މެދުއިރުމަތީގައި ކުރިއަށްދާ ހަމަނުޖެހުންތަކާއި ހަނގުރާމައިން އެމެރިކާއަށް ނާކާމިޔާބުވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ ހަނގުރާމަ ހުއްޓާލަން ބޭނުންފުޅުވެ ވަރަށް ބޮޑަށް ''މާޔުސްވެފައި'' ކަމަށް އީރާނުން ބުނެފިއެވެ.
ވޮޝިންޓަނާއި ތެހެރާނާ ދެމެދު ބަދަލުކުރެވެމުންދާ ބަހުގެ ހަމަލާތަކުގައި، ހަނގުރާމަ ހުއްޓާލަން ބޭނުންވަނީ ކޮން ފަރާތަކުންތޯ ކުރެވޭ ބަހުސްގައި ދެ ގައުމުން ވެސް ދަނީ އިދިކޮޅު ވާހަކަތަކެއް ފަތުރަމުންނެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އީރާނަކީ އެއްބަސްވުމަކަށް އައުމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތް ކަމަށެވެ. އެމެރިކާ އާއި އެމެރިކާގެ މިތުރު ގައުމުތަކުން ދެމުންދާ އަސްކަރީ ފިއްތުންތަކުގެ ސަބަބުން، ހަނގުރާމަ ހުއްޓާލުމަށް އެދި ''އީރާނުން އާދޭސް ކުރަމުންދާ ކަމަށް'' ޓްރަމްޕް ވަނީ ދައުވާ ކުރައްވާފައެވެ.
ނަމަވެސް، އީރާނުގެ އޮފިޝަލުންނާއި ދައުލަތުގެ މީޑިއާތަކުން މި ވާހަކަތައް ދޮގުކުރެއެވެ. އީރާނުން ސިފަކުރާ ގޮތުގައި މިއީ ޕްރޮޕެގެންޑާއެވެ. އެ ގައުމުން ބުނާ ގޮތުގައި، އިގްތިސާދީ ދަތިތަކާއި، ސަރަހައްދީސަލާމަތްތެރިކަމާއި، އަދި އާންމުންގެ ފިއްތުންތަކުގެ ސަބަބުން ހަނގުރާމައިން ސަލާމަތްވާނެ މަގެއް ހޯދުމަށް ހަގީގަތުގައި ބޭނުންވެފައިވަނީ އެމެރިކާ ސަރުކާރެވެ.
އެމެރިކާގެ ތަސައްވުރަކީ އެ ގައުމުން ދެމުންދާ އަސްކަރީ ހަމަލާތަކާއި އިގްތިސާދީ ފިއްތުންތަކުގެ ސަބަބުން އީރާނަށް މަޖުބޫރުވެގެން ނުރަސްމީ މަޝްވަރާތަކަށް އަންނަނީ ކަމަށެވެ. އަދި މި މުއާމަލާތްތަކުގައި ކުރިލިބިފައިވަނީ ވޮޝިންޓަނަށް ކަމަށް ޓްރަމްޕް ގަބޫލުފުޅު ކުރައްވައެވެ.
އަނެއްކޮޅުން، ތެހެރާނުން ބުނަމުންދަނީ ބިރުދެއްކުމާއި ހަރުކަށި މުހުލަތުތަކުގެ ދަށުން އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށެވެ. އެމެރިކާއިން ޑިޕްލޮމެޓިކް ހައްލަކަށް ގޮވާލަމުންދަނީ ހަނގުރާމައިގެ ސަބަބުން ކުރިމަތިވަމުންދާ ހަރަދުތަކާއި، ހޯރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސްއެޅުމުގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ ލޮޅުންތަކުގެ ސަބަބުން މާޔޫސްވެގެން ކަމަށް އީރާނުން ސިފަކުރެއެވެ.
ބައިނަލްއަގުވާމީ މުހައްލިލުން ފާހަގަކުރާ ގޮތުގައި، ދެ ގައުމުން ވެސް މިހާރު ކުރިއަށް ގެންދަނީ މައުލޫމާތުގެ ހަނގުރާމައެކެވެ. މިއީ ބައިނަލްއަގުވާމީ ދުނިޔޭގެ ނަޒަރިއްޔާތު ބަދަލުކުރުމަށާއި، ޕާކިސްތާން ފަދަ މެދުވެރިން މެދުވެރިކޮށް ކުރިއަށްދާ ނުރަސްމީ މަޝްވަރާތަކުގައި ބާރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ބެލެވެއެވެ.
ނަމަވެސް ހަގީގަތަކީ ގިނަކަންޏާ އެމެރިކާއާއި އިސްރާއީލާއި އަދި ވަަށައިގެންވާ ގައުމުތަކާއި ދެކޮޅަށް އީރާނުން ކުރަމުން އަންނަ ހިތްވަރަށް ބަދަލެއް ނާންނަކަމެވެ. އަދި އެ ހުރިހާ ގައުމުތަށް އެކުވެގެން ވެސް އީރާނު ބަލިކޮށްލެވިފައިނުވާކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!