ސްޕެއިން އާއި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ބައްދަލުކުރާ ފައިނަލް މެޗާއެކު، ފުޓްބޯޅައިގެ ތާރީޚުގައި ބޭއްވުނު އެންމެ ބޮޑު މުބާރާތް ނިމުމަކަށް އަންނާނެއެވެ.

އަންގާރަ ދުވަހު ނިއު ޖާޒީގައި ކުޅޭ މި ފައިނަލް މެޗުގެ ފަހު ފުމެލުމާއެކު، ތިން ގައުމެއްގައި ހަ ހަފުތާގެ މުއްދަތަށް ކުރިއަށްދިޔަ މި މުބާރާތުގައި ރެކޯޑް އަދަދެއް ކަމަށްވާ 104 މެޗު ކުޅެ ނިމޭނެއެވެ.

Ad
rt

މި ފަހަރުގެ މުބާރާތުން ފެނިގެންދިޔައީ އުންމީދު ނުކުރާ ފަދަ ނަތީޖާތަކާއި، ހައިރާންކުރުވަނިވި އަނބުރާލުންތަކުގެ އިތުރުން، ފުޓްބޯޅައިގެ އެންމެ ބޮޑެތި ތަރިންގެ ފަރާތުން ފެނުނު ފުރިހަމަ ކުޅުމެވެ.

ތާރީޚީ ފައިނަލް ކުޅޭ ސްޓޭޑިއަމް

މީގެ އިތުރުން، މި މުބާރާތުގައި ބައެއް ހިޔާލުތަފާތުވުންތައް ވެސް އުފެދުނެވެ. އީރާން ބައިވެރިވުމާ ގުޅިގެން އުފެދުނު ސިޔާސީ ނުތަނަވަސްކަމާއި، ސަޕޯޓަރުންގެ މެދުގައި މާ ބޮޑު މަގުބޫލުކަމެއް ނުލިބުނު 'ހައިޑްރޭޝަން ބްރޭކް' ފަދަ އައު ކަންކަމަށް އަމާޒުވި ފާޑުކިޔުންތައް މީގެ ތެރޭގައި ހިމެނެއެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުނު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފާހަގަކޮށްލެވުނު މުހިންމު ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

އިތުރު ޓީމުތަކާއެކު ފޯރިގަދަވުން

މުބާރާތުގެ ފޯމެޓް 48 ޓީމަށް ބަދަލުކުރުމުން، ގްރޫޕް ސްޓޭޖުގެ ފޯރި ކުޑަވެ، އެއްކޮޅަށް މެޗުތައް ބުރަވެދާނެ ކަމުގެ ބިރު އޮތެވެ. ނަމަވެސް، ކޭޕް ވާޑް، ކޮންގޯ އަދި ކުރަސާއޯ ފަދަ ގައުމުތަކުން ވަނީ އައު ތާރީޚެއް ލިޔެ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައެވެ.

ސްޕޭންގެ ތަރި ޔަމާލްގެ ހޯމް ޓައުން

ކޭޕް ވާޑުން ވަނީ އެ ގައުމުގެ ފުރަތަމަ މެޗުގައި ސްޕެއިންއާ އެއްވަރުކޮށް، ގަދަ 32 ގެ ބުރަށް ދަތުރުކޮށްފައެވެ. އަދި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގެ އިތުރު ވަގުތުގައި 3-2 އިން ބަލިވުމުގެ ކުރިން، އެޓީމަށް ވަނީ ވަރުގަދަ ނުރައްކަލެއް ކުރިމަތިކުރުވާފައެވެ. ކޭޕް ވާޑްގެ އުމުރުން 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާ އަކީ މި މުބާރާތުން ފާހަގަވި އެންމެ ބޮޑު އެއް ތަރިއެވެ.

ކޭޕް ވާޑްގެ ކީޕަރ ބޯޅައެއް ފޮނުވާލާއިރު މެސީ އެ ބޯޅަ ހޯދުމަށް މަސައްކަތް ކުރަނީ، ކޭޕް ވަޑާއި ކީޕަރ ވަނީ ދުނިޔެ ހައިރާންކޮށްލާފައި، ފޮޓޯ: ރޮއިޓާސް

ކޮންގޯ އިން ވެސް ގްރޫޕް ސްޓޭޖް ފަހަނައަޅައި ގޮސް، އިނގިރޭސިވިލާތާ ދެކޮޅަށް ވަރުގަދަ ކުޅުމެއް ދެއްކިއިރު، ކުރަސާއޯ އިން ވެސް ވަނީ ގްރޫޕްގެ ފަހު މެޗާ ހަމައަށް ނޮކައުޓް ބުރަށް ދިއުމުގެ އުންމީދު ދަމަހައްޓާފައެވެ.

މޮރޮކޯގެ ކުޅުންތެރިން ޝުކުރުގެ ސަޖިދައެއްގައި، ފޮޓޯ: ގެޓީ އިމޭޖްސް

ފީފާ އިން އިތުރު ޓީމުތަކަށް ދިން ފުރުސަތުގެ ބޭނުން ހިފައި، އެ ގައުމުތަކަކީ ވެސް ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައި ވާދަކުރެވޭނެ ފެންވަރުގެ ޓީމުތަކެއްކަން ވަނީ ސާބިތުކޮށްދީފައެވެ. އެހެންނަމަވެސް، ސެމީ ފައިނަލަށް ދަތުރުކުރީ ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ އަދި ކުރީގެ ޗެމްޕިއަނުން ކަމަށްވާ އާޖެންޓީނާ، ސްޕެއިން، ފްރާންސް އަދި އިނގިރޭސިވިލާތެވެ.

ބޮޑެތި ތަރިންގެ ވިދުން

ރަން ބޫޓުގެ ރޭހުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީ، ކީލިއަން އެމްބާޕޭ، އާލިން ހާލަންޑް، ހެރީ ކޭން އަދި ޖޫޑް ބެލިންހަމް ވަނީ ތަފާތު ދައްކާފައެވެ.

މެޗުގައި ހާލަންޑް ކާމިޔާބުކޮށްދިން ދެވަނަ ލަނޑުގައި ބޯޅަ ފޮނުވާލަނީ، ފޮޓޯ: ގެޓީ އިމޭޖްސް

ފައިނަލް މެޗާ ހަމައަށް އައިއިރު، 10 ލަނޑާއެކު އެމްބާޕޭ ހުރީ އެންމެ ކުރީގައެވެ. އޭނާ ވަނީ ވޯލްޑް ކަޕް ތާރީޚުގައި ޖުމްލަ 22 ލަނޑު ޖަހައި ރެކޯޑް ގާއިމުކޮށްފައެވެ. މެސީ މި މުބާރާތުގައި 8 ލަނޑު ޖަހާފައިވާއިރު، އޭނާގެ ޖުމްލަ ލަނޑުގެ އަދަދަކީ 21 އެވެ.

ރޮނާލްޑޯ ސްޕޭންގެ ގޯލަށް ހަމަލާއެއް ފޮނުވާލަނީ، ފޮޓޯ: އޭޕީ

ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕުގައި ޕޯޗުގަލްއަށް ކާމިޔާބީއެއް ހޯދައިނުދެވުނުއިރު، ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ އަނިޔާއިން ސަލާމަތްވެ، މުބާރާތުގެ ފަހުކޮޅު މޮޅު ކުޅުމެއް ދައްކާފައެވެ.

މިސްރުގެ ތަރި ސަލާހް، ފޮޓޯ: ގެޓީ އިމޭޖްސް

ޓެކްނޮލޮޖީއާ މެދު އުފެދުނު ޝަކުވާތައް

ވީއޭއާރު މެދުވެރިކޮށް ނިންމި ބައެއް ނިންމުންތަކަކީ ވަރަށް ބޮޑަށް ބަހުސްކުރެވުނު ކަންކަމެވެ. މީގެ ސަބަބުން ޖަރުމަނުވިލާތް، ކްރޮއޭޝިއާ އަދި މިޞްރުގެ މުހިންމު ލަނޑުތަކެއް ވަނީ ބާތިލުކޮށްފައެވެ.

ގަދަ 16 ގެ ބުރުގައި އާޖެންޓީނާ އަތުން 3-2 އިން ބަލިވި މެޗަށްފަހު، މިޞްރުގެ ކޯޗު ހުސާމް ހަސަން ވަނީ ވަރަށް ބޮޑަށް ކޯފާވެ ވާހަކަދައްކަވާފައެވެ.

Screenshot

"އަހަރެމެންނަށް ވަނީ ބޮޑު ބޭއިންސާފެއް ކުރިމަތިވެފައި،" މެޗުގެ ނަތީޖާ 1-0 ގައި އޮއްވައި މިޞްރުގެ ލަނޑެއް ބާތިލުކުރުމާ ގުޅިގެން އޭނާ ވިދާޅުވިއެވެ.

ސެންސަރު ހަރުކޮށްފައިވާ ހައި-ޓެކް ބޯޅައިގެ ސަބަބުން ކްރޮއޭޝިއާއަށް ވެސް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. ގަދަ 32 ގެ ބުރުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި، ކްރޮއޭޝިއާގެ ލަނޑެއް އޮފްސައިޑް ކަމަށް ނިންމީ ބޯޅައިގައި ކުޅުންތެރިއެއްގެ ވަރަށް ކުޑަ އަތްލުމެއް ހުރިކަން ޓެކްނޮލޮޖީގެ އެހީގައި ދެނެގަނެވުމުންނެވެ.

"މިފަދަ ނިންމުންތަކުގެ ސަބަބުން ފުޓްބޯޅައިގެ އުފާވެރިކަން ގެއްލިގެންދޭ،" އެ މެޗަށްފަހު މަގާމުން އިސްތިއުފާ ދެއްވި ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނެފަވެެއެވެ.