ގަތަރުގެ ދޯހާގައި އެމެރިކާއާއި އީރާނާ ދެމެދު ނުސީދާކޮށް ކުރިއަށްދިޔަ ފަންނީ މަޝްވަރާތަކަށްފަހު، ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމާ ގުޅޭގޮތުން ދެ ގައުމުން ފަހުމުތަކަކަށް އަތުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ގަތަރާއި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރި މި ބައްދަލުވުންތައް ނިމިފައިވަނީ ދެ ގައުމުގެ ދެމެދުގައި ދާދިފަހުން ސޮއިކުރެވުނު 14 ނުކުތާގެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) މޮނިޓަރ ކުރުމަށް ކުއްލި މުއާސަލާތީ ޗެނަލެއް ގާއިމުކުރުމަށް އެއްބަސްވަމުންނެވެ.
ހިފަހައްޓާފައިވާ ފައިސާއާ ގުޅޭގޮތުން އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ވިދާޅުވީ، ހިފަހައްޓާފައިވާ 6 ބިލިއަން ޑޮލަރުގެ ތެރެއިން ބައެއް ދޫކޮށްލުމަށް ގަތަރުގެ އޮފިޝަލުންނާއި އެ ގައުމުގެ މަރުކަޒީ ބޭންކާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
އީރާނުން ބުނާ ގޮތުގައި މި ފައިސާ ބޭނުންކުރާނީ އެ ގައުމުގެ އިސްކަންދޭ ކަންކަމަށް ބަލައި ބޭނުންވާ މުދާ ގަތުމަށެވެ. އަދި ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި އެ ފައިސާ ހަރަދުކުރާނެ ގޮތުގެ ފުރިހަމަ އިހުތިޔާރު އީރާނަށް އޮންނާނެއެވެ.
ނަމަވެސް، އެމެރިކާގެ އޮފިޝަލުން ވަނީ މި ފައިސާއާ މެދު ފައިނަލް ނުވަތަ އެއްވެސް ހުރަހެއް ނެތް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނާ ވާހަކަތަކަށް ދެކޮޅު ހަދާފައެވެ. އެހެންނަމަވެސް، ރައީސް ޓްރަމްޕް މީގެ ކުރިން ވަނީ އެމެރިކާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ކަމަށްވާ ގޮދަނާއި، ސޯޔާބީން އަދި ކޯން ފަދަ ތަކެތި ގަތުމަށް އީރާނުގެ ހިފަހައްޓާފައިވާ ފައިސާ ބޭނުންކުރުމުގެ ފުރުސަތު ދިނުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ.
މި މަޝްވަރާތަކުން ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ އަސްކަރީ ހަމަނުޖެހުންތައް ކުޑަކުރުމަށް އެއްބަސްވުމެވެ. މިގޮތުން އަލަށް އުފެއްދި މޮނިޓަރިންގ ގްރޫޕުން ދެ ގައުމުން އެއްބަސްވުންތަކަށް އަމަލުކުރާ މިންވަރު ބަލާނެއެވެ. ޚާއްސަކޮށް ސަރަހައްދީ ސަލާމަތާއި ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަމާ ގުޅޭގޮތުން ދެ ގައުމުން އަމަލުކުރާ ގޮތް މި ގްރޫޕުން މޮނިޓަރ ކުރަމުންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!