ދުނިޔޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕް 2026 ގެ ފައިނަލަށް ސްޕޭން އާއި އާޖެންޓީނާ ދަތުރުކޮށްފައިވާއިރު، މީސްމީޑިއާގައި މި ދުވަސްވަރު އެންމެ ބޮޑު ސަމާލުކަމެއް ލިބިފައި ވަނީ ލަމީން ޔަމާލް އާއި އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ލިއޮނަލް މެސީގެ މީގެ 18 އަހަރު ކުރީގެ ފޮޓޯތަކަކަށެވެ. ގިނަ ބަޔަކު މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯތަކެއް ކަމަށް ޝައްކުކުރި ނަމަވެސް، ޔުނިސެފުން މިވަނީ މި ފޮޓޯތަކުގެ އަސްލު ހަގީގަތް ހާމަކޮށްދީފައެވެ.
ޔުނިސެފުން ބުނިގޮތުގައި، މި ފެންނަނީ މުޅިން އަސްލު ފޮޓޯތަކެކެވެ. މިއީ 2007 ވަނަ އަހަރު ޔުނިސެފާއި އެފް.ސީ ބާސެލޯނާ ގުޅިގެން، 2008 ވަނަ އަހަރުގެ ފަންޑްރައިޒިންގ ކަލަންޑަރަކަށް ތައްޔާރުކުރުމަށް ބޭއްވި ފޮޓޯޝޫޓެއްގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެކެވެ. އެ ދުވަހު އުމުރުން އެންމެ 20 އަހަރުގެ މެސީއާ ބައްދަލުވީ އޭރު އުމުރުން އެންމެ 5 ނުވަތަ 6 މަހުގެ ތުއްތު ޔަމާލް އާއި އޭނާގެ މަންމަ ޝީލާ އެބާނާއެވެ.
މި ތާރީޚީ ފޮޓޯތައް ނަގާފައިވަނީ ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމްގެ ޗޭންޖިންގ ރޫމްގައެވެ. ޔަމާލްގެ އާއިލާއަށް މި ފުރުސަތު ލިބުނީ ޔުނިސެފުން ރޮކަފޮންޑާގައި ކުރިއަށްގެންދިޔަ ގުރުއަތަކުން ހޮވުމާ ގުޅިގެންނެވެ. ފޮޓޯގްރާފަރު ޖޯން މޮންފޯޓް ހާމަކުރި ގޮތުގައި، އޭރު ޒުވާން މެސީ އަކީ ވަރަށް ލަދުގަނެފައި ހުންނަ ކުޅުންތެރިއެކެވެ. ނަމަވެސް ތުއްތު ޔަމާލް ހިނިތުންވެފައި ހުރުމާއި، ކުޅޭ ރަބަރު އަސްދޫންޏެއް ބޭނުންކޮށްގެން މާހައުލު ހަމައަކަށް އެޅުވުމުން، މިއަދު ދުނިޔެ ހިތްދަމައިގެންފައިވާ މި ފޮޓޯތައް ނެގުނެވެ. މީގެ ތެރޭގައި މެސީ ތުއްތު ޔަމާލް ފެންވަރުވައިދޭ މަންޒަރާއި، ތުވާލި އޮޅައިގެން އުރާލައިގެން ހުންނަ މަންޒަރުތައް ހިމެނެއެވެ.
ޔަމާލް އާއި މަންމަ ޝީލާ އަދި މެސީ، ފޮޓޯ: ޖޯން މޮންފޯޓް
މިއަދު ޔަމާލް އާއި މެސީ ދަނޑުމަތީގައި ދައްކަމުންދާ ކުޅަދާނަކަމަކީ އެތައް މިލިއަން ބައެއްގެ ހިތްތަކަށް އުންމީދު އާކޮށްދޭ ކަމެކެވެ. ޔުނިސެފުން ފާހަގަކުރި ގޮތުގައި، ދަނޑުން ބޭރުގައިވެސް މެސީ އާއި ލަމީން ޔަމާލްއަކީ ޔުނިސެފްގެ ގުޑްވިލް އެމްބަސެޑަރުންގެ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކޮށް، އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކަމުންދާ ދެ ފަރާތެވެ.
ޔަމާލް އާއި މެސީ، ފޮޓޯ: ޖޯން މޮންފޯޓް
"އަޅުގަނޑުމެންގެ މަގްސަދަކީ ކޮންމެ ކުއްޖަކަށްމެ ފުރިހަމަ ސިއްހަތެއްގައި ބޮޑުވެ، އެކުދިންގެ ކިބައިގައިވާ ހުނަރުތައް ކުރިއަރުވައި، ކާމިޔާބު މުސްތަގުބަލެއް ބިނާކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. މި ދެ ތަރިންނަކީ އަޅުގަނޑުމެންގެ ޓީމުގެ މެންބަރުން ކަމުގައިވާތީ، އެކަމާ ފަހުރުވެރިވަމެވެ،" ޔުނިސެފުން ހާމަކޮށްފައިވެއެވެ.
މީގެ 18 އަހަރު ކުރިން ނަގާފައިވާ މި ފޮޓޯތަކަކީ، އެއްވެސް އިއްތިފާގަކަށްވުރެ ބޮޑަށް، ދެ ޖީލެއްގެ ދެ ލެޖެންޑުން ބައްދަލުވި ތާރީޚީ ސިކުންތުކޮޅެއްކަން މިއަދު ދުނިޔެ ވަނީ ބަލައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!