މީގެ ގާތްގަނޑަކަށް ނަވާރަ އަހަރު ކުރިން، ފޮޓޯގްރާފަރު ޖޯން މޮންފޯޓް، ފުރާވަރުގެ ލިއޮނަލް މެސީ ތުއްތު ކުއްޖަކަށް ފެންވަރުވަން އިންނަ ފޮޓޯއެއް ނެގިއިރު، އެއީ ކިހާވަރެއްގެ ތާރީޚީ ފޮޓޯއަކަށް ވާނެ ކަމަކަށް އޭނާ ހީވެސް ނުކުރެއެވެ. ނަމަވެސް، އަހަރުތަކެއް ފަހުން އެ ތުއްތު ކުއްޖާއަކީ ދުނިޔޭގެ ފުޓްބޯޅައިގެ އުުންމީދީ ތަރި ލަމީން ޔަމާލްކަން އެނގުމުން، މިއީ ގަބޫލުކުރަންވެސް ދަތި އިއްތިފާގަކަށް ވަނީ ވެފައެވެ.

މިއަދު މުޅި ދުނިޔޭގައި އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ، އަންނަ އާދީއްތަ ދުވަހު ބާއްވާ ވޯލްޑް ކަޕް ފައިނަލްގައި، މެސީގެ އާޖެންޓީނާ އާއި ޔަމާލްގެ ސްޕެއިން ބައްދަލުކުރާ ވާހަކައެވެ. މެސީގެ އަތްމަތީގައި އޮތް އެ ތުއްތު ކުއްޖާ، މިއަދު ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ތަށީގެ ކުރިމަތީގައި މެސީއާ ދެކޮޅަށް ނުކުންނަން ތައްޔާރުވުމަކީ، ގިނަ ބަޔަކު ސިފަކުރާ ގޮތުގައި ފުޓްބޯޅައިގެ ޖާދޫއެކެވެ.

Ad
rt

"އަހަރެންނަކީ ދުވަހަކުވެސް ތަޤްދީރުގައި ލިޔެވިފައިވާ ކަންކަމަށް މާބޮޑަށް ގަބޫލުކުރާ މީހެއް ނޫން. އެކަމަކު މިހާރު ހިތުގައި ސުވާލު އުފެދެން ފަށައިފި. މިއީ އާދައިގެ ބުއްދިއަށް ގަބޫލުކުރެވޭނެ ކަމެއް ނޫން،" ބާސެލޯނާގައި ހުރެ ދިން އިންޓަވިއުއެއްގައި އެ ފޮޓޯތައް ނެގި ޖޯން މޮންފޯޓް ބުނެފަވެއެވެ.

ޔަމާލް އާއި މެސީ، ފޮޓޯ: ޖޯން މޮންފޯޓް

މި ފޮޓޯތަކަކީ 2007 ވަނަ އަހަރު، ލޯކަލް ނޫހެއް ކަމަށްވާ 'ސްޕޯޓް' އާއި ޔުނިސެފް ގުޅިގެން ހެޔޮއެދޭ ކަންކަމަށް ފައިސާ ހޯދުމަށް ތައްޔާރުކުރި ކަލަންޑަރަކަށް ނަގާފައިވާ ފޮޓޯތަކެކެވެ. މިއީ ގުރުއަތުން ހޮވުނު އާއިލާތަކުގެ ތެރެއިން ޔަމާލްގެ މަންމައަށް ލިބުނު ފުރުސަތެކެވެ. އޭރު އެއްވެސް މީހަކަށް ނޭނގޭ ކަމަކީ، އެދުވަހު މެސީގެ އަތްމަތީގައި އޮތް ކުއްޖާއަކީ 15 އަހަރު ފަހުން ބާސެލޯނާގެ ތަރިއަކަށްވެ، މެސީއާ އެއް ހަމައެއްގައި ފައިނަލެއްގައި ކުޅޭނެ ކުއްޖެއް ކަމެވެ.

