މިއަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރިގަދަ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި، ދުނިޔޭގެ ފުޓްބޯޅައިގެ ދެ ބާރު ކަމަށްވާ ފްރާންސާއި ސްޕެއިން ރާއްޖޭ ގަޑިން މިރޭ މެންދަމު 12:00 ގައި ބައްދަލުކުރާނެއެވެ.

އެމެރިކާގެ ޑަލަސް ކައުބޯއީސް ސްޓޭޑިއަމްގައި ކުޅޭ މި މެޗުން މޮޅުވާ ބަޔަކަށް މުބާރާތުގެ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.

Ad
rt

މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މި ދެ ޓީމުވެސް ބަލިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ފްރާންސަކީ ފީފާ ރޭންކިންގެ އެއްވަނައިގައި އޮވެ މުބާރާތާ ކުރިމަތިލީ ޓީމެވެ. އެ ޓީމުން މިހާތަނަށް އިދިކޮޅު ޓީމުތަކުގެ މައްޗަށް 14 ލަނޑު ޖަހާފައިވާއިރު، ބައިކޮޅަށް ވަދެފައިވަނީ އެންމެ ދެ ލަނޑެވެ.

ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ވަނީ މިހާތަނަށް 8 ލަނޑު ޖަހައި، ލިއޮނަލް މެސީއާ އެކު ލަނޑު ލިސްޓުގެ ކުރީގައެވެ. އުމުރުން 27 އަހަރުގެ އެމްބާޕޭ ވަނީ އޭނާ ކުޅުނު 20 ވޯލްޑް ކަޕް މެޗުގައި 20 ލަނޑު ހަމަކޮށްފައެވެ. ކުއާޓާ ފައިނަލުގައި މޮރޮކޯ އަތުން މޮޅުވި މެޗުގައި އަނިޔާގެ ސަބަބުން ބަދަލުކުރި ނަމަވެސް، ކޯޗު ފްރާންސްގެ ޑިޑިއޭ ޑެޝޯމްޕް ބުނީ އެމްބާޕޭގެ ފިޓްނަސް މިހާރު ރަނގަޅު ކަމަށެވެ.

ސްޕެއިންގެ ޓީމުގައި އެންމެ ފާހަގަކޮށްލެވެނީ އުމުރުން 19 އަހަރުގެ ލަމީން ޔަމާލްއެވެ. ހޯމަ ދުވަހު 19 އަހަރު ފުރުނު ޔަމާލް ވަނީ މީގެ ކުރިން ޔޫރޯ އާއި ނޭޝަންސް ލީގުގައި ފްރާންސް ބަލިކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ފްރާންސުން ބިރުގަންނަން ޖެހޭނަމަ ބިރުގަންނަން ޖެހޭނީ އަހަރެމެންދެކެ. މީގެ ކުރިންވެސް އެމީހުން މުބާރާތްތަކުން ބޭރުކުރީ އަހަރެމެން،" ބެލްޖިއަމް އަތުން މޮޅުވި މެޗަށްފަހު ޔަމާލް ބުންޏެވެ.

ފްރާންސްގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޮޓް ބުނީ ޓީމުގެ ކާމިޔާބީއާ މެދު އިތުބާރު އެބައޮތް ކަމަށާއި، ނަމަވެސް އިދިކޮޅު ޓީމަށް އިހުތިރާމްކޮށްގެން ކުޅޭނެ ކަމަށެވެ.

ސްޕެއިން ޓީމުގައި ލަނޑު ޖެހުމުގައި މިކޭލް މެރީނޯވެސް މުހިންމު ދައުރެއް އަދާކުރަމުންދާއިރު، މި ދެ ޓީމު ވޯލްޑް ކަޕެއްގައި މީގެ ކުރިން ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. މިއީ މި ދެ ގައުމުންވެސް ވޯލްޑް ކަޕްގައި ވާދަކުރާ 17 ވަނަ ފަހަރެވެ.