މި އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އޭނާގެ އަށްވަނަ ލަނޑު ކާމިޔާބުކޮށް، ގޯލްޑަން ބޫޓުގެ ރޭހުގެ އެއްވަނައަށް ޖެހިލައިފިއެވެ.

އަންގާރަ ދުވަހު މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ މި ލަނޑު ޖެހުމާއެކު، އާޖެންޓީނާގެ ގައުމީ ޓީމަށް ޖެހިޖެހިގެން ނުވަ މެޗުގައި އޭނާ ވަނީ ލަނޑު ޖަހާފައެވެ.

Ad
rt

މެޗުގެ 83 ވަނަ މިނެޓުގައި ގޮންޒާލޯ މޮންޓިއެލް ދިން ފުރުސަތަކުން މެސީ ކާމިޔާބުކުރި މި ލަނޑަކީ އޭނާގެ ވޯލްޑް ކަޕް ކެރިއަރުގައި ޖެހި 21 ވަނަ ލަނޑެވެ. މި ލަނޑާއެކު މެޗުގެ ނަތީޖާ 2-2 އިން އެއްވަރުވިއިރު، މިއީ މެޗުގެ 19 ވަނަ މިނެޓުގައި މެސީ އަތުން ބޭކާރުވި ޕެނަލްޓީގެ ބަދަލުގައި ޖެހި މުހިންމު ލަނޑެކެވެ. މީގެ އިތުރުން، މެޗުގެ 79 ވަނަ މިނެޓުގައި ކްރިސްޓިއަން ރޮމޭރޯ ބޮލުން ޖެހި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީވެސް މެސީއެވެ.

މި މެޗުގައި މިސްރުން ފުރަތަމަ ލީޑު ނެގީ 15 ވަނަ މިނެޓުގައި ޔާސިރު އިބްރާހިމް ކާމިޔާބުކުރި ލަނޑުންނެވެ. އަދި 67 ވަނަ މިނެޓުގައި ހައިސަމް ހަސަންގެ އެހީތެރިކަމާއެކު މުސްތަފާ ޒީކޯ ވަނީ މިސްރުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.

މެސީ މިހާރު ވަނީ ވޯލްޑް ކަޕްގެ ޖެހިޖެހިގެން ނުވަ މެޗުގައި ލަނޑު ޖަހައި އާ ރެކޯޑެއް ގާއިމުކޮށްފައެވެ. މި ސިލްސިލާ ފެށުނީ 2022 ވަނަ އަހަރު އާޖެންޓީނާއިން ތަށި ހޯދި މުބާރާތުންނެވެ. މި ނުވަ މެޗުގެ ތެރޭގައި އޭނާ ވަނީ ޖުމްލަ 13 ލަނޑު ޖަހާފައެވެ.

ގޯލްޑަން ބޫޓުގެ ރޭހަށް ބަލާއިރު، އަންގާރަ ދުވަހުގެ މެޗަށް މެސީ ނުކުތީ ފްރާންސްގެ ކީލިއަން އެމްބާޕޭ އަދި ނޯވޭގެ އާލިން ހާލަންޑާ ހަތް ލަނޑާއެކު އެއްވަރުވެގެން އޮވެއެވެ. ނަމަވެސް މިހާރު އަށް ލަނޑާއެކު މެސީ ވަނީ ކުރި ހޯދާފައެވެ. އިނގިރޭސިވިލާތުގެ ހެރީ ކޭންވެސް ހަ ލަނޑާއެކު މި ރޭހުގައި ދަނީ ވާދަކުރަމުންނެވެ.

މީގެ ކުރިން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މެސީ ވަނީ ހަތް ލަނޑު ޖަހައިގެން ގޯލްޑަން ބޫޓު ރޭހުގެ ދެވަނަ ހޯދާފައެވެ. އަދި 2014 ވަނަ އަހަރު ހަތަރު ލަނޑާއެކު އޭނާ ވަނީ ތިންވަނަ މަގާމު ހިއްސާކޮށްފައެވެ. މިފަހަރުގެ ލަނޑާއެކު ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގައި އެމްބާޕޭއަށްވުރެ ދެ ލަނޑު އިތުރަށް ޖަހައި މެސީ ވަނީ ކުރި ހޯދާފައެވެ.