ކުލަބުގެ މާލީ ހާލަތު ހުރިގޮތުން 2021 ވަނަ އަހަރު މެސީ ބާސެލޯނާ ދޫކޮށް ދިޔައީ ކަރުނައާ އެކުގައެވެ. އޭގެ ދެ އަހަރު ފަހުން ޔަމާލް އެ ކުލަބުން ފާހަގަވާން ފެށިއެވެ. މިއަދު މި ދަތުރު މިވަނީ ފުރިހަމަވެފައެވެ. 19 އަހަރުގެ ޔަމާލް ނުކުންނަނީ އޭނާއަށްވުރެ 20 އަހަރު ދޮށީ، ދުނިޔެދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީއާ ދެކޮޅަށެވެ.

ޔަމާލް އާއި މަންމަ ޝީލާ އަދި މެސީ، ފޮޓޯ: ޖޯން މޮންފޯޓް

"ޔަމާލްއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ. އޭނާގެ ކުރިމަތީގައި އޮތީ އުޖާލާ މުސްތަގުބަލެއް. އެ ފޮޓޯއަކީ ވަރަށް އަޖައިބު ކަމެއް. އޭނާ ތުއްތުއިރު އަހަރެންގެ އަތްމަތީގައި އޮވެފައި، މިއަދު ދެމީހުން ކުރިމަތިލާން ޖެހުމަކީ ހަގީގަތުގައިވެސް ހައިރާންކުރުވަނިވި ކަމެއް،" މެސީ ބުންޏެވެ.

މި މަޝްހޫރު ފޮޓޯގެ ހަނދާން އެންމެންގެ އާވީ، 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިން ޔަމާލްގެ ބައްޕަ އެ ފޮޓޯ މީސްމީޑިއާގައި ހިއްސާކުރުމުންނެވެ. ޔަމާލް ސްޕެއިނާއެކު ޔޫރޯ ކާމިޔާބުކުރި ފަހުން، މިހާރު ވޯލްޑް ކަޕް ފައިނަލާ ދިމާކޮށް މި ފޮޓޯގެ މަގުބޫލުކަން ވަނީ އިންތިހާއަށް އުފުލިފައެވެ.

މެސީ އާއި ޔަމާލްގެ ތާރީޚީ ފޮޓޯތަކުގެ ފަހަތުގައިވާ ހަގީގަތް

ސްޕެއިންގެ ކުޅުންތެރިޔާ މިކޭލް މެރީނޯ ބުނިގޮތުގައި، އޭނާ އެންމެ ފުރަތަމަ އެ ފޮޓޯ ފެނުމުން ހީކުރީ އެއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ފޭކު ފޮޓޯއެއް ކަމަށެވެ.

ފައިނަލް މެޗަށް ދުނިޔެ އިންތިޒާރު ކުރަމުންދާއިރު، ބާސެލޯނާގެ ސަޕޯޓަރުން ތިބީ ދެކަފިވެފައެވެ. އެއްކޮޅުން އެ ކުލަބުގެ ތާރީޚީ ލެޖެންޑް މެސީއެވެ. އަނެއްކޮޅުން ކުލަބުގެ އުުންމީދީ މުސްތަގުބަލު ޔަމާލްއެވެ. ފޮޓޯގްރާފަރު މޮންފޯޓް ބުނާގޮތުން، އޭނާގެ ހިތްވެސް އޮތީ ދެބަޔަށް ބެހިފައެވެ. މެސީއަށް އޮތް ލޯތްބާއި، ސްޕެއިންގެ އައު ޖީލު ރަމްޒުކޮށްދޭ ޔަމާލްއަށް އޮތް ފަޚުރުވެރިކަމުގެ ސަބަބުން، މޮޅުވާންވީ ކޮން ފަރާތެއްކަން ބުނަން އޭނާއަށްވެސް ދައްޗެވެ.