ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ސްޕޭނާއި ފްރާންސް ބައްދަލުކުރަން އޮތް މެޗުގެ ކުރިން، ފްރާންސްގެ ގައުމީ ޓީމުގައި ފްރާންސްގެ އެއްވެސް ކުޅުންތެރިއަކު ނެތް ކަމަށް ވިދާޅުވެ ސްޕޭނުގެ ކުރީގެ ބޮޑުވަޒީރު މަރިއާނޯ ރަޖޯއީ ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ސްޕޭނުގެ ކޮންޒަވޭޓިވް ޕޮޕިއުލާ ޕާޓީގެ މެންބަރެއް ކަމަށްވާ ރަޖޯއީ، ސްޕޭނުގެ ނޫހެއް ކަމަށްވާ 'އެލް ޑެބޭޓް' ގައި ލިޔުއްވި ކޮލަމެއްގައި ވިދާޅުވީ، ފްރާންސް ޓީމަކީ ވަރުގަދަ ސްކޮޑެއް އޮތް ޓީމެއް ނަމަވެސް، އެ ޓީމުގައި ފްރާންސްގެ އެއްވެސް ކުޅުންތެރިއަކު ނެތް ކަމަށެވެ. 2011 އިން 2018 އަށް ސްޕޭނުގެ ބޮޑުވަޒީރުކަން ކުރެއްވި ރަޖޯއީގެ މި ވާހަކަތަކާ ގުޅިގެން ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން-ނޮއެލް ބަރޯޓް ވިދާޅުވީ "ފްރާންސަކީ ވަކި ކުލައެއް އޮތް ގައުމެއް ނޫން" ކަމަށެވެ.

Ad
rt

މިނިސްޓަރު ބަރޯޓް އިތުރަށް ވިދާޅުވީ، މިއާ އިދިކޮޅަށް ދައްކާ ކޮންމެ ވާހަކައަކީ މޮޔަކަން ނުވަތަ ނަސްލީ ތަފާތުކުރުން، ނުވަތަ މި ދެކަމުގެ މަސްހުނިވުމެއް ކަމަށެވެ. ސްޕޭނުގެ މިހާރުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވެސް ވަނީ ރަޖޯއީގެ ނަން ވިދާޅުނުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ވާހަކަތައް ކުށްވެރިކުރައްވާފައެވެ. ސަންޗޭޒް ވިދާޅުވީ ބައެއް މީހުން އަދިވެސް ގައުމަކަށް ނިސްބަތްވާ މިންގަނޑަކީ ނަމާއި، އުފަންވި ތަނާއި، ނުވަތަ ހަމުގެ ކުލަ ކަމަށް ދެކޭ ކަމަށެވެ.

ނަސްލީ ތަފާތުކުރުމުގެ ތުހުމަތުތައް

ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ފިލިޕް ޑިއާލޯ ވިދާޅުވީ ރަޖޯއީގެ ވާހަކަތަކުން ނަސްލީ ތަފާތުކުރުމުގެ ވަސް ދުވާ ކަމަށާއި، ފްރާންސްގެ ކުޅުންތެރިންނަށް ސްޕޭނުގެ ކުރީގެ ބޮޑުވަޒީރެއްގެ އަތުން ގައުމިއްޔަތުގެ ސެޓްފިކެޓެއް ބޭނުންނުވާ ކަމަށެވެ. "މިއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް،" ޑިއާލޯ ވިދާޅުވިއެވެ.

މި މައްސަލަ ހޫނުވެފައިވާއިރު، މި މަހުގެ ކުރީކޮޅު ޕެރަގުއޭގެ ސެނެޓަރަކު ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއަށް އަމާޒުކޮށް ކުރި ނަސްލީ ފުރައްސާރަތަކެއް ވެސް އެމްބާޕޭ ވަނީ ކުށްވެރިކޮށްފައެވެ. ޕެރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ ވަނީ އެމްބާޕޭގެ ނަސްލާއި، ބޮޑުވި ގޮތާއި، ތައުލީމާއި ސިފައަށް މަލާމާތްކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ކޮށްފައެވެ.

ސްޕޭނުގެ ބޮޑުވަޒީރު ސަންޗޭޒްގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވީ، ސެމީ ފައިނަލުގައި މޮޅުވާނީ އެންމެ ރަނގަޅަށް ކުޅޭ ޓީމު ކަމަށާއި، ބަލިވާނީ ނަސްލީ ތަފާތުކުރުން ކަމަށް އުންމީދުކުރައްވާ ކަމަށެވެ.