އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ، ދުނިޔޭގެ އިގްތިސާދީ މުހިންމު ރާސްތާއެއް ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ މަސްރަހު ގޯސްވެފައިވާއިރު، އެމެރިކާއިން ދެމުންދާ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު އެ ކަނޑުއޮޅި އާންމު ހާލަތަށް ނުގެންނާނެ ކަމަށް އީރާނުން ބުނެފިއެވެ.

އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމުގެ އިންޒާރުމި ކުރިމަތިލުންތައް އިތުރަށް ހޫނުވެގެން ދިޔައީ، އީރާނުގެ މިސައިލް ނުވަތަ ޑްރޯން ހަމަލާއަކުން އެމެރިކާގެ އަސްކަރީ ނުވަތަ ވިޔަފާރި އުޅަނދަކަށް ގެއްލުމެއް ލިބިއްޖެނަމަ، އޭގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ބްރިޖެއް ނުވަތަ އިންޖީނުގެއެއް ފަދަ މުހިންމު ބިނާއެއް ގޮއްވާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެންނެވެ.

Ad
rt

މި އިންޒާރަށް ރައްދު ދެއްވަމުން އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފް ވިދާޅުވީ، އީރާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ނަމަ، މުޅި ސަރަހައްދުގެ އެއްވެސް އުމްރާނީ ވަސީލަތެއް އަމާންކޮށް ނޯންނާނެ ކަމަށެވެ. އަދި ހޯރްމޫޒް ކަނޑުއޮޅި ދެން ދުވަހަކުވެސް ކުރީގެ ހާލަތަށް ރުޖޫޢަ ނުވާނެ ކަމަށާއި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް އައު ގަވާއިދުތަކާއި ފީތަކެއް ކަނޑައަޅާނެ ކަމަށް އީރާނުން ވަނީ އިއުލާނުކޮށްފައެވެ.

ވިދިވިދިގެން 12 ރޭ ހަމަލާދިނުންއެމެރިކާގެ މަރުކަޒީ ކޮމާންޑް ސެންޓްކޮމް އިން ވަނީ ވިދިވިދިގެން 12 ވަނަ ރެޔަށް އީރާނުގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި އީރާނުގެ ޑްރޯން ރައްކާކުރާ ގުދަންތަކާއި، އަސްކަރީ މަރުކަޒުތަކާއި ކަނޑުގެ އޮޕަރޭޝަންތައް ހިންގާ މަރުކަޒުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

މި ހަމަލާތަކުގައި މިހާތަނަށް އީރާނުގެ 50 އަށްވުރެ ގިނަ މީހުން މަރުވެ، 600 އެއްހާ މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކު، އީރާނުން ފޮނުވާލި ބައެއް މިސައިލްތަކާއި ޑްރޯންތައް އުރުދުން އާއި ގަލްފުގެ ބައެއް ގައުމުތަކުން ވަނީ ވައިގެ ތެރޭގައި ގޮއްވާލާފައެވެ.

އިގްތިސާދީ ގޮތުން ކުރާ އަސަރުމި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މި މަހުގެ ކުރީކޮޅު ފީފާއެއް 72 ޑޮލަރުގައި ހުރި ބްރެންޓް ކްރޫޑް ތެލުގެ އަގު މިހާރު ވަނީ 93 ޑޮލަރަށް އަރާފައެވެ.

ހަނގުރާމައިގެ ޚަރަދުތަކާ ގުޅޭގޮތުން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ، މިހާތަނަށް މި އޮޕަރޭޝަންތަކަށް 37.5 ބިލިއަން ޑޮލަރު ހޭދަވެފައިވާ ކަމަށެވެ. އަދި ހަތިޔާރު އުފެއްދުމަށާއި އަސްކަރީ ބޭނުންތަކަށް އިތުރު 67 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ވަނީ މި ހަނގުރާމައަށް އެހީތެރިވުމުގެ ގޮތުން 95 ބިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކޮށްފައެވެ.