2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީ ޖެހުމުގެ ކުރިން "ބިސްމިﷲ" ކިޔާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ފެށިއްޖެއެވެ. ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރޮނާލްޑޯ ޕެނަލްޓީ ޖެހުމުގެ ކުރިން އޭނާގެ ތުންފަތް ހަރަކާތްކުރި ގޮތުން ގިނަ ބަޔަކު ގަބޫލުކުރަނީ އޭނާ އެ ލަފްޒު ބޭނުންކުރި ކަމަށެވެ.

އިނގިރޭސިވިލާތުގެ 'ދަ ސަން' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސޯޝަލް މީޑިއާގައި ގިނަ ފޭނުންތަކެއް ދަނީ ރޮނާލްޑޯ ޕެނަލްޓީ ޖެހުމުގެ ކުރިން ދެ ފަހަރަށް "ބިސްމިﷲ" ކިޔާފައިވާ ކަމަށް ބުނަމުންނެވެ. ސައުދީ އަރަބިއްޔާގެ އަލް ނަސްރު ކްލަބަށް ބަދަލުވި ފަހުން ރޮނާލްޑޯ ދަނީ އާންމުކޮށް އަރަބި ބަސްތައް ބޭނުންކުރަމުންނެވެ. ނަމަވެސް، ބައެއް ކުޅިވަރު ނޫސްވެރިން ބުނާ ގޮތުގައި އޭނާ ކިޔާފައިވަނީ ޕޯޗުގީޒު ބަހުން ހިތްވަރުލިބޭ ފަދަ ލަފްޒެއް ކަމަށްވާ "ވަމޮސް ލާ" އެވެ.

Ad
rt

މި މެޗުގައި ރޮނާލްޑޯ ޖެހި ލަނޑާއެކު އޭނާ ވަނީ ވޯލްޑް ކަޕް ތާރީޚުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފައެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯގެ މި ލަނޑުން މެޗުގެ ނަތީޖާ އެއްވަރުވިއިރު، މެޗުގެ ފަހު ވަގުތު ގޮންސާލޯ ރާމޯސް ޖެހި ލަނޑުން ޕޯޗުގަލް ވަނީ 2-1 އިން މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ ފަހުކޮޅު ކްރޮއޭޝިއާއިން ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު އިން ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑެއް ކަމަށް ވަނީ ނިންމާފައެވެ.

މެޗުން މޮޅުވުމަށްފަހު ރޮނާލްޑޯ ވަނީ ވަރަށް ބޮޑަށް އަސަރުކޮށް، އުފާ ފާޅުކޮށްފައެވެ. އޭނާ މެޗުގައި ބޭނުންކުރީ 21 ނަމްބަރު ޖާޒީއެވެ. އެއީ މީގެ އެއް އަހަރު ކުރިން ނިޔާވި އޭނާގެ ޓީމްމޭޓް ދިއޯގޯ ޖޮޓާގެ ހަނދާނުގައެވެ. މިއީ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް ކަމަށް ބެލެވޭއިރު، އޭނާގެ އާއިލާއިން ވެސް ވަނީ މިއީ އޭނާގެ ގައުމީ ޓީމަށް ކުޅޭ ފަހު މުބާރާތް ކަމަށް އިޝާރާތްކޮށްފައެވެ.

މެޗަށްފަހު ޕޯޗުގަލް ކުޅުންތެރިން ޑިއޯގޯ ޖޯޓާގެ ހަނދާނުގައި ވަގުތުކޮޅެއް ހޭދަކުރަނީ، ފޮޓޯ: ނިއުޔޯކް ޓައިމްސް

ރޮނާލްޑޯ އަކީ މުސްލިމުންގެ އީދު ތަކާއި ދިމާކޮށް ތަހުނިޔާ ވެސް ފޮނުވަމުންދާ ކުޅުންތެރިއެކެވެ. ސައުދީގެ އަލް-ނަޞްރާ ގުޅުނު ފަހުން ރޮނާލްޑޯ އަންނަނީ އިސްލާމީ ބޮޑެތި މުނާސަބަތުތައް ފާހަގަކުރުމުގައި ބައިވެރިވަމުންނެވެ. އެގޮތުން، ރޯދައިގެ ތަޖުރިބާ ދެނެގަތުމަށްޓަކައި އޭނާގެ ޓީމު ކުޅުންތެރިންނާއެކު މިދިޔަ ރޯދަމަހު ދެ ދުވަހަކު ރޯދަ ހިފާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.