ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޕޯޗުގަލް ބަލިވެ މުބާރާތުން ވަކިވާން ޖެހުމާ ގުޅިގެން، ލޮސް އެންޖެލިސް ސަރަޙައްދުގައި ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާ ފައިނަލް މެޗުގެ ޓިކެޓްތަކުގެ އަގު 60 އިންސައްތައާ ގާތްކުރާ މިންވަރަކަށް ދަށަށް ދިޔަކަމަށް ރިޕޯޓްތައް ބުނެފިއެވެ.

"ޓިކްޕިކް" އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކުއާޓަރ ފައިނަލް މެޗުތަކުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގު، އަންގާރަ ދުވަހުގެ މެންދުރުފަހާ ހަމައަށް ވަނީ 2,950 ޑޮލަރުން 1,200 ޑޮލަރަށް ވެއްޓިފައެވެ.

Ad
rt

މި އަގުތަކަށް މިހާ ބޮޑު ބަދަލެއް އައީ ސްޕެއިން އަތުން 1-0 އިން ބަލިވެ ޕޯޗުގަލް މުބާރާތުން ވަކިވާން ޖެހުންކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާއިރު، ހޯމަ ދުވަހު ސިއެޓްލްގައި ކުޅުނު މެޗުން އެމެރިކާ 4-1 ގެ ނަތީޖާއަކުން ބެލްޖިއަމް އަތުން ބަލިވެ، ކުއާޓާ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ގެއްލުމަކީ ވެސް ޓިކެޓްގެ އަގުތައް ދަށްވި މައިގަނޑު ސަބަބެއްކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފަވެއެވެ.

ޕޯޗުގަލް ބަލިވުމާއެކު، ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕް ކެރިއަރު ވަނީ ނިމުމަކަށް އައިސްފައެވެ. މި ދެ ޓީމު ކުއާޓާ ފައިނަލުގައި ބައްދަލުކުރި ނަމަ، ޓިކެޓްގެ އަގުތައް މިހާރަށްވުރެ މާ މަތީގައި ހުންނާނެ ކަމަށް މާހިރުން ލަފާކުރެއެވެ.

ކުއާޓާ ފައިނަލްގެ މެޗުތަކުގެ ތެރެއިން އެންމެ އަގުހެޔޮކޮށް ޓިކެޓް ލިބުނީ ފޮކްސްބޮރޯގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރި މެޗަށްކަމަށް ރިޕޯޓްތައްބުނާއިރު، އެ މެޗުގެ ޓިކެޓްތައް ފެށިފައި ވަނީ 989 ޑޮލަރުންނެވެ.

ވޯލްޑް ކަޕްގެ ފައިނަލް މެޗާ ގުޅޭގޮތުން ބަލާއިރު، ޖުލައި 19 ވަނަ ދުވަހު ނިއު ޖާޒީގައި ކުޅޭ މި މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގު މިހާރު އުޅެނީ 9,346 ޑޮލަރުގައެވެ. ނަމަވެސް، ފައިނަލަށް ދަތުރުކުރާ ޓީމުތަކަށް ބަލައި މި އަގަށް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.

ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިއަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އެންމެ ފުރުސަތު ބޮޑީ ފްރާންސަށެވެ. ދެން އެންމެ ފުރުސަތު ބޮޑު ޓީމުތަކުގެ ތެރޭގައި ސްޕެއިން، އާޖެންޓީނާ އަދި އިންގްލެންޑް ހިމެނެއެވެ.

"ސީޓްޕިކް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފާއިތުވި ތިން ދުވަހުގެ ތެރޭގައި ކުއާޓާ ފައިނަލްގެ ޓިކެޓްތަކުގެ އަގު ވަނީ ޖުމްލަކޮށް 50.4 އިންސައްތަ ދަށްވެފައެވެ. އަދި ދެވަނަ މާކެޓްގައި ވިއްކަން ހުރި ޓިކެޓްގެ އަދަދު ވެސް ވަނީ 28,285 އިން 49,415 އަށް އިތުރުވެފައެވެ. މިއަހަރުގެ ވޯލްޑް ކަޕަކީ ތާރީޚުގައިވެސް އެންމެ އަގުބޮޑު މުބާރާތުގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު، ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު ޓިކެޓްގެ އަގުތައް ވަނީ ހަތް ގުނަ މައްޗަށް ގޮސްފައެވެ.