ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އަލަށް ވާދަކުރި މިސްރުން، ޕެނަލްޓީ ޝޫޓްއައުޓްގައި 4-2 އިން އޮސްޓްރޭލިއާ ބަލިކޮށް މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކޮށްފިއެވެ. ހުކުރު ދުވަހު ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ.
މިސްރަށް ގަދަ 16 ކަށަވަރުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހުސާމް އަބްދުލްމަޖީދެވެ. މިސްރުން ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކުރިއިރު، އޮސްޓްރޭލިއާއިން އިތުރު ވަގުތުގެ ފަހުކޮޅު ކީޕަރު ބަދަލުކޮށް މެތިއު ރަޔަން އެރުވި ނަމަވެސް އޭނާއަށް އެއްވެސް ޕެނަލްޓީއެއް ނުހުއްޓުވުނެވެ. މިސްރުގެ އަނެއް ތިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ މަހްމޫދު ސާބިރު، ރާމީ ރާބިއާ އަދި މުހައްމަދު ސަލާހެވެ.
މެޗުގެ ފުރަތަމަ ލަނޑު 13 ވަނަ މިނެޓުގައި ބޮލުން ޖަހައިގެން ކާމިޔާބުކޮށްދިނީ މިސްރުގެ އިމާމް އަޝޫރެވެ. ނަމަވެސް 55 ވަނަ މިނެޓުގައި މިސްރުގެ ޑިފެންޑަރު މުހައްމަދު ހާނީ އަތުން ބައިކޮޅަށް ވަން ލަނޑަކުން އޮސްޓްރޭލިއާއިން ނަތީޖާ އެއްވަރުކުރިއެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި ހާނީ އަތުން ބައިކޮޅަށް ވަން ދެވަނަ ލަނޑެވެ. މިއާއެކު އޭނާ ވެފައިވަނީ އެއް ވޯލްޑް ކަޕެއްގައި ބައިކޮޅަށް ދެ ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މިސްރުގެ ތަރި ސަލާހް، ފޮޓޯ: ގެޓީ އިމޭޖްސް
އޮސްޓްރޭލިއާއަށް ޕެނަލްޓީގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ހެރީ ސޫޓާ ޖެހި ޕެނަލްޓީ ބޭރަށް ދިއުމާއި، 18 އަހަރުގެ ލޫކަސް ހެރިންގްޓަން ޖެހި ޕެނަލްޓީ ގޯލުގެ ހުރަސް ދަނޑީގައި ޖެހުމުންނެވެ. އޮސްޓްރޭލިއާއިން ޕެނަލްޓީ ކާމިޔާބުކުރީ ޖެކްސަން އާވިން އާއި އަވާ މަބިލް އެވެ. މިއީ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އޮސްޓްރޭލިއާ ބަލިވި ތިންވަނަ ފަހަރެވެ.
روح عالية، وقتال حتى اللحظة الأخيرة من أجل أرض الكنانة.
ألف مبروك لمصر فوزها وتأهلها إلى دور الـ16 في كأس العالم.. إنجاز يستحق الفرح، ومصر تستحق الفرح والإنجاز.
— عبدالله البندر (@a_albander) July 3, 2026
މިސްރުގެ ތަރި މުހައްމަދު ސަލާހު މި މެޗުގައި ކުޅުނީ ފަހު ގްރޫޕް މެޗުގައި ލިބުނު އަނިޔާއަކާއެކުވެސް ފުރިހަމަ އަޒުމެއްގައެވެ. މެޗުގެ ފަހުކޮޅު އޮސްޓްރޭލިއާގެ ޒުވާން ކީޕަރު ޕެޓްރިކް ބީޗް ވަނީ ސަލާހާއި ރާބިއާ ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފައެވެ.
މި މޮޅާއެކު މިސްރު ދެން ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ނުވަތަ ކޭޕް ވާޑްއާއެވެ. އެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެޓްލާންޓާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!