އާޖެންޓީނާގެ ވެރިރަށް ބުއެނޯސް އައިރެސްގެ މަގުތަކުން މިދުވަސްވަރު ފެންނަނީ ތަފާތު މަންޒަރެކެވެ. އެ ގައުމުގެ ގައުމީ ޓީމުގެ ޖާޒީގައި 13 ކުއްތާއެއް މަގުތަކުގައި ހިނގާބިނގާވެ އުޅޭ މަންޒަރަކީ މިހާރު އެ ސިޓީގެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ. މިއީ ވޯލްޑް ކަޕްގެ ފޯރީގައި އެ ގައުމުގެ ކުއްތާ ބަލަހައްޓާ މީހަކު އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
އުމުރުން 33 އަހަރުގެ ނަހުއެލް މެނެގިނީ، ނުވަތަ އާންމު ނަމުން ނަމަ "ނާނޯ" އަކީ މި ކުއްތާތަކުގެ ބެލެނިވެރިޔާއެވެ. އޭނާ ބަލަހައްޓާ 13 ކުއްތާވެސް ތިބެނީ އާޖެންޓީނާގެ ޖާޒީއާއި، ގައުމީ ދިދައިގެ ކުލަތައް ކަމަށްވާ ނޫކުލައާއި ހުދުކުލައިގެ ކޮލަރާއި ލީޝްތައް އަޅުވައިގެންނެވެ. މިއީ ލިއޮނަލް މެސީގެ ޓީމަށް ސަޕޯޓުކުރުމުގެ ގޮތުން އޭނާ ކުރާ ކަމެކެވެ.
"މިއީ އެ ކުއްތާތަކަށް ހުރި ލޯތްބެއްގެ ބޮޑުކަމުންނާއި އާޖެންޓީނާއަށްޓަކައި ކުރާ ކަމެއް. އަދި ވޯލްޑް ކަޕަށްޓަކައި ވެސްމެ،" ބައިނަލްއަގްވާމީ މީޑިއާއަށް ވާހަކަދައްކަމުން މެނެގިނީ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މި ހިޔާލު އައީ އޭނާ ބަލަހައްޓާ ދެ ކުއްތާއެއްގެ ވެރިން އެސަތޭކަ ނަންބަރު ޖާޒީ ގަނެދިނުމާ ގުޅިގެންނެވެ. އެއަށްފަހު އޭނާ ވަނީ ބާކީ ތިބި ހުރިހާ ކުއްތާތަކަށް ވެސް ޖާޒީ ހޯދައިދީފައެވެ.
ސޯޝަލް މީޑިއާގައި "ލާ ޕެރޮނޭޓާ" ގެ ނަމުން މަޝްހޫރުވެފައިވާ މި ގްރޫޕަށް މަގުމަތިން ފެންނަ މީހުންގެ ބޮޑު ތަރުހީބެއް ލިބެއެވެ. އާޖެންޓީނާގެ ގައުމީ ޓީމަށް ނިސްބަތްކޮށް ކިޔާ "ލާ ސްކަލޮނޭޓާ" އާ ގުޅުވައިގެން ދީފައިވާ މި ނަމާއެކު، ގިނަ ބަޔަކު ދަނީ މި ކުއްތާތަކާއެކު ފޮޓޯ ނަގައި ސޯޝަލް މީޑިއާއަށް ހިއްސާކުރަމުންނެވެ.
މެނެގިނީ ތައްޔާރުކޮށްފައިވާ ލީޝްތަކުގައި ތިން ރިވެޓް ޖަހާފައިވެއެވެ. އެއީ އާޖެންޓީނާއިން މިހާތަނަށް ހޯދާފައިވާ ތިން ވޯލްޑް ކަޕް ކާމިޔާބީ (1978، 1986 އަދި 2022) ރަމްޒުކޮށްދިނުމަށެވެ. އޭނާ ބުނީ އާޖެންޓީނާ މުބާރާތުން ވަކިވި ނަމަވެސް މި ކުއްތާތައް މި ކުލަތަކުގައި ބައިތިއްބާނެ ކަމަށެވެ.
މި ހަރަކާތުގެ ސަބަބުން މިހާރު އެ އަވަށުގެ އެހެން މީހުންވެސް ވަނީ އެމީހުންގެ އަމިއްލަ ކުއްތާތަކަށް މިފަދަ ޖާޒީއާއި ކޮލަރު ހޯދުމަށް މެނެގިނީގެ ގާތުން އެދެން ފަށާފައެވެ. މެނެގިނީ އުންމީދު ކުރަނީ އާޖެންޓީނާއިން ހަތަރުވަނަ ފަހަރަށް ތަށި އުފުލާލާނެ ކަމަށާއި، އެދުވަހުން ލީޝްތަކުގައި ހަތަރުވަނަ ރިވެޓެއް ޖަހާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!