އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ގާޒާގައި ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ކުޅަދާނަ ގޯލްކީޕަރު ސަލީމް އަލްއަޝްގަރު ޝަހީދުކޮށްލައިފި ކަމަށް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ހާމަކޮށްފިއެވެ.
ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލްއަޝްގަރު ޝަހީދުވީ އިސްތިއުމާރީ ބާރުތަކުން ދިން ބަޑީގެ ހަމަލާތަކެއްގައެވެ.
ޕީއެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ކުރިއަށްގެންދާ ގަތުލުއާންމުގައި މިހާތަނަށް ފަލަސްތީނުގެ 1،000 އަށްވުރެ ގިނަ އެތުލީޓުން ޝަހީދުވެފައިވާ ކަމަށެވެ. ސަލީމް އަލްއަޝްގަރަކީ މި ހަނގުރާމައިގައި ފުރާނަ ގެއްލުނު ކުޅިވަރުގެ ދާއިރާގެ އެތައް ސަތޭކަ ފަރާތްތަކުގެ ތެރެއިން އެކަކެވެ.
އުމުރުން 32 އަހަރުގެ އަލްއަޝްގަރު ކައިވެނިކުރީ މީގެ ފަސް މަސް ކުރިންނެވެ. އޭނާ ޝަހީދުވިއިރު، އޭނާގެ އަންހެނުން އިނީ އަލްއަޝްގަރުގެ ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑުވެފައެވެ. އޭނާގެ ވަކިވުމާ ގުޅިގެން އާއިލާއާއި، ޓީމުގެ ކުޅުންތެރިންގެ އިތުރުން ފަލަސްތީނުގެ ކުޅިވަރު އާއިލާއަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ.
މި ހާދިސާއާ ގުޅިގެން ޗިލީގެ ފުޓްބޯޅަ ކްލަބެއް ކަމަށްވާ ޑިޕޯޓިވޯ ޕަލެސްޓީނޯއިން ވަނީ ހިތާމަ ފާޅުކޮށްފައެވެ.
"އުމުރުން 32 އަހަރުގެ ފަލަސްތީނުގެ ގޯލްކީޕަރު ސަލީމް އަލްއަޝްގަރުގެ ވަކިވުމުގެ ހިތާމައިގައި އަހަރެމެން ބައިވެރިވަން. އޭނާ ޝަހީދުކޮށްލީ އިސްރާއީލް ސިފައިން. މިފަދަ ހާދިސާތައް ތަކުރާރުވަމުންދާތީ އަހަރެމެން އިންތިހާއަށް ދެރަވޭ. އަދި އިންސާފާއި ސުލްހައަށް ގޮވާލަން،" އެ ކްލަބުން ބުދަ ދުވަހު ބުނެފައިވެއެވެ.
އިސްރާއީލުން ގާޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގައި އާންމުންނާއި ކުޅިވަރު ކުޅުންތެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކުށްވެރިކުރަމުންނެވެ.
ފަލަސްތީނުގެ ކުޅިވަރުގެ ދާއިރާއަށް ވެސް މި ހަނގުރާމައިގެ ސަބަބުން ވަނީ އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!