މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ހއ. މުރައިދޫން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން 5 ޖުލައި 2026 ވަނަ ދުވަހުގެ ހެނދުނު 08:10 އެހައިކަންހާއިރު ވަނީ ދެމީހަކު ހައްޔަރުކޮށްފައެވެ. އެއީ، ހއ. މުރައިދޫ / ކިނާރާ، މުޙައްމަދު ޢާޝިރު (35އ) އާއި، އެ ރަށު ވެނީލާގެ، މުޙައްމަދު ޒައިން ޙަސަން (19އ) ކަމަށް ފުލުހުން ބުންޏެވެ.

Ad
rt

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، މުރައިދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ބަލައިފާސްކުރުމުގެ އަމުރެއްގެ ދަށުންނެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހއ. ދިއްދޫ ޕޮލިސް ގުޅިގެންނެވެ.

ފުލުހުން މުރައިދޫގެ އެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 4 ސެލޯފިންކޮޅު ފެނިފައިވެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 4.5 ގުރާމް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.