ކ. ހުރާގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މުހިންމު މަސައްކަތްތަކެއް ފަށައިފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި، ހުރާގައި ބަހައްޓާފައިވާ އާރު.އޯ ޕްލާންޓްތަކުގެ ތެރެއިން އެއް ޕްލާންޓުގެ ހަލާކުވެފައިވާ ހައިޕްރެޝަރ ޕަންޕާއި މޯޓަރު ބަދަލުކޮށް، އައު ޕަންޕެއް އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، އެ ރަށުގައި މައްސަލަޖެހި ނުހިންގާތާ 8 މަސް ދުވަސް ވެފައިވާ ޕްލާންޓް މަރާމާތުކޮށް، އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
މި މަސައްކަތްތަކާ ގުޅޭގޮތުން ސްޓެލްކޯއިން ބުނީ، ރަށުގައި ހުރި ތިން ޕްލާންޓް އޮޕަރޭޝަނަށް ގެނައުމުން، ހުރާގެ މިހާރުގެ ޑިމާންޑާ އެއްވަރަށް ފެން އުފެއްދުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ފެން ރައްކާކުރެވޭ މިންވަރުވެސް އިތުރުވެ، ޚިދުމަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ކ. ހުރާގެ ކަރަންޓާއި، ފެން އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެފައިވަނީ މިއަހަރުގެ މޭ މަހުގެ ތެރޭގައެވެ.
ޚިދުމަތާ ހަވާލުވީއްސުރެ، ރަށުގެ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!