އޮސްޓްރޭލިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް ޓެޓޭ ޔެންގީ އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ދީނީ ދަތުރުގެ ވާހަކަތައް ހިއްސާކޮށްފައިވާއިރު، މިއީ މިހާރު މީސް މީޑިއާގައި އެންމެ ބޮޑަށް ވައިރަލްވެފައިވާ އެއް ވާހަކައެކެވެ.

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ ތަމްސީލުކުރި ޔެންގީ ވަނީ ކިއުއެލްބީ ސްޓޫޑިއޯސް އަދި ނުޖޫމް ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި އޭނާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ގަބޫލުކުރި ދުވަހު ކަން ހިނގިގޮތް ކިޔައިދީފައެވެ.

Ad
rt

ޔެންގީ ކިޔައިދިން ގޮތުގައި އޭނާ އިސްލާމްދީން ގަބޫލުކުރީ އޭނާގެ އުފަން ރަށް ކަމަށްވާ އެޑިލެއިޑްގެ މިސްކިތަކަށް ހުކުރު ނަމާދަށް ދިޔަ ދުވަހަކު، ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކާ ބައްދަލުވުމާ ގުޅިގެންނެވެ. މިއީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫން ކަމަށާއި، މިއީ ގުދުރަތީ ގޮތުން އޭނާ ކުރަމުން އައި ރޫހާނީ ހޯދުންތަކެއްގެ ނަތީޖާކަމަށް ޔެންގީ ބުންޏެވެ.

"އަހަރެން މުފްތީ މެންކާ އަތާ އަތް ޖޯޑުކޮށް ސަލާމްކޮށްލުމުން އޭނާ އެއްސެވި ޝަހާދަތް ކިޔައިފިންތޯ. އަހަރެން ބުނިން އަދި ނުކިޔަމޭ. ދެން އޭނާ އެއްސެވި މިހާރު ކިޔަން ބޭނުންތޯ. އަހަރެން ބުނިން ނޫނެކޭ ބުނާނެ ޖާގައެއް ނެތޭ. އެހެންވެ ހަމަ އެވަގުތު އޭނާގެ އަރިހުގައި ޝަހާދަތް ކިޔައި އިސްލާމްވީ." މުފްތީ މެންކާ ބައްދަލުވި ވަގުތު ހިނގައިދިޔަ ކަންތައްތައް ހިއްސާކުރަމުން ޔެންގީ ކިޔައިދީފަވެއެވެ.

މި އިންޓަވިއު އާންމުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި މިސްރާ ދެކޮޅަށް އޮސްޓްރޭލިއާ ކުޅެން އޮތް މެޗުގެ ކުރިންނެވެ. ޔެންގީ ބުނި ގޮތުގައި އޭނާ އިސްލާމްވީ އެއިގެ ކުޑަ ދުވަސްކޮޅެއް ކުރިން ޗުއްޓީއެއްގައި ރަށަށް ގޮސް އުޅުމުގެ ތެރޭގައެވެ.

ޓެޓޭ ޔެންގީ އަކީ މިހާރު ދުނިޔޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިއެކެވެ. އޭނާގެ މި ނިންމުމާއެކު އިސްލާމީ ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ވަނީ ލިބިފައެވެ.