ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ދެކުނު ކޮރެއާ ކެޓުމާ ގުޅިގެން، އެ ގައުމުގެ ރައީސްގެ ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ގައުމީ ޓީމުގެ ކޯޗު ހޮންގް މިއުންގް-ބޯ އާދީއްތަ ދުވަހު މަގާމުން އިސްތިއުފާ ދީފިއެވެ.

ދެކުނު ކޮރެއާގެ ރައީސް ލީ ޖައީ މިއުންގް ވަނީ ކޯޗަކީ "ގާބިލުކަމެއް ނެތް" މީހެއްގެ ގޮތުގައި ސިފަކުރައްވައި، ގައުމީ ޓީމުގެ ޕްރޮގްރާމް އެއްކޮށް މުރާޖައާ ކުރުމަށް އަމުރު ކުރައްވާފައެވެ.

Ad
rt

މިފަހަރުގެ ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ ކުޅުނު ފުރަތަމަ މެޗުން ޗެކް ރިޕަބްލިކް އަތުން މޮޅުވި ނަމަވެސް، ގްރޫޕް އޭގައި ދެން ކުޅުނު ދެ މެޗުން ދެކުނު އެފްރިކާ އާއި މެކްސިކޯ އަތުން ވަނީ ބަލިވެފައެވެ. މުބާރާތުގެ ފޯމެޓް އޮތްގޮތުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތެއް އޮތް ނަމަވެސް، ހޮނިހިރު ދުވަހު ކޮންގޯ އިން އުޒްބެކިސްތާން 3-1 އިން ބަލިކުރުމާއެކު ކޮރެއާ އަށް އޮތް ހުރިހާ އުންމީދެއް ވަނީ ގެއްލިފައެވެ.

ޓީމު ކެޓުމާ ގުޅިގެން ރައީސް ލީ ޖައީ މިއުންގް ވަނީ ކޯޗު އައްޔަންކުރި ގޮތަށާއި ޓީމުގެ އޮނިގަނޑަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ޕްރޮފެޝަނަލް ފުޓްބޯޅަ ކްލަބެއްގެ ކުރީގެ އޮނަރަރީ ޗެއާމަންގެ ހައިސިއްޔަތުންނާއި، 'ރެޑް ޑެވިލްސް' ސަޕޯޓަރުންގެ މެންބަރެއްގެ ގޮތުގައި ހުރެ، މި ނުކުތް ނަތީޖާއާ މެދު އަހަރެން ހައިރާންވެ އިންތިހާއަށް ކަންބޮޑުވޭ،" ރައީސް ވިދާޅުވިއެވެ. އަދި ގާބިލުކަމަށްވުރެ ވަކި ފަރާތްތަކަކަށް ވަފާތެރިވުމަށް އިސްކަންދީގެން މީހުން އައްޔަންކުރުމުގެ ނަތީޖާ ފެނިގެން ހިނގައްޖެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އުމުރުން 57 އަހަރުގެ ހޮންގް އިސްތިއުފާ އިއުލާން ކުރީ މެކްސިކޯގައި ހުރި ޓީމުގެ ބޭސް ކޭމްޕުން ފުރުމުގެ ކުރިން ކޮރެއާގެ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދުމަށްފަހުއެވެ. މިއީ އޭނާ ދެކުނު ކޮރެއާގެ ގައުމީ ޓީމަށް ކޯޗުކޮށްދިން ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައިވެސް އޭނާގެ އިރުޝާދުގެ ދަށުން ކޮރެއާ ވަނީ ގްރޫޕް ސްޓޭޖުން ކެޓުމުގެ ހިތްދަތިކަން ތަހައްމަލުކޮށްފައެވެ.

"ގައުމީ ޓީމަށް ލޯތްބާއި ސަޕޯޓް ދިން ހުރިހާ ރައްޔިތުންގެ ކިބައިން އިހުލާސްތެރިކަމާއެކު މައާފަށް އެދެން. ހެޑް ކޯޗުގެ ހައިސިއްޔަތުން، ނަތީޖާއަށްވުރެ ވަކި ބޮޑު އުޒުރެއް ނުދެއްކޭނެ. ރައްޔިތުން އުންމީދުކުރި ނަތީޖާ އަހަންނަށް ހޯދައެއް ނުދެވުނު. ހުރިހާ ޒިންމާއެއް ނަގަނީ އަހަރެން." އިސްތިއުފާ އިއުލާން ކުރަމުން ހޮންގް ބުނެފަވެއެވެ.

ކޯޗުކަމުން ވަކިވި ނަމަވެސް، ކޮރެއާގެ ފުޓްބޯޅައަށް އޮތް ލޯބި ބަދަލުނުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ގައުމީ ޓީމަށް ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދުމަށް ސަޕޯޓް ކުރަމުންދާނެ ކަމަށް ހޮންގް އިތުރަށް ބުންޏެވެ. މި އިސްތިއުފާއާ ގުޅިގެން ދެކުނު ކޮރެއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިހާރު ދަނީ ގައުމީ ޓީމަށް އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.