ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އީރާނުގެ މަރުހޫމް ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އާއި އޭނާގެ އާއިލާގެ ހަތަރު މެންބަރުންގެ ޖަނާޒާގެ ނަމާދުގައި އެތައް މިލިއަން ބަޔަކު ބައިވެރިވުމަށް އެއްވެއްޖެއެވެ.

އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ނަމާދުގައި ބައިވެރިވުމަށް އެ ގައުމުގެ އިސްވެރިންނާއި ޚާމަނާއީގެ އާއިލާގެ ބޭފުޅުން އާދީއްތަ ދުވަހު އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައިވާއިރު، މިއީ ފެބްރުއަރީ 28 ވަނަ ދުވަހު އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ޚާމަނާއީ އަވަހާރަވި ފަހުން، އީރާނުގެ އިސްވެރިން މިހާ ގިނަ އަދަދެއްގެ އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތް ފުރަތަމަ ފަހަރެވެ.

Ad
rt

ތެހެރާންގެ ގްރޭންޑް މުސައްލާގައި ބޭއްވި މި ޖަނާޒާގެ ތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރާލުމަށް ގޮވާލާ ޕޯސްޓަރުތަކާއި ގްރެފިޓީތައް ފެނިފައިވެއެވެ. ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔަ މުހައްމަދު ރަސޫލީ ވަނީ ލައުޑްސްޕީކަރު މެދުވެރިކޮށް "ދުނިޔޭގެ އެންމެ ނުބައި މީހާ (ޓްރަމްޕް) އަދިވެސް ދިރިހުރީ ކީއްވެގެންތޯ؟" ސުވާލުކޮށްފައެވެ. މިއާއެކު އެއްވެ ތިބި މީހުން ވަނީ އެމެރިކާ އާއި އިޒްރޭލަށް މަރުގެ އަޑުން ގޮވާފައެވެ.

ޚާމަނާއީގެ ދަރިކަލުން އަދި އީރާނުގެ އާ ރޫހާނީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ މި ޖަނާޒާއިން ފެނިފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު ހުންނެވީ ފޮރުވިގެންނެވެ. އެއީ އެމަނިކުފާނުގެ ބައްޕާފުޅު އަވަހާރަވި ހަމަލާގައި އެމަނިކުފާނަށް ވެސް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، އިޒްރޭލުން ވަނީ އެމަނިކުފާނު ވެސް މަރާލާނެ ކަމުގެ އިންޒާރު ދީފައެވެ.

މަރްޙޫމް ޢަލީ ހާމަނާއީގެ ޖަނާޒާގެ ތެރެއިން، ފޮޓޯ: އީރާންގެ ތަސްނީމް ނިއުސް

އީރާނުގައި ޖަނާޒާ ކުރިއަށް ދިޔަ ވަގުތު، ވޮޝިންގްޓަންގައި ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވަނީ އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ އަސްކަރިއްޔާ "ފުނޑުފުނޑުކޮށްލާފައިވާ" ކަމަށް ވިދާޅުވެފައެވެ. އީރާނުން ޓްރަމްޕަށް އަމާޒުކޮށް އިންޒާރުތައް ދެމުން މިދަނީ 2020 ވަނަ އަހަރު އޭނާގެ އަމުރަށް ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެންނެވެ.

ޚާމަނާއީގެ ހަށިކޮޅު އީރާނުގެ އެކި ސިޓީތަކަށާއި އިރާގަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހިތާމައިގެ ދުވަސްތަކާ ގުޅިގެން، ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު މަޝްހަދުގައެވެ.