ކީލިއަން އެމްބާޕޭގެ ކެޕްޓަންކަމުގެ ދަށުން ވޯލްޑް ކަޕްގެ ތަށި އުފުލާލުމަށް ކުރި އުންމީދުތައް ފުނޑުފުނޑުވެ، ސެމީ ފައިނަލްގައި ސްޕެއިން އަތުން 2-0 އިން ބަލިވެ ދުނިޔޭގެ ފުޓްބޯޅަ ރޭކިން އެއްވަނާގައި އޮތް ފްރާންސް މުބާރާތުން ކަޓާފައިވާއިރު، އަންގާރަ ދުވަހު އެމެރިކާގެ ޑަލަސްގައި ހުންނަ ކައުބޯއީސް ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އެ ޓީމަށް އިރުޝާދުދޭ ފަހު ވޯލްޑް ކަޕް ކަމަށް އޮތީ ބެލެވިފައެވެ.
1998 ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުގައި އަދި 2018 ވަނަ އަހަރު ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބުކުރި ޑެޝޯމްޕްސް ވަނީ 2022 ވަނަ އަހަރު ވެސް ފްރާންސް ފައިނަލަށް ގެންގޮސްދީފައެވެ.
ސްޕޭން މެޗާއި ހަމައަށް މޮޅު ކުޅުމެއް ދައްކަމުން އައި ފްރާންސް ސްޕޭން އަތުން ބަލިވި މެޗަށްފަހު ވާހަކަދައްކަމުން ކޯޗު ޑެޝޯމްޕްސް ބުނީ، ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި އުފާވެރި ވަގުތުތަކެއް ތަޖުރިބާ ކުރެވުނު ނަމަވެސް، މިއަދަކީ އެފަދަ ދުވަހެއް ނޫން ކަމަށެވެ. އަދި އޭނާގެ މުސްތަގުބަލާ މެދު ގޮތެއް ނިންމަން އަދި އަވަސް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މި ނާކާމިޔާބީއާ ގުޅިގެން ފްރާންސްގެ މަގުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ. ޚާއްސަކޮށް ވެރިރަށް ޕެރިހާއި ލިޔޯންގައި ޒުވާނުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފްރާންސްގެ މީޑިއާތަކުން މި ނަތީޖާ ސިފަކޮށްފައިވަނީ "ހުވަފެންތަކުގައި ކުލަޖައްސައިނުދެވުނު" ބަލިވުމެއްގެ ގޮތުގައެވެ.
މިނަތީޖާއެކު ކުރިމަތިވި ފާޑުކިޔުންތައް ދިފާޢުކޮށް ފްރާންސްގެ ތަރި އެމްބާޕޭ ވަނީ އޭނާގެ ކޯޗުގެ ދިފާއުގައި ވާހަކަދައްކާފައެވެ.
"ޑެޝޯމްޕްސްއަކީ ފްރާންސްގެ ފުޓްބޯޅައިގައި ވަރަށް ބޮޑު ތާރީޚެއް ލިޔެފައިވާ ބޭފުޅެއް. އޭނާއަށްޓަކައި އަދި ސަޕޯޓަރުންނަށްޓަކައި ވެސް ތިންވަނަ ހޮވާ މެޗު ކާމިޔާބުކުރުން މުހިންމު،" އެމްބާޕޭ ބުންޏެވެ.
މުޅި މެޗުގައި ވެސް ފްރާންސްގެ އެޓޭކިންގް ލައިންގައި ހިމެނޭ އެމްބާޕޭ، އޮސްމާން ޑެމްބޭލޭ އަދި މައިކަލް އޮލީސޭއަށް ސްޕެއިންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. އެމްބާޕޭއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ސްޕެއިންގެ ޑިފެންޑަރު ކުކުރެއްލާ ގައިގައި ޖެހިފައި ދިޔައީ ބޭރަށެވެ. މެޗުގެ ފަހުކޮޅު އެމްބާޕޭ ވަނީ ސްޕެއިންގެ ގޯލްކީޕަރު އުނައި ސިމޯންއާ ދިމާކޮށް، ރީނދޫ ކާޑެއް ވެސް ހޯދާފައެވެ.
ފްރާންސްގެ މިޑްފީލްޑަރު ރަޔާން ޝެރްކީ ބުނި ގޮތުގައި މި މެޗުގައި ފްރާންސްގެ ފަރާތުން ފެނުނީ ހުރިހާ ގޮތަކުން ވެސް ދަށް ކުޅުމެކެވެ. ނަމަވެސް އަންނަ ވޯލްޑް ކަޕްގައި މި ގޯސްތައް ތަކުރާރު ނުކޮށް ވަރުގަދަކޮށް އެނބުރި އަންނާނެ ކަމަށް އޭނާ ވައުދުވިއެވެ.
މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ފްރާންސް ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާ ނުވަތަ އިންގްލެންޑާއެވެ. މި މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ފްލޮރިޑާގެ މިއާމީ ގާޑަންސްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!