ވޯލްޑް ކަޕްގެ ގަދަ 16 ގެ މެޗުގައި ބެލްޖިއަމް އަތުން 4-1 އިން ބަލިވެ، އަމިއްލަ ގައުމުގައި މުބާރާތް ބާއްވަމުންދާ އެމެރިކާ މުބާރާތުން ކަޓައިފިއެވެ.

މި މެޗަށް ނުކުތްއިރު، އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަން އަށް ދެއްކި ރަތް ކާޑާ ގުޅިގެން ކުރި ސަސްޕެންޝަން ފަސްކޮށް ބެލްޖިއަމް މެޗުގައި ކުޅެވޭގޮތް ފީފާއިން ހަދައިދިނުމުން ފީފާ އަށާއި އެމެރިކާ އަށް ޚާއްޞަކޮށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދުނިޔޭގެ ފާޑުކިޔުން ދިޔައީ އޮހެމުންނެވެ. ބަލޯގަން އަށް ކުޅެވޭގޮތް ހަދަން ސީދާ ޓްރަމްޕް އިންފަންޓީނޯ އަށް ގުޅުއްވިކަމަށް ވިދާޅުވުމާއި، އިންފަންޓީނޯ އެވާހަކަ ތެދުކުރެއްވުމުން މި މައްސަލަ އޮތީ ވަކިން ގޯހަށް ގޮހެވެ.

Ad
rt

މި މައްސަލައިގައި ބެލްޖިއަމްގެ ސަޕޯޓަރުން ބުނެފައި ވަނީ، ފީފާގެ މި ނިންމުމުގެ ސަބަބުން ބެލްޖިއަމްގެ "ރެޑް ޑެވިލްސް" އިތުރަށް ވަރުގަދަވެ، ދަނޑުމަތީގައި އިންސާފު ހޯދާނެ ކަމަށެވެ. އެ މަންޒަރު މި މެޗުން ވަނީ ފެނިގެން ގޮސްފައެވެ.

މި މެޗުގައި ބެލްޖިއަމްގެ ޗާލްސް ޑި ކެޓެލެއާ ދެ ލަނޑު ޖަހައި އެއް ލަނޑު ޖެހުމަށް އެހީތެރިވެދިންއިރު، އެމެރިކާގެ ޑިފެންސުން ހެދި ގޯސްތަކުގެ ފައިދާ ބެލްޖިއަމްއިން ވަނީ ވަރަށް ފުރިހަމައަށް ހިފާފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ 8 ވަނަ މިނެޓުގައި ޑި ކެޓެލެއާ ބެލްޖިއަމްއަށް ލީޑު ނަގައިދިން ނަމަވެސް، 31 ވަނަ މިނެޓުގައި މާލިކް ޓިލްމަން ހިލޭ ޖެހުމަކުން ލަނޑެއް ޖަހައި އެމެރިކާއަށް އުންމީދު އާކޮށްދިނެވެ. ނަމަވެސް އެމެރިކާގެ އުފާވެރިކަން ދެމިއޮތީ އެންމެ 61 ސިކުންތަށެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން ޑި ކެޓެލެއާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ބެލްޖިއަމްއަށް އަލުން ލީޑު ހޯދައިދީފައެވެ.

ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އެމެރިކާގެ ގޯލްކީޕަރު މެޓް ފްރީޒްއަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި ހާންސް ވަނާކެން ވަނީ ބެލްޖިއަމްގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮމެލޫ ލުކާކޫ ވަނީ ބެލްޖިއަމްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

އެމެރިކާގެ ތަރި ކްރިސްޓިއަން ޕުލިސިކްއަށް މެޗުގެ 52 ވަނަ މިނެޓުގައި ފައިތިލައަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމަކީ އެމެރިކާއަށް ކުރިމަތިވި އިތުރު ހީނަރުކަމެކެވެ. މި ނަތީޖާއާއެކު އެމެރިކާ ވަނީ 2002 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދިއުމަށް ކުރި އުންމީދުތައް ފެނަށް ގޮސްފައެވެ.

މި މޮޅާއެކު ބެލްޖިއަމް ވަނީ ބަލިނުވެ 18 މެޗު ހަމަކޮށްފައެވެ. ކުއާޓާ ފައިނަލުގައި ބެލްޖިއަމް ބައްދަލުކުރާނީ 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިންއާއެވެ. މި މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ކެލިފޯނިއާގެ އިންގްލްވުޑްގައެވެ.

މި މުބާރާތުން ކޮންކާކަފް ސަރަހައްދުގެ ހުރިހާ ގައުމެއް މިހާރު ވަނީ ކަޓާފައެވެ. މުބާރާތް ބާއްވާ ތިން ގައުމު ކަމަށްވާ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ވެސް ވަނީ ގަދަ 16 އާ ހަމައިން ވަކިވާން ޖެހިފައެވެ. މިއާއެކު ކުއާޓާ ފައިނަލުގެ ހުރިހާ ޖާގައެއް ފުރާނީ ޔޫރަޕް، ދެކުނު އެމެރިކާ އަދި އެފްރިކާގެ ގައުމުތަކުންނެވެ.