ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ދުނިޔޭގެ އަންހެނުންނަށް ޚާއްޞަ އެންމެ ބޮޑު، މަޝްހޫރު ޕްރިންސަސް ނޫރާ ބިންތި އަބްދުއްރަހްމާން ޔުނިވަރސިޓީ (ޕީ.އެން.ޔޫ) ގެ ރައީސްގެ މަގާމަށް ޑރ. ނަޖްލާ ބިންތި އަބްދުﷲ އަލް-ތުވައިޖްރީ އައްޔަންކުރައްވައިފިއެވެ.
ޑރ. ނަޖްލާ ބިންތި އަބްދުﷲ އަލް-ތުވައިޖްރީ މި މަގާމަށް ޢައްޔަނުކުރެއްވީ ސައުދީގެ ރަސްކަމުގެ ގަރާރަކުންނެވެ.
ޑރ. ނަޖްލާއަކީ އެ ޔުނިވަރސިޓީގައި ގިނަ ދުވަސްތަކެއް ވަންދެން އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ޔުނިވަރސިޓީގެ ނައިބު ރައީސާގެ މަގާމާއި، ފާމަސީ ކޮލެޖުގެ ޑީންގެ މަގާމުގެ އިތުރުން ފާމަސޫޓިކަލް ސައިންސަސް ޑިޕާޓްމަންޓުގެ ޗެއާގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން ސައުދީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ދަށުން ހިންގާ ގައުމީ ފެންވަރުގެ އެކި ކޮމިޓީތަކާއި ޔުނިވަރސިޓީގެ ސައިންޓިފިކް ކައުންސިލްގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.
ތައުލީމީ ދާއިރާއަށް ބަލާއިރު، ޑރ. ނަޖްލާ ވަނީ ސްކޮޓްލޭންޑްގެ ޔުނިވަރސިޓީ އޮފް ސްޓްރެތްކްލައިޑުން ފާމަސޫޓިކަލް ސައިންސަސްގެ ދާއިރާއިން ޕީއެޗްޑީ އަދި ފާމަސޫޓިކަލް އެނަލިސިސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ. އޭނާގެ ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ ކިންގް ސައުދު ޔުނިވަރސިޓީންނެވެ.
މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ޑރ. ނަޖްލާ ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ބޮޑު ޝަރަފެއްގެ އިތުރުން، އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރުމުގައި ދެމިހުންނަންޖެހޭ ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ.
ސައުދީ ސަރުކާރުން މަތީ ތައުލީމަށް ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވަމުން ޑރ. ނަޖްލާ ވިދާޅުވީ، އެކަމުގެ ސަބަބުން ސައުދީގެ ޔުނިވަރސިޓީތަކުގެ ފެންވަރު މަތިވެ، ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭނެ ގާބިލްކަން ލިބިފައިވާ ކަމަށެވެ. އަދި ޕްރިންސަސް ނޫރާ ޔުނިވަރސިޓީއަކީ ތައުލީމާއި ލީޑަރޝިޕްގެ ދާއިރާއިން ސައުދީ އަންހެނުން ހޯދަމުންދާ ކާމިޔާބީތަކުގެ ރަމްޒެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި ޔުނިވަރސިޓީގެ މުވައްޒަފުންނާއި ކިޔަވައިދޭ ބޭފުޅުންނާ ގުޅިގެން، އެ ތަނުގެ ތައުލީމީ ފެންވަރު އިތުރަށް މަތިކޮށް، އާ އީޖާދުތަކަށް މަގުފަހިކޮށްދީ، ގައުމީ ތަރައްގީގައި ޔުނިވަރސިޓީގެ ދައުރު ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޑރ. ނަޖްލާ ވިދާޅުވިއެވެ.
ޕްރިންސަސް ނޫރާ ބިންތި އަބްދުއްރަހްމާން ޔުނިވަރސިޓީ (ޕީ.އެން.ޔޫ)ގެ ކުރު ތަޢާރަފެއް
ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ޕްރިންސަސް ނޫރާ ބިންތި އަބްދުއްރަހްމާން ޔުނިވަރސިޓީއަކީ ދުނިޔޭގެ އެންމެ ބޮޑު އަންހެނުންގެ ޔުނިވަރސިޓީއެވެ. މި ޔުނިވަރސިޓީގެ ބިންގަލަކީ 1970 ވަނަ އަހަރު އުފެއްދި ސައުދީގެ ފުރަތަމަ އަންހެނުންގެ ކޮލެޖެވެ. 2006 ވަނަ އަހަރު ޔުނިވަރސިޓީއެއްގެ ގޮތުގައި ރަސްމީކޮށް ހަމަޖެހިގެން ދިޔައިރު، 2008 ވަނަ އަހަރު މި ތަނަށް ނަން ދެވުނީ ސައުދީ އަރަބިއްޔާގެ ބާނީ ކިންގް އަބްދުލްއަޒީޒްގެ ދައްތާފުޅު ޕްރިންސަސް ނޫރާގެ ނަންފުޅާ ގުޅުވައިގެންނެވެ.
މި ޔުނިވަރސިޓީގައި ބޭސްވެރިކަމާއި، އިންޖިނިއަރިންގް، ވިޔަފާރި، އަދި އިންސާނީ އިލްމުތައް ހިމެނޭހެން 20 އަށްވުރެ ގިނަ ކޮލެޖުތައް ހުރެއެވެ. މިތަނުން ޑިޕްލޮމާއިން ފެށިގެން މަތީ ތައުލީމުގެ އެކި ފެންވަރުގެ ކޯސްތަކުގައި އެތައް ހާސް އަންހެން ދަރިވަރުންނެއް ތައުލީމު ހާސިލުކުރަމުންދެއެވެ.
8 މިލިއަން އަކަމީޓަރަށްވުރެ ބޮޑު މި ކެމްޕަހަކީ ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ވަސީލަތްތަކުން ފުރިގެންވާ ތަނެކެވެ. މީގެ ތެރޭގައި 14 ކިލޯމީޓަރުގެ އޮޓޮމެޓިކް މެޓްރޯ ނިޒާމަކާއި، 300 އެނދުގެ ޓީޗިންގް ހޮސްޕިޓަލެއްގެ އިތުރުން، ރޮބޮޓިކް ސިސްޓަމް ބޭނުންކުރާ ބޮޑު ކުތުބުޚާނާއެއް ހިމެނެއެވެ. މީގެ އިތުރުން ކުޅިވަރު ކޮމްޕްލެކްސްތަކާއި ދިރާސާ ކުރާ މަރުކަޒުތައްވެސް މި ކެމްޕަހުގައި ގާއިމުކޮށްފައިވެއެވެ.
ޕްރިންސަސް ނޫރާ ޔުނިވަރސިޓީގެ މައިގަނޑު މަގްސަދަކީ ސައުދީ އަންހެނުން ބާރުވެރިކުރުވުމެވެ. މަތީ ތައުލީމާއި ސައިންޓިފިކް ދިރާސާތަކުގެ ޒަރީއާއިން، އެކި ދާއިރާތަކުގެ އިސް މަގާމުތަކަށް އަންހެނުން ތައްޔާރުކުރުމަކީ މި ޔުނިވަރސިޓީން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!