ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމުގެ ތެރޭގައި، އިންޑިއާގެ ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން، ލައްކަ އަކަށްވުރެ ގިނަ ހަތިޔާރާއި، ވަޒަނާއި، އަދި އަސްކަރީ ސާމާނު ހިމެނޭހެން މަދުވެގެން 2،596 ޝިޕްމަންޓް އިސްރާއީލަށް ފޮނުވާފައިވާކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްގެ އާ ރިޕޯޓެއްގައި ބުނެފިއެވެ.

މި ރިޕޯޓް ބުނާގޮތުން 7 އޮކްޓޫބަރު 2023 އިން 30 ނޮވެމްބަރު 2025 އާ ދެމެދު ފޮނުވި މި ސާމާނުތަކުގެ ތެރޭގައި މެޝިން ގަންގެ ބައިތަކާއި، އެލްބިޓް ސިސްޓަމްސްއަށް ފޯރުކޮށްދީފައިވާ 155 މިލިމީޓަރުގެ ބާރުގަދަ އާޓިލަރީ ގޮވާތަކެތީގެ އިތުރުން، ޚާން ޔޫނިސްގެ ސުންނާފަތިވެފައިވާ ތަންތަނުން ފެނިފައިވާ ފަދަ "ކަމިކާޒޭ" ޑްރޯންތަކަށް ބޭނުންކުރާ ގޮވާތަކެތި ހިމެނެއެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާއަށް ސާމާނު ފޯރުކޮށްދޭ ބޮޑެތި ކުންފުނިތަކަށް ބޭނުންވާ އަސްކަރީ އުޅަނދުފަހަރުގެ ބައިތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.

Ad
rt

އެމްނެސްޓީގެ ރިޕޯޓުގައިވާ ގޮތުން، މީގެ ތެރޭގައި 564،970 ގޮވާތަކެތީގެ ބައިތަކާއި (ޑްރޯންގައި ހަރުކުރާ ބޮންތަކާއި އާޓިލަރީ ވަޒަން ފަދަ ތަކެތި)، އަސްކަރީ ފެންވަރުގެ ހަތިޔާރަށް ބޭނުންވާ 390،516 ބައިތަކާއި، އަދި އިސްރާއީލުގެ އަސްކަރިއްޔާއަށް ސާމާނު ފޯރުކޮށްދޭ ކުންފުނިތަކަށް ބޭނުންވާ އަސްކަރީ އުޅަނދުފަހަރުގެ 298 ބައެއް ހިމެނެއެވެ.

7 އޮކްޓޫބަރު 2023 ގައި ހަމާސްއިން ދިން ހަމަލާތަކާ ގުޅިގެން އިސްރާއީލުން ގާޒާގައި ފެށި އަސްކަރީ ހަރަކާތްތަކުގައި، 29 ޖުލައި 2026 އާ ހަމައަށް މަދުވެގެން 247،387 ފަލަސްތީނު މީހުން ވަނީ ޝަހީދުވެ ނުވަތަ ޒަހަމްވެފައެވެ.

ބުރާސްފަތި ދުވަހު ޝާއިއުކުރި "މޭޑް އިން އިންޑިއާ: ދަ ސަޕްލައި އޮފް ވެޕަންސް އެންޑް އެމިއުނިޝަން ޓު އިސްރާއީލް" ރިޕޯޓުގައި ބުނެފައިވަނީ، މި ހޯދުންތަކަކީ ވަރަށް ބޮޑަށް ބަލައިގެން ތައްޔާރުކޮށްފައިވާ ހޯދުންތަކެއް ކަމަށާއި، އިސްރާއީލުގެ އަސްކަރީ ސާމާނު ފޯރުކޮށްދޭ ނިޒާމުގައި އިންޑިއާގެ ބައިވެރިވުން މިއަށްވުރެ މާ ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިންޑިއާގެ ބައިވެރިވުން އިތުރުވުންމިއީ އޮކްޓޫބަރު 2023 ގެ ފަހުން އިންޑިއާއިން އިސްރާއީލަށް ހަނގުރާމަމަތީ ޑްރޯންތަކާއި، ބޮންތަކާއި، އަދި ހަތިޔާރުގެ ބައިތައް ފޯރުކޮށްދީ، ގާޒާގައި ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތަކަށް އެހީތެރިވަމުންދާ ކަމަށް ބުނެ ނެރުނު ސިލްސިލާ ރިޕޯޓުތަކުގެ ތެރެއިން އެންމެ ފަހުގެ ރިޕޯޓެވެ.

މެއި 2026 ގައި، ފަލަސްތީނުން އިސްނަގައިގެން ހިންގާ ބީ.ޑީ.އެސް މޫވްމަންޓާއި 'ނޯ ހާބަރ ފޯ ޖެނޮސައިޑް' (އެން.އެޗް.ޖީ) އިން ވަނީ އިންޑިއާއިން އިސްރާއީލަށް އޮހެމުންދާ އަސްކަރީ ސާމާނުތަކާ މެދު އިންޒާރު ދީފައެވެ. އެން.އެޗް.ޖީގެ ތަރުޖަމާނަކު "މިޑްލް އީސްޓް އައި" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އިސްރާއީލަކީ އަމިއްލައަށް ގިނަ ތަކެތި އުފައްދާ ގައުމެއް ނަމަވެސް، ޓެކްނޮލޮޖީގެ މަތީ ފަންތީގެ ސާމާނާއި އަސްކަރީ ދަގަނޑު ފަދަ ވަކި ހާއްސަ ބައިތަކަކަށް އެ ގައުމު ބަރޯސާވާން ޖެހޭ ކަމަށެވެ.

ހަމައެފަދައިން، އަލްޖަޒީރާއިން އިސްރާއީލުގެ ޓެކްސް އޮތޯރިޓީގެ ތަފާސްހިސާބުތަކަށް ބިނާކޮށް ހިންގި ތަހުގީގަކުން ދައްކާ ގޮތުގައި، އޮކްޓޫބަރު 2023 އިން އޮކްޓޫބަރު 2025 އާ ދެމެދު އިސްރާއީލަށް އަސްކަރީ ސާމާނު އެންމެ ގިނައިން އެކްސްޕޯޓްކުރި ދެވަނަ ގައުމަކީ އިންޑިއާއެވެ. ނަމަވެސް މި ހިސާބުތަކަކީ މުޅި މަންޒަރުގެ އެއްބައި ކަމަށާއި، މި ތަކެތި ގާޒާގައި ބޭނުންކުރި ގޮތް ކަށަވަރު ނުވާ ކަމަށް އަލްޖަޒީރާއިން ފާހަގަކޮށްފައިވެއެވެ.

އެމްނެސްޓީގެ ތަހުގީގުވެސް ބިނާކޮށްފައިވަނީ ބައިނަލްއަގުވާމީ ވިޔަފާރީގެ ކޯޑުތަކެއް ކަމަށްވާ ހާމޮނައިޒްޑް ސިސްޓަމް (އެޗް.އެސް) ކޯޑުތަކުގެ މައްޗަށެވެ. މީގެ ތެރޭގައި ހަތިޔާރާއި ވަޒަނުގެ ކޯޑުތަކުގެ އިތުރުން، އަސްކަރީ އުޅަނދުފަހަރާއި އެތަކެތީގެ ބައިތަކުގެ ކޯޑުތައް ހިމެނެއެވެ.

މި ދިރާސާ ކުރިއަށް ގެންދިޔައިރު، ހަމައެކަނި އިންޓާނަލް ނަންބަރު ޖަހާފައިވާ ތަކެއްޗާއި، އެއީ މަދަނީ ބޭނުމަކަށްތޯ ނުވަތަ އަސްކަރީ ބޭނުމަކަށްތޯ ކަށަވަރު ނުވާ ތަކެތި ވަނީ ދިރާސާއިން އުނިކޮށްފައެވެ. އަދި މިސައިލުން ދިފާއުވާ ނިޒާމުތަކަށް ބޭނުންކުރާ ސާމާނުތައްވެސް ހިމަނާފައެއް ނުވެއެވެ.

އެމްނެސްޓީން ބުނި ގޮތުގައި، މިހާ ބޮޑަށް ބަލައިގެން ހޯދުންތައް ތަރުތީބުކުރުމުގެ ސަބަބުން، އިސްރާއީލުގެ އަސްކަރީ ސިނާއަތަށް އިންޑިއާއިން ވެދޭ އެހީތެރިކަމުގެ އަސްލު މިންވަރު މި ރިޕޯޓަށްވުރެ މާ ބޮޑުވާނެއެވެ.

މި ރިޕޯޓުން ހާމަވި ގޮތުގައި، އިންޑިއާގެ ދައުލަތުގެ ބައެއް ކުންފުނިތަކާއެކު ގިނަ ކުންފުނިތަކަކުން ދަނީ އިސްރާއީލަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެމްނެސްޓީން މިކަމާ ގުޅޭގޮތުން ނުވަ ކުންފުންޏަކަށާއި އިންޑިއާ ސަރުކާރަށް ސިޓީ ފޮނުވި ނަމަވެސް، ރިޕޯޓު ޝާއިއުކުރިއިރު އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

އެމްނެސްޓީގެ ސެކްރެޓަރީ ޖެނެރަލް އަގްނެސް ކަލަމާޑް ވިދާޅުވީ، ގާޒާގައި ފަލަސްތީނު މީހުންގެ ނަސްލު ނައްތާލުމުގެ ބިރު އޮތް ކަމަށް ބައިނަލްއަގުވާމީ އަދުލު އިންސާފާ ބެހޭ ކޯޓުން ކަނޑައަޅާފައިވަނިކޮށް، އިސްރާއީލަށް ހަތިޔާރު ފޮނުވުމަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފުވުމަށް އެހީތެރިވެދޭ ކަމެއްކަން އިންޑިއާ ސަރުކާރަށް ނޭނގޭ ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

އިންޑިއާ-އިސްރާއީލް އަސްކަރީ ގުޅުންވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބެންޖަމިން ނަތަންޔާހޫގެ ޒައާމަތުގައި އިންޑިއާ އާއި އިސްރާއީލުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ.

އިންޑިއާއަކީ އިސްރާއީލުގެ ހަތިޔާރު ދުނިޔޭގައި އެންމެ ގިނައިން ގަންނަ ގައުމެވެ. އަދި އިސްރާއީލުގެ ހަތިޔާރު އުފައްދާ ބައެއް ކުންފުނިތަކުން ވަނީ އިންޑިއާގެ ކުންފުނިތަކާ ގުޅިގެން އިންޑިއާގައި ކާރުޚާނާތައްވެސް ގާއިމުކޮށްފައެވެ.

ޑިޕްލޮމެޓިކް ގޮތުން ބަލާއިރު، އިންޑިއާ ސަރުކާރަކީ އިސްރާއީލުގެ އެންމެ ވަރުގަދަ އެއް މަދަދުގާރެވެ. ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އައި.ސީ.ޖޭ އަށް ހުށަހެޅި މައްސަލާގައި ބައިވެރިވުމަށް އިންޑިއާއިން ވަނީ އިންކާރުކޮށްފައެވެ. އަދި އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ގޮވާލާ ގޮވާލުންތަކަށްވެސް އިންޑިއާއިން ބޯލަނބާފައެއް ނުވެއެވެ.

މީގެ އިތުރުން، އިންޑިއާގެ އެތެރޭގައި ފަލަސްތީނަށް ތާއީދުކޮށް ހިންގާ ހަރަކާތްތަކާއި މުޒާހަރާތައްވެސް އެ ގައުމުގެ ސަރުކާރުން ދަނީ ހުއްޓުވަމުންނެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިންޑިއާގެ މަދަނީ ޖަމިއްޔާތަކުން އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓްކުރުން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަވެސް އެ ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެފައިވަނީ، އިންޑިއާއިން ހަތިޔާރު އެކްސްޕޯޓް ކުރަނީ އެ ގައުމުގެ "ގައުމީ މަސްލަހަތަށް" ބަލައިގެން ކަމަށެވެ.

"އިންޑިއާއިން ބޭރުކުރާ ތަކެތީގެ ތެރެއިން، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން އަސްކަރީ ބޭނުންތަކާ ގުޅުންހުރި އެއްވެސް އެއްޗެއް އެކްސްޕޯޓް ކުރުމުގައި އަމަލުކުރަނީ އަޅުގަނޑުމެންގެ ގައުމީ މަސްލަހަތަށާއި ބައިނަލްއަގުވާމީ އެކި ނިޒާމުތަކަށް އަޅުގަނޑުމެން ވެފައިވާ އިލްތިޒާމުތަކުގެ މައްޗަށް ބިނާކޮށް،" ޑިސެމްބަރު 2024 ގައި ޖައިޝަންކަރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އިސްރާއީލަކީ ގައުމީ ސަލާމަތީ ކަންކަމުގައި އިންޑިއާއާ އެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. އަދި އިންޑިއާގެ ގައުމީ ސަލާމަތަށް ނުރައްކާވި އެކި ދަނޑިވަޅުތަކުގައި އިސްރާއީލުން އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.