ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް އެއްބަސްވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ޣައްޒާއަށް ދިން އާ ހަމަލާތަކެއްގައި މަދުވެގެން ހަތަރު މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 6 މީހެއްގެ ހަށިގަނޑާއި 34 ޒަޚަމްވި މީހުން ހޮސްޕިޓަލްތަކަށް ގެނެވިފައިވެއެވެ.

Ad
rt

ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސް ސިޓީއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފިރިހެނަކާއި އަށް އަހަރުގެ ކުޑަކުއްޖަކު ޝަހީދުވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން މައުލޫމާތު ދެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ފޭލިގެތަކަކަށެވެ. އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް 60 އިންސައްތަ މީހުންގެ ގެދޮރު ވަނީ ސުންނާފަތިވެފައެވެ.

މީގެ އިތުރުން، ޣައްޒާގެ މެދުތެރޭގައިވާ ބުރައިޖް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއެއްގައި 18 މަހުގެ ތުއްތު ކުއްޖަކު ޝަހީދުވެ، އަށް މީހުން ޒަޚަމްވެފައިވެއެވެ. އަދި ޣައްޒާ ސިޓީގައި ބައިސްކަލެއްގައި ދިޔަ ފަލަސްތީނު މީހަކު ވެސް ވަނީ ހަމަލާއެއްގައި ޝަހީދުވެފައެވެ. އިސްރާއީލު އަސްކަރިއްޔާއިން ބުނާ ގޮތުގައި އެމީހުން ވަނީ ހަމާސްއިން ހަތިޔާރު ރައްކާކުރަން ބޭނުންކުރާ މިސްކިތަކަށް ވެސް ހަމަލާދީފައެވެ.

މި ހަމަލާތައް ދީފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ތަންފީޒުކުރުމާ ގުޅޭގޮތުން ހަމާސްގެ އޮފިޝަލުން މިޞްރު، ގަތަރު އަދި ތުރުކީގެ މެދުވެރިންނާއެކު ގާހިރާގައި މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އިސްރާއީލުން ޣައްޒާއިން ފައިބަން ދެކޮޅު ހެދުމާއި ހަމަލާތައް ހުއްޓާނުލުމުގެ ސަބަބުން މި މަޝްވަރާތައް ވަނީ މަޑުޖެހިފައެވެ.

ހަމާސްގެ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި، އެ ޖަމާއަތުން މަޝްވަރާތަކަށް "އެދެވޭ އަދި ރަނގަޅު" ޖަވާބެއް ދޭނެއެވެ. ހަމާސްއިން ބޭނުންވަނީ ސަރުކާރުގެ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރުމަށް އެއްބަސްވުމަށް ބައެއް ބަދަލުތައް ގެނައުމަށެވެ. އަދި ހަތިޔާރު އިސްރާއީލާ ހަވާލުކުރުމުގެ ބަދަލުގައި، ފަލަސްތީނުގެ އިދާރާއަކުން އެ ތަކެތި ބެލެހެއްޓުމަށް ވެސް ހަމާސްއިން ހުށަހަޅާފައިވެއެވެ.

އޮކްޓޯބަރު 2025 ގެ އެއްބަސްވުމުގެ ދަށުން ދުވާލަކު 600 އެހީގެ ލޮރީ ޣައްޒާއަށް ވައްދަން ޖެހުނު ނަމަވެސް، އިސްރާއީލުން ދަނީ އެކަމަށް ހުރަސްއަޅަމުންނެވެ. އިސްރާއީލުން އެއްބަސްވުމާ ޚިލާފުވަމުންދާއިރު، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.