ފީފާ ވޯލްޑް ކަޕް 2026 ގެ ނިންމުމުގެ ރަސްމިއްޔާތުގައި މަޝްހޫރު ފިލްމީ ތަރި ޓޮމް ކްރޫޒް އާއި މަޝްހޫރު ސްޓްރީމަރު އައިޝޯސްޕީޑް ބައިވެރިވާނެކަން ފީފާއިން އިޢުލާންކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހު ފީފާއިން ހާމަކުރި ގޮތުގައި، މުބާރާތުގެ ފައިނަލް މެޗުގެ 90 މިނެޓް ކުރިން ބާއްވާ މި ރަސްމިއްޔާތަކީ ތިން ޤައުމެއްގެ 16 ސިޓީއެއްގައި 48 ޓީމަކުން ކުރި ހަނދާންނުނެތޭނެ ދަތުރު ފާހަގަކުރުމަށް ބާއްވާ ހަރަކާތެކެވެ. މި ރަސްމިއްޔާތު އޮންނާނީ އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައެވެ.
މި ރަސްމިއްޔާތުގައި ފެނިގެންދާނެ ފަންނާނުންގެ ތެރޭގައި، ޕެރިސް އޮލިމްޕިކްސްގެ ނިންމުމުގެ ރަސްމިއްޔާތުގައިވެސް ހަރަކާތްތެރިވި ޓޮމް ކްރޫޒް ޚާއްޞަ ފެނިލުމަކުން ފެންނާނެއެވެ. އަދި ވޯލްޑް ކަޕްގެ ގިނަ މެޗުތަކެއް ސްޓްރީމްކޮށްފައިވާ އައިޝޯސްޕީޑް ޕާފޯމަރެއްގެ ގޮތުގައި ބައިވެރިވާނެއެވެ. މީގެ އިތުރުން އިޓަލީގެ ލަވަކިޔުންތެރިޔާ ލައުރާ ޕައުސިނީ، ޕުސީކެޓް ޑޯލްސްގެ މެންބަރު ނިކޯލް ޝާޒިންގާ އަދި އިނގިރޭސި ލަވަކިޔުންތެރިޔާ ރޮބީ ވިލިއަމްސްގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.
އެމެރިކާގެ ޤައުމީ ސަލާމް ކިޔައިދޭނީ އެމީ، ގްރެމީ، އޮސްކާ އަދި ޓޯނީ އެވޯޑް ހާސިލްކޮށްފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ހަޑްސަންއެވެ.
ވޯލްޑް ކަޕްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ހައިމޯ ޝިރްގީ ވިދާޅުވި ގޮތުގައި، މި ރަސްމިއްޔާތަކީ މިއުޒިކާއި ސަގާފަތާއި ފުޓްބޯޅަ އެއްކޮށްލައިގެން މުޅި މުބާރާތް ފުރިހަމަކޮށްދޭނެ ހަރަކާތެކެވެ.
މި ރަސްމިއްޔާތު ޕްރޮޑިއުސްކުރަނީ 2022 ވަނަ އަހަރުގެ ޤަޠަރު ވޯލްޑް ކަޕްގެ ރަސްމިއްޔާތުތައްވެސް ތައްޔާރުކުރި ބަލިޗް ވޮންޑާ ސްޓޫޑިއޯއިންނެވެ.
މި ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން އާދީއްތަ ދުވަހުގެ ރޭ 10:30 ގައެވެ. ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ އެރޭ މެންދަމު 12:00 ގައެވެ. ފީފާއިން ވަނީ ސަޕޯޓަރުންގެ ބައިވެރިވުންވެސް މި ޝޯގައި އޮންނާނެތީ، ވީހާވެސް އަވަހަށް ދަނޑަށް ވަނުމަށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!