ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، ނޮކްއައުޓް ބުރުގެ ފުރަތަމަ މެޗުގައި އޮސްޓްރިއާ 3-0 އިން ބަލިކޮށް ސްޕެއިން އިން އެޓީމުގެ ވަރުގަދަކަން ދައްކާލައިފިއެވެ.
މިއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން ނޮކްއައުޓް ބުރެއްގައި ސްޕެއިން ހޯދި ފުރަތަމަ މޮޅެވެ.
ލޮސް އެންޖެލިސްގެ ސޯފައި ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސްޕެއިންގެ މިކޭލް އޮޔާޒަބާލް ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި އޭނާ ފުރަތަމަ ލަނޑު ޖެހިއިރު، ދެވަނަ ލަނޑު ކާމިޔާބުކުރީ 89 ވަނަ މިނެޓުގައެވެ. ސްޕެއިންގެ އަނެއް ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ޕެޑްރޯ ޕޯރޯއެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
މެޗަށްފަހު ވާހަކަދައްކަމުން ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނީ ބޮޑެތި ޓީމުތަކަކީ ބޭނުންވާ ވަގުތު ތަފާތު ދައްކާ ޓީމުތައް ކަމަށެވެ.
"އަހަރެމެން ކުޅުނީ މޮޅު މެޗެއް. ފުރިހަމަކަމާ ގާތަށް ދެވުނު، އެކަމަކު އަދިވެސް އިތުރަށް ރަނގަޅު ކުރަން ޖެހޭ،" ކޯޗު ބުންޏެވެ.
އޮޔާޒަބާލް ވެސް ވަނީ މިއީ އުނދަގޫ މެޗެއްކަން ފާހަގަކޮށް، ކުރިއަށް އޮތް ބުރަށް ތައްޔާރުވުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.
މި މެޗުގައި ސްޕެއިންގެ ގޯލްކީޕަރު އުނާއި ސިމޯން ވަނީ އާ ރެކޯޑެއް ގާއިމްކޮށްފައެވެ. އޭނާ ވަނީ ވޯލްޑް ކަޕްގައި ލަނޑެއް ނުވަދެ 519 މިނެޓު ހަމަކޮށް، 1990 ވަނަ އަހަރު އިޓަލީގެ ވޯލްޓާ ޒެންގާ ހަދާފައިވާ ރެކޯޑު މުގުރާލާފައެވެ. އޮސްޓްރިއާއަށް މި މެޗުގައި ސްޕެއިންގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.
އޮސްޓްރިއާގެ ކޯޗު ރަލްފް ރަންގްނިކް ބުނީ ސްޕެއިންގެ ފަރާތުން ފެނުނީ ފުރިހަމަ ކުޅުމެއް ކަމަށާއި، އެޓީމަކީ މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ޓީމެއް ކަމަށެވެ. އަދި މިއީ އޮސްޓްރިއާގެ ތަޖުރިބާކާރު ފޯވާޑް މާކޯ އާނައުޓޮވިޗް ގައުމީ ޓީމަށް ކުޅުނު ފަހު މެޗުކަން ވެސް ކޯޗު ވަނީ ކަށަވަރުކޮށްދީފައެވެ.
ގަދަ 16 ގެ ބުރުގައި ސްޕެއިން ދެން ބައްދަލުކުރަން ޖެހޭނީ ޕޯޗުގަލް ނުވަތަ ކްރޮއޭޝިއާއާއެވެ. މި މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު ޑަލަސްގައެވެ. ސްޕެއިން މިހާރު އޮތީ ބަލިނުވެ ޖެހިޖެހިގެން 35 މެޗު ހަމަކޮށް، ވަރަށް ވަރުގަދަ ފޯމެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!