މި އަހަރުގެ ވޯލްޑް ކަޕްގައި އަނިޔާގެ ސަބަބުން މިހާތަނަށް އެއްވެސް މެޗެއް ކުޅެފައިނުވާ ބެލްޖިއަމްގެ ސެންޓަރ ބެކް ޒެނޯ ޑެބާސްޓް، އާދީއްތަ ދުވަހު މި މުބާރާތުގެ ފުރަތަމަ ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެއެވެ.
ފައިގެ އަނިޔާއަކާ ގުޅިގެން ހޮނިހިރު ދުވަހު ހެދި އެމް.އާރް.އައި ސްކޭންގެ ނަތީޖާ އަކީ "ޕޮޒިޓިވް" ނަތީޖާއެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
އުމުރުން 22 އަހަރުގެ ޑެބާސްޓަށް މި އަނިޔާ ކުރިމަތިވީ މިދިޔަ މަހު ޕޯޗުގަލްގެ ސްޕޯޓިންގ ލިޒްބަންއާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދަނިކޮށެވެ. އާދީއްތަ ދުވަހުގެ ފަރިތަކުރުންތަކުގެ ތެރެއިން މީޑިއާއަށް ހުޅުވާލި ބައިގައި އޭނާ ވަނީ ޓީމުގެ 26 ކުޅުންތެރިންނާއެކު ވޯމްއަޕް ހަދާފައެވެ. ނަމަވެސް އޭގެ ފަހުން އޭނާ ކުރިއަށް ގެންދިޔައީ ކޯޗަކާއެކު ވަކިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކެކެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑެބާސްޓް ބުނީ، "ހުރިހާ ކަމެއްވެސް ދަނީ ރޭވިފައިވާ ގޮތަށް. އެހެންކަމުން އަހަރެމެން މިތިބީ އުއްމީދާއެކު. އަހަރެންގެ ހާލު ރަނގަޅު. މިއަދު އަހަންނަށް ޓީމު ފަރިތަކުރުންތަކުގައި ބައެއް މިންވަރަށް ބައިވެރިވެވިއްޖެ،" ކަމަށެވެ. އަދި ޓީމު ކުޅެމުންދާއިރު ބައިވެރިނުވެ ބަލަން ހުރުމަކީ ފަސޭހަ ކަމެއް ނޫން ނަމަވެސް، އެނބުރި އައުމަށް މަސައްކަތް ކުރަން ފުރުސަތު ލިބުމުން އުފާކުރާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ޑެބާސްޓް ނުލައި ބެލްޖިއަމް އިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން އެއްވަރުވި ނަމަވެސް، ހުކުރު ދުވަހުގެ ރޭ ނިއުޒީލެންޑް އަތުން 5-1 އިން މޮޅުވެ، ގްރޫޕް ޖީގެ އެއްވަނަ ޓީމުގެ ގޮތުގައި ވަނީ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ. ބެލްޖިއަމްގެ ގައުމީ ޓީމަށް 26 މެޗު ކުޅެދީފައިވާ ޑެބާސްޓް އަލުން ކުޅުމަށް ފިޓްވުމުން، ކޯޗު ރޫޑީ ގާސިއާ އޭނާ ފުރަތަމަ އެގާރައިގައި ހިމަނާނެކަމެއް އަދި ސާފެއް ނުވެއެވެ.
އެނބުރި ދަނޑަށް އަންނާނެ ސީދާ ތާރީޚެއް ބުނަން ބޭނުންނުވާ ކަމަށް ޑެބާސްޓް ބުންޏެވެ.
"އަހަރެން ބޭނުމީ 100 އިންސައްތަ ފިޓްވާން. ޓީމަށް އެހީތެރިވެވޭނީ އޭރުން. އަހަރެން މިއައީ އުނދަގޫ ސީޒަނަކަށް ފަހު، ބައެއް އަނިޔާތަކާއެކު،" އޭނާ ބުންޏެވެ.
ބެލްޖިއަމްގެ ނޮކްއައުޓް ބުރުގެ ފުރަތަމަ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ސިއެޓްލްގައި ސެނެގާލްއާ ދެކޮޅަށެވެ. ސެނެގާލް އަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބެލްޖިއަމްގެ ކުޅުންތެރިން ފޯމުގައި ތިބެއްޖެނަމަ މޮޅު ކުޅުމެއް ފެންނާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ޑެބާސްޓް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!