ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، މި ފަހަރުގެ ވޯލްޑް ކަޕްގެ ގޯލްޑަން ބޫޓަށް ކުރާ އުންމީދާއެކު މިއަދު އަލުން ދަނޑަށް ނުކުންނާނެއެވެ. މުބާރާތުގެ ގަދަ 32 ގެ ބުރުގައި އާޖެންޓީނާ ނުކުންނާނީ ކޭޕް ވާޑްއާ ދެކޮޅަށެވެ.

މިހާތަނަށް މެސީ ވަނީ މި މުބާރާތުގައި 6 ލަނޑު ޖަހާފައެވެ. މިއީ ފްރާންސްގެ ކީލިއަން އެމްބާޕޭއާ އެއްވަރަށް، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތް އަދަދެކެވެ. އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔަކަށް ދޭ ގޯލްޑަން ބޫޓު ހޯދުމުގެ ރޭހުގައި ނޯވޭގެ އާލިން ހާލަންޑް އަދި އިންގްލެންޑްގެ ހެރީ ކޭން ވެސް އުޅެނީ ކޮންމެ ކުޅުންތެރިއަކު 5 ލަނޑު ޖަހައިގެން ވަރަށް ގާތުގައެވެ.

Ad
rt

މީގެ އިތުރުން ފްރާންސްގެ އޮސްމާން ޑެމްބެލޭ، ސްޕެއިންގެ މިކޭލް އޮޔާޒަބަލް، ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ އަދި ސެނެގާލްގެ އިސްމާއިލާ ސާރު ވަނީ ކޮންމެ ކުޅުންތެރިއަކު 4 ލަނޑު ޖަހާފައެވެ. ނަމަވެސް ސެނެގާލް މުބާރާތުން ކަޓާފައިވުމުން ސާރު ވަނީ މި ރޭހުން ބޭރުވެފައެވެ. ނޯވޭ، އިންގްލެންޑް އަދި ފްރާންސް މިހާރު ވެސް ވަނީ ގަދަ 16 ގެ ބުރުން ޖާގަ ހޯދާފައެވެ. އާޖެންޓީނާއަށް އެ ބުރަށް ދެވޭނީ މިއަދު ކޭޕް ވާޑް ބަލިކޮށްގެންނެވެ.

އާޖެންޓީނާގެ ސަޕޯޓަރުން މެސީއާއި މަރަޑޯނާގެ ފޮޓޯޖެހި ކެންވާސް ހިފަހައްޓާލައިގެން، ފޮޓޯ: ގެޓީ އިމޭޖްސް

މެސީ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި މީގެ ކުރިން އެއްވެސް ކުޅުންތެރިއަކަށް ކުރެވިފައި ނުވާ ކަމެއް ހާސިލްކޮށްފައެވެ. އެއީ 2022 ވަނަ އަހަރުގެ މުބާރާތުން ފެށިގެން އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕްގެ 7 މެޗުގައި ވެސް ލަނޑު ޖެހުމެވެ. މި 7 މެޗުގައި އޭނާ ވަނީ 11 ލަނޑު ޖަހާފައެވެ. މިއާއެކު ވޯލްޑް ކަޕްގައި އޭނާ ޖެހި ޖުމްލަ ލަނޑުގެ އަދަދު ވަނީ 19 އަށް އަރާފައެވެ. މިއީ މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ރެކޯޑެވެ.

ކޭޕްވާޑް މެޗަށް މެސީ ދަނޑަށް ވަންނަނީ، ފޮޓޯ: ގެޓީ އިމޭޖްސް

ގޯލްޑަން ބޫޓަކީ މެސީގެ ކާމިޔާބު ކެރިއަރުގައި އަދި މިހާތަނަށް ލިބިފައި ނުވާ އެވޯޑެކެވެ. 2022 ވަނަ އަހަރު އޭނާ ދެވަނައިގައި ނިންމާލީ 7 ލަނޑާއެކު އެމްބާޕޭއަށް ވުރެ އެއް ލަނޑު މަދުވުމުންނެވެ. އަދި 2014 ވަނަ އަހަރު އޭނާ ވަނީ 4 ލަނޑާއެކު ތިންވަނައިގައި ހިމެނިފައެވެ.

މުބާރާތް ނިމޭއިރު ލަނޑުގެ އަދަދު އެއްވަރުވެއްޖެނަމަ، ފީފާއިން ފުރަތަމަ ބަލާނީ އެސިސްޓްގެ އަދަދަށެވެ. އެއަށްފަހު ބަލާނީ އެންމެ މަދު މިނެޓު ކުޅެފައިވާ ކުޅުންތެރިއަކަށެވެ. މިވަގުތު އެމްބާޕޭ އާއި މެސީ ލަނޑުގެ ގޮތުން އެއްވަރުވިޔަސް، 2 އެސިސްޓާއެކު ކުރީގައި އޮތީ އެމްބާޕޭއެވެ. މެސީއަށް އަދި އެސިސްޓެއް ކުރެވިފައެއް ނުވެއެވެ.