ސީރިއާގެ ދަރްޢާ މަގުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ފަލަސްތީނަށް ނިސްބަތްވާ ދެ ޑޮކްޓަރަކު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ޑރ. ސަމީރާ މަހްވާޝް އާއި އޭނާގެ ދަރިފުޅު ޑރ. ނޫރުލް ހުދާ މޫސާ އީސާ އެވެ. މި ހާދިސާ ހިނގާފައިވަނީ އެ ދެބޭފުޅުން ދަރްޢާ މަގުން ދިމިޝްގަށް އެނބުރި ވަޑައިގަންނަވަނިކޮށެވެ.
ނިޔާވި ޑރ. ސަމީރާ މަހްވާޝް އަކީ ދިމިޝްގު ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހިއުމަން މެޑިސިންގެ ޓީޗިންގ އެސިސްޓެންޓެކެވެ. އޭނާ އަކީ އެމްބްރިއޮލޮޖީގެ އަމަލީ ސެޝަންތައް ކިޔަވައިދެއްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާގެ ދަރިފުޅު ޑރ. ނޫރުލް ހުދާ މޫސާ އީސާ އަކީ ހަމުގެ ބަލިތަކާ ބެހޭ ޚާއްސަ ޑޮކްޓަރެކެވެ.
މި ހިތާމަވެރި ޚަބަރާއެކު ސީރިއާގެ މެޑިކަލް އަދި އެކަޑަމިކް ދާއިރާގެ ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ. އެކްޝަން ގްރޫޕް ފޯ ޕަލެސްޓީނިއަންސް އޮފް ސީރިއާ އާއި ފަލަސްތީނުގެ ރެފިއުޖީންނާ ގުޅޭ އެކި މީޑިއާ ވަސީލަތްތަކުން ވަނީ މި ޚަބަރު ކަށަވަރުކޮށްދީފައެވެ. ނިޔާވި ދެ ޑޮކްޓަރުންގެ މަސައްކަތުގެ ބައިވެރިންނާއި ދާއިރާގެ އިސް ބޭފުޅުން ދަނީ އެބޭފުޅުންގެ އިލްމީ ޚިދުމަތްތައް ފާހަގަކޮށް ތައުޒިޔާ ފޮނުވަމުންނެވެ.
މި ހާދިސާއަކީ ސީރިއާގައި ދިމާވާ ޓްރެފިކް އެކްސިޑެންޓްތަކުގެ ތެރެއިން ހިނގި ހިތާމަވެރި ހާދިސާއެކެވެ. ޑޮކްޓަރުންގެ އާއިލާއާއި ގާތްތިމާގެ މީހުންނަށް ކެތްތެރިކަން ދެއްވުން އެދި ގިނަ ބަޔަކު ދަނީ ދުއާ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!