އަންނަ އާދީއްތަ ދުވަހު އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ރެފްރީއަކަށް ސްލޮވީނިއާގެ ސްލާވްކޯ ވިންސިޗް ހަމަޖައްސައިފިކަން ފީފާއިން އިޢުލާންކޮށްފިއެވެ.
މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައިވެސް ރެފްރީކަން ކޮށްފައިވާ ވިންސިޗް، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ފެންނާނެ ފުރަތަމަ ފަހަރެވެ. ފީފާއިން މި ނިންމުން ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މިއީ ޖެހިޖެހިގެން ދެވަނަ ފަހަރަށް، އާޖެންޓީނާ ކުޅޭ ވޯލްޑް ކަޕް ފައިނަލެއްގައި ޔޫރަޕްގެ ޓީމަކާ ދެކޮޅަށް ޔޫރަޕްގެ ރެފްރީއަކު އިންސާފުކުރާ ފަހަރެވެ.
މި މުބާރާތުގައި އާޖެންޓީނާއަށް ރެފްރީންގެ ފަރާތުން ނިންމުންތައް ބުރަވާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. މިގޮތުން އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ލިއޮނަލް މެސީ ކުރި ނުރައްކާތެރި ފައުލަކަށް ރަތް ކާޑެއް ނުދެއްކުމުން، މިސްރާއި ދެކުނު އެފްރިކާގެ ކޯޗުން ވަނީ ރެފްރީންގެ ނިންމުންތަކުގައި އެއްހަމައެއް ނެތްކަމަށް ބުނެ ފާޑުކިޔާފައެވެ. ނަމަވެސް ފީފާގެ ރެފްރީޒް ޑިރެކްޓަރު ޕިއަރލުއިޖީ ކޮލީނާ ވަނީ ރެފްރީންގެ އިތުބާރާމެދު ސުވާލު ނުއުފެއްދޭނެ ކަމަށް ވިދާޅުވެ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.
އުމުރުން 46 އަހަރުގެ ވިންސިޗް މި މުބާރާތުގައި މިހާތަނަށް ތިން މެޗެއްގައި އިންސާފުކޮށްފައިވާއިރު، އޭނާ ވަނީ ޖުމްލަ ހަތް ރީނދޫ ކާޑާއި އެއް ރަތް ކާޑު ދައްކާފައެވެ. އޭނާ އެންމެ ފަހުން ރެފްރީކަން ކުރި މެކްސިކޯ އާއި އިކުއެޑޯ ބައްދަލުކުރި މެޗުގައި، އިކުއެޑޯގެ ޕިއެރޯ ހިންކާޕީއަށް ރަތް ކާޑު ދެއްކީ ވީޑިއޯ ރިވިއުއަށް ފަހުގައެވެ.
ކްލަބް ފުޓްބޯޅައަށް ބަލާއިރު، ވިންސިޗް ވަނީ 2024 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ރެއާލް މެޑްރިޑާއި ޑޯޓްމަންޑް ބައްދަލުކުރި މެޗުގައި އިންސާފުކޮށްފައެވެ. އަދި މިދިޔަ ސީޒަނުގެ ކުއާޓާ ފައިނަލްގައި ބަޔާން މިއުނިކާއި ރެއާލް މެޑްރިޑް ބައްދަލުކުރި ފޯރިގަދަ މެޗުގައިވެސް އޭނާ ވަނީ ރެފްރީކަން ކޮށްފައެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ޔޫއެފާގެ ރައީސް އަލެކްސެންޑަރ ސެފެރިންއާ ދެމެދު ނުތަނަވަސްކަމެއް އޮތް ދަނޑިވަޅެއްގައި، ސެފެރިން ނިސްބަތްވާ ސްލޮވީނިއާގެ ރެފްރީއަކަށް ފައިނަލް މެޗު ދިނުމުން ބައެއް ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.
1990 ވަނަ އަހަރުން ފެށިގެން ފީފާއިން ގެންގުޅޭ އުސޫލަކީ ޔޫރަޕުން ބޭރުގައި ބާއްވާ ވޯލްޑް ކަޕް ފައިނަލްތަކުގައި ޔޫރަޕްގެ ރެފްރީން ބޭނުންކުރުމެވެ. އެމެރިކާގެ އީސްޓް ރަދަފޯޑްގައި ކުޅޭ މި ފައިނަލް މެޗަށް ވިންސިޗް ހަމަޖެއްސުމާއެކު މި އުސޫލު މިވަނީ ދަމަހައްޓާފައެވެ.
މީގެ ކުރިން 2022 ވަނަ އަހަރުގެ ފައިނަލްގައި އިންސާފުކުރީ ޕޮލެންޑުގެ ސައިމަން މާސިނިއަކްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!