ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ބައްދަލުކުރެއްވުން (ރިސެޕްޝަން) ނުބޭއްވެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި ނިންމެވުމަކީ ދައުލަތުގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް، ބޭކާރު ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާތީ ނިންމެވި ނިންމެވުމެކެވެ.

މީގެ ކުރިންވެސް ބައެއް އަހަރުތަކުގައި ޚަރަދު ކުޑަކުރުމުގެ ގޮތުން މި ބައްދަލުކުރެއްވުން ބާއްވާފައެއް ނުވެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ނުބޭއްވި ނަމަވެސް، ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ސޯޝަލް ސެންޓަރު (ޒުވާނުންގެ މަރުކަޒު) ގެ މާލަމުގައެވެ.

މި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠިބުކުރައްވައި ތަޤުރީރު ކުރައްވާނެއެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިންވެސް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އޭގެ ތެރޭގައި ދައުލަތުގެ ބައެއް އިސް މަޤާމުތަކުގެ މުސާރަ ކުޑަކުރުމާއި، އިޤްތިޞާދީ އިޞްލާޙީ ބަދަލުތައް ގެނައުން ހިމެނެއެވެ.