ވޯލްޑް ކަޕް 2026 ގައި ގަދަ 16 ބުރުގައި ސްޕޭން އާއި ޕޯޗްގަލް ބައްދަލުކުރި މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ސްޕޭނުން ކާމިޔާބުކުރި ލަނޑާއެކު ޕޯޗުގަލް އަށް މި ވޯލްޑް ކަޕް ނިމިގެންދިޔައިރު، މި މެޗާއެކު ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕް ކެރިއަރު ވަނީ ނިމުމަކަށް އައިސްފައެވެ.

ރޮނާލްޑޯ އަކީ އެތައް މިލިއަން ސަޕޯޓަރުންނެއް ތިބި ވަރުގަދަ ކާމިޔާބު ލެޖެންޑެކެވެ. އެއީ ރޮނާލްޑޯ އަށް ސަޕޯޓް ކުރިއަސް ނުކުރިއަސް ފެންނާން އޮތް ހަގީގަތެކެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚަށް ބަލާއިރު، ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ހަމައެކަނި ކުޅުންތެރިއެއް ނޫނެވެ. އޭނާއަކީ އަޒުމާއި، ހިތްވަރާއި، އަދި ނުގުޑާފަދަ އަޚްލާޤެއްގެ ނަމޫނާއެކެވެ. ދުނިޔޭގެ އެތައް މިލިއަން މީހުންނެއްގެ ލޯބި ހޯދާފައިވާ ރޮނާލްޑޯ ޚާއްޞަވާ ސަބަބުތައް ދޫތަކުން ވީއްލިގެން އަންނަނީ ތައުރީފްގެ ސަނާއިންނެވެ. އެއީ ފަހަރެއްގައި ވެސް އެހެން ކުޅުންތެރިންނަށް ރައްދުވާ ބަދު ބަހެއްނޫނެވެ.

Ad
rt

މެޑެއިރާގެ ނިކަމެތި އާއިލާއަކުން އައިސް، ދުނިޔޭގެ އެންމެ އުހަށް އޭނާ ކުރި ދަތުރަކީ ފުޓްބޯޅައިގެ ތާރީޚު ދުށް އެންމެ ފުރިހަމަ އެއް ވާހަކައެވެ. ރޮނާލްޑޯގެ ކާމިޔާބީގެ ސިއްރަކީ އޭނާގެ ހަށިގަނޑާއި ނަފްސަށް އޮންނަ ހަރުދަނާ ޑިސިޕްލިންއެވެ. ހަށިގަނޑުގައި އެއްވެސް ކުރެހުމެއް (ޓެޓޫއެއް) ނެތުމާއި، ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، އަދި ބަނގުރަލާ ދުރުހެލިވުމަކީ އޭނާގެ ދިރިއުޅުމުގެ މައިގަނޑު އަސާސްތަކެވެ. ގަވާއިދުން ލޭ ހަދިޔާކުރުމާއި، އެއްވެސް އިޝްތިހާރެއް ނެތި ކުރާ އެތައް މިލިއަން ޑޮލަރެއްގެ އެހީތަކަކީ އޭނާގެ އިންސާނިއްޔަތުކަން ހާމަކޮށްދޭ ކަންކަމެވެ.

2018 ރަޝިޔާ ވޯލްޑް ކަޕްގައި މޮސްކޯގެ ސަރަހައްދެއް، ފޮޓޯ: އޭޕީ

ޕޯޗުގަލްގެ ޤައުމީ ޓީމާއެކު ރޮނާލްޑޯ ކުރި ދަތުރަކީ އެއްވެސް ހާލެއްގައި ނާކާމިޔާބު ދަތުރެކެވެ ބުނެވޭކަށް ނެތެވެ. ރޮނާލްޑޯގެ ކުރިން ޕޯޗުގަލްއަށް ވާދަކުރެވިފައިވަނީ އެންމެ ތިން ވޯލްޑް ކަޕުގައެވެ. އަދި އެއްވެސް ބޮޑު މުބާރާތެއް އެ ޤައުމަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް، ރޮނާލްޑޯ ވަނީ އެ ޤައުމުގެ ފުޓްބޯޅައިގެ ތަޤުދީރު ބަދަލުކޮށްލާފައެވެ.

އޭނާގެ ކެޕްޓަންކަމުގެ ދަށުން ޕޯޗުގަލް ވަނީ ވޯލްޑް ކަޕްގެ ދާއިމީ ބައިވެރިއަކަށްވެ، ތިން ބޮޑު ތަށި އެ ޤައުމަށް ހޯދައިދީފައެވެ. މިއަދު އޭނާ ޤައުމީ ޓީމަށް ކުޅޭ ފަހު މެޗު ކުޅެފައިވީ ނަމަވެސް، އޭނާ ދޫކޮށްފައި އެދަނީ ކުރިން އެ ޤައުމުގައި ނެތް ފަދަ ފުޓްބޯޅަ ސަގާފަތަކާއި، ކާމިޔާބީއަށް ފެންބޮވައިގެންފައިވާ މޮޅު ކުޅުންތެރިންތަކެކެވެ.

2026 ވޯލްޑް ކަޕްގައި ސްޕޭނާއި ޕޯޗުގަލް ގެ މެޗު ފެށުމުގެ ކުރިން، ފޮޓޯ: އޭޕީ

ރޮނާލްޑޯއާއި އޭނާގެ ސަޕޯޓަރުންނާ ދެމެދު އޮންނަނީ ވަރަށް ޚާއްޞަ ގުޅުމެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ސަޕޯޓަރުންނަކީ އޭނާގެ ކާމިޔާބީގެ އިންޖީނެވެ. ދަނޑުމަތީގައި އިވޭ ސަޕޯޓަރުންގެ އަޑަކީ އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ. އޭނާގެ މަޝްހޫރު "SIUUU" ސެލެބްރޭޝަނަކީ ވެސް މުޅި ދަނޑު އެކީގައި ބައިވެރިވުމަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ. ސަޕޯޓަރުންނަށް އޭނާ ކުރާ އިޙްތިރާމް ފެންނަނީ ހަމައެކަނި ދަނޑުމަތީގައެއް ނޫނެވެ. ބަލިކުދިންނާ ބައްދަލުކުރުމަށް ޓީމު ބަސް ހުއްޓުވުމާއި، ސަޕޯޓަރުންގެ ބޭސްފަރުވާއަށް އެހީތެރިވުމަކީ އޭނާގެ އާދައެކެވެ.

އުމުރުން ދުވަސްވީ ނަމަވެސް، އަދިވެސް އޭނާ ހުރީ ދުނިޔޭގެ އެންމެ އުހުގައެވެ. އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ، އަދި އެންމެ ގިނަ ބަޔަކު ނަފުރަތުކުރާ ކުޅުންތެރިޔާގެ ގޮތުގައި ހުރެމެ، އޭނާ ދަނީ ރެކޯޑުތައް މުގުރަމުންނެވެ. އޭނާ ބަދަލުކޮށްލީ ހަމައެކަނި ޕޯޗުގަލްގެ ފުޓްބޯޅައެއް ނޫނެވެ. އޭނާ ބަދަލުކޮށްލީ މުޅި ފުޓްބޯޅައިގެ ތާރީޚެވެ. ތިޔައީ ރޮނާލްޑޯގެ ސަޕޯޓަރަކަށް ވިޔަސް ނުވަތަ ނުވިޔަސް، މެޑެއިރާއިން އައި މި ޒުވާނާ އަބަދުގެ އަބަދަށް މި ކުޅިވަރު ބަދަލުކޮށްލައިފިކަން ގަބޫލުކުރަންޖެހެއެވެ.