ދިވެހި ