާއި ނޯވޭއާ އެކު ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެފައެވެ. ސްޕޭންގެ ބޮޑުވަޒީރު ސަންޗޭޒް ގެންދަވަނީ ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުކުރުމަށާއި، މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ތަކުރާރުކޮށް ގޮވާލައްވަމުންނެވެ. ސްޕޭންގެ ބޮޑުވަޒީރުގެ މި ވަކާލާތުކުރުމުގެ ސަބަބުން އިޒްރޭލާއި އެމެރިކާ އަޑީގައި އޮވެގެން ކުރިން ވަނީ ސްޕޭންގެ މަޝްރަޙް ގޯސްކުރަން މުޒާހަރާތަކެއް ވެސް ކުރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!