ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ޖަރުމަނު ކެޓުމާ ގުޅިގެން، އެ ޓީމުގެ ކޯޗު ޖޫލިއަން ނާގަލްސްމަންގެ މުސްތަގުބަލާ މެދު ސުވާލު އުފެދި، ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާއާ ބައްދަލުކޮށްފިއެވެ.
ބުރާސްފަތި ދުވަހު ފެޑެރޭޝަނުގެ މައި މަރުކަޒުގައި ބޭއްވި މި ކުއްލި ބައްދަލުވުމަކީ ޓީމުގެ ދަށް ނަތީޖާތަކާ ގުޅޭގޮތުން ޖަވާބުދާރީވުމަށް ބޭއްވި ބައްދަލުވުމެކެވެ.
މިދިޔަ ހޯމަ ދުވަހު ނޮކްއައުޓް ބުރުގައި ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ އަތުން ބަލިވުމާ ގުޅިގެން ނާގަލްސްމަންއަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އޭނާ ނިންމި ބައެއް ނިންމުންތަކާއި، ފޯމު ދަށް ކުޅުންތެރިންނަށް ފުރުސަތު ދިނުމާއި، އަދި މީޑިއާއާ މުއާމަލާތް ކުރުމުގައި ގެންގުޅުނު ހަރުކަށި އުސޫލުތަކުގެ ސަބަބުން ގިނަ ބައެއްގެ ނުރުހުން ވަނީ އޭނާއަށް އަމާޒުވެފައެވެ.
ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ބާންޑް ނިއުއެންޑޯފް ވިދާޅުވީ ޓީމަށް އެންމެ އެކަށީގެންވާ ކުޅުން ނުދެއްކުނު ސަބަބުތައް ވަރަށް ފުންކޮށް ދިރާސާކުރާނެ ކަމަށެވެ.
"މިފަދަ ބޮޑު ނާކާމިޔާބީއަކަށްފަހު، ކަންތައްތައް ކުރިން އޮތް ގޮތަށް ކުރިއަށް ގެންދާކަށް އަހަރެމެން ބޭނުމެއް ނޫން،" ނިއުއެންޑޯފް ވިދާޅުވިއެވެ.
މިއީ ވޯލްޑް ކަޕްގެ ކުރީކޮޅު ޖަރުމަނު މުބާރާތުން ވަކިވާންޖެހުނު ޖެހިޖެހިގެން ތިންވަނަ ފަހަރެވެ. ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނުން މިފަހަރުގެ މުބާރާތަށް ނުކުތީ ތަށި ހޯދުމުގެ އުންމީދުގައެވެ. ނަމަވެސް ގްރޫޕް ސްޓޭޖުގައި އިކުއެޑޯ އަތުން ބަލިވެ، އަދި ދެވަނަ ބުރުގައި ޕެރަގުއޭ އަތުން ބަލިވުމުން އެ އުންމީދުތައް ވަނީ ފެނަށް ވެފައެވެ.
ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ބައެއް ކުޅުންތެރިން ޕެނަލްޓީ ޖަހަން އިންކާރުކުރި ކަމަށް މައުލޫމާތު ލިބެއެވެ. މިއީ މިފަދަ ހާލަތަކަށް ޓީމުން ތައްޔާރުވެފައި ނެތްކަން ހާމަވާ ކަމެކެވެ. ޕެނަލްޓީ ނާކާމިޔާބުވި ޑިފެންޑަރު ޖޮނަތަން ތާ ބުނީ ޕެނަލްޓީ ނާކާމިޔާބުވުމުން ވަރަށް ބޮޑަށް ދެރަވާ ކަމަށާއި، ނަމަވެސް އަލުން ފުރުސަތެއް ލިބުނަސް ޕެނަލްޓީ ޖަހަން ތައްޔާރަށް ހުރި ކަމަށެވެ.
ނާގަލްސްމަންގެ ކޮންޓްރެކްޓް 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް ނަމަވެސް، ފެޑެރޭޝަނުގެ އިސްވެރިން އޭނާގެ އިސްތިއުފާއަށް އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމާ މެދު ވަކި ގޮތެއް ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ނިންމާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!