ރ. ވާދޫ ބަނދަރުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މޮނިއުމަންޓާއި ސީޓިން އޭރިއާ ފަރުމާކުރުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ވާދޫ ކައުންސިލުން ހުޅުވާލައިފިއެވެ.
ކައުންސިލުން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، އެންމެ ރަނގަޅު ފަރުމާއަކަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ފަރުމާކުރަންޖެހެނީ ވާދޫ ރަމްޒުވާފަދަ މޮނިއުމަންޓަކާއި ބަނދަރުގެ ސީޓިން އޭރިއާ ދައްކުވައިދޭ ކުރެހުމެކެވެ. މޮނިއުމަންޓް ފަރުމާކުރަންޖެހެނީ "އުފާވެރި މާދަމާއަކަށް - ވާދޫ" މި ތީމުގެ ދަށުންނެވެ. އެގޮތުން އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް، ވާދޫގެ ސަގާފަތާއި ތާރީޚު އަދި ހުނަރު ރަމްޒުކޮށްދޭ، އަމިއްލަވަންތަ އައު ފަރުމާއަކަށް މޮނިއުމަންޓް ވާންޖެހޭނެއެވެ. އަދި އެ މޮނިއުމަންޓަކީ ސިމެންތި ނުވަތަ ފައިބަރު ފަދަ ގިނަ ދުވަހަށް ހަލާކުނުވެ ހުންނާނެ މެޓީރިއަލްއަކުން ތައްޔާރުކުރެވޭ ގޮތަށް، ދިވެހި އަދި އިންގްލިޝް ބަހުން ވާދޫގެ ނަން ޖަހައި، ދިއްލުންތަކުގެ ތަފްސީލާއި މިންތައް މިލިމީޓަރުން ބަޔާންކޮށްފައިވާ ފަރުމާއަކަށް ވާންޖެހެއެވެ.
ބަނދަރުގެ ސީޓިން އޭރިއާ ފަރުމާކުރުމުގައި، ބެންޗާއި ހަޓު ފަދަ އިށީންނާނެ ތަންތަނާއި ގަސްއިންދާ ސަރަހައްދުތައް ހިމަނައި، ބޭނުންކުރަން ފަސޭހަ ތަނަކަށް ހަދަންޖެހެއެވެ. މީގެއިތުރުން ކަރަންޓު ކޭބަލްތައް އަޅާނެ ގޮތާއި ދިއްލުންތަކާއި ކުލަތަކުގެ ތަފްސީލުތައް ކުރެހުމުގައި ހިމަނަންޖެހޭއިރު، ފަރުމާކުރަންޖެހެނީ ޗާޓުގައިވާ 52.5 ސަރަހައްދެވެ.
މުބާރާތަށް ހުށަހަޅާ ޑިޒައިންތަކަކީ ޕްރޮފެޝަނަލް 3D ސޮފްޓްކޮޕީ ފޯމެޓުގައިވާ ކުރެހުންތަކަކަށް ވާންޖެހޭނެއެވެ. އަދި މޮނިއުމަންޓުގައި އެކުލެވޭ މާނައާއި ރަމްޒުތައް ބަޔާންކުރާ ލިޔުމަކާއި، ބޭނުންކޮށްފައިވާ ފޮންޓްތަކުގެ ތަފްސީލު ހުށަހަޅަންޖެހެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ ގިނަވެގެން އެންމެ ޕްރޮޕޯސަލެކެވެ.
މުބާރާތުގެ ޑިޒައިންތަކަށް މާކްސް ދިނުމުގައި ބަލާނީ ރަމްޒުކޮށްދިނުމަށް 30 އިންސައްތަ، ފަރުމާކުރުމުގެ ފުރިހަމަކަމަށް 60 އިންސައްތަ އަދި ކުލަތައް ހިޔާރުކުރުމުގެ ފުރިހަމަކަމަށް 10 އިންސައްތައެވެ. އިންސާފުކުރާނީ ކައުންސިލް މެންބަރަކާއި، ކައުންސިލް އިދާރާގެ އެގްޒެކެޓިވްއެއްގެ އިތުރުން ކައުންސިލުން ކަނޑައަޅާ ފަންނީ ދެ ފަރާތެއް ހިމެނޭ ޖަޖުންގެ ޕެނަލަކުންނެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ހުށަހެޅުންތައް ފޮނުވުމުގެ ސުންގަޑިއަކީ 31 އޮގަސްޓް 2026 (ހޯމަ) ދުވަހުގެ 14:00 އެވެ. ހުށަހެޅުންތައް ފޮނުވަންޖެހެނީ procurement@vaadhoo.gov.mv އީމެއިލް އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!