2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗަށްފަހ، މިސްރުގެ ހެޑް ކޯޗު ހުސާމް ހަސަން ރެފްރީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މިސްރު ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުސާމް ހަސަން ބުނީ، މިސްރު ބަލިވީ "ނާއިންސާފުން" ކަމަށާއި، މިއީ ލިއޮނަލް މެސީ އާއި އެންމެ ފަހުގެ ޗެމްޕިއަނުން މުބާރާތުގައި ބޭތިއްބުމަށް ކުރި ކަމެއް ކަމަށެވެ.

Ad
rt

"އަހަރެމެންނަށް މި ކުރިމަތިވީ ނާއިންސާފު ބައްޔެއް. ދުނިޔޭގެ ޗެމްޕިއަނުންނަށް ހުރިހާ ފަރާތަކުންވެސް އެހީތެރިކަން އެބަދޭ، މާކެޓިންގެ ގޮތުންވެސް. އެމީހުން ބޭނުންވަނީ ކުރީގެ ޗެމްޕިއަނުން މުބާރާތުގައި ދެމިތިބެން. އެމީހުން ބޭނުންވަނީ މެސީ ބަހައްޓަން،" ފްރާންސްގެ ރެފްރީ ފްރާންސުއާ ލެޓެކްސިއޭގެ ނިންމުންތަކަށް އިޝާރާތްކޮށް ހުސާމް ބުންޏެވެ.

މި މެޗުގައި މިސްރުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައި، ތާރީޚީ ކާމިޔާބީއަކާ ގާތަށް ޖެހިލާފައެވެ. މިސްރުގެ ލަނޑުތައް ޖަހައިދިނީ 15 ވަނަ މިނެޓުގައި ޔާސިރު އިބްރާހީމް އާއި 67 ވަނަ މިނެޓުގައި މުސްތަފާ ޒީކޯއެވެ. ނަމަވެސް މެޗުގެ ފަހު 11 މިނެޓުގެ ތެރޭގައި އާޖެންޓީނާގެ ކްރިސްޓިއަން ރޮމޭރޯ އާއި ލިއޮނަލް މެސީ އަދި އެންޒޯ ފެނާންޑޭޒް ޖެހި ލަނޑުތަކުން އާޖެންޓީނާ ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މިސްރުގެ ފޯވާޑް މުސްތަފާ ޒީކޯވެސް ވަނީ ރޮމުން ހުރެ ރެފްރީގެ ނިންމުންތަކަށް ފާޑުކިޔާފައެވެ. އޭނާ ބުނި ގޮތުގައި ރެފްރީ ވަނީ މުޅި ގައުމެއްގެ ބުރަ މަސައްކަތް ބޭކާރުކޮށްލާފައެވެ. އަދި މުޅި މުބާރާތަކީ ވަކި ބަޔަކަށް ކާމިޔާބު ކޮށްދިނުމަށް "ޑައިރެކްޓް" ކޮށްފައިވާ މުބާރާތެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

މެސީގެ ޕެނަލްޓީ ދިފާއުކުރުމުން ކީޕަރާއި ޒިކޯ

މިސްރުގެ ޝަކުވާތައް ބޮޑުވީ މެޗުގެ އިތުރު ވަގުތުގައި އާޖެންޓީނާގެ ތިންވަނަ ލަނޑު ޖެހި ވަގުތުގައެވެ. އެ ލަނޑު ޖެހުމުގެ ކުރިން އާޖެންޓީނާގެ އޭރިއާ ތެރެއިން އާޖެންޓީނާ ކުޅުންތެރިއަކު މުހައްމަދު ސަލާހުގެ ފަޔަށް އެރުމުން މިސްރުން ޕެނަލްޓީއަކަށް އެދުނެވެ. ނަމަވެސް ރެފްރީ އެކަމަށް ފުރުސަތު ނުދީ ކުޅުން ކުރިއަށް ގެންދަން އެންގުމުން، އުފެދުނު ފުރުސަތެއްގައި އާޖެންޓީނާއިން ވަނީ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު އާޖެންޓީނާ ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ކުއާޓާ ފައިނަލުގައި އާޖެންޓީނާ ބައްދަލުކުރާނީ ސްވިޒަލޭންޑާ އެވެ. އެ މެޗު އޮންނާނީ އަންނަ ޖުލައި މަހުގެ 12 ވާ އާދީއްތަ ދުވަހު ކެނެޑާގެ ވެންކޫވަރުގައެވެ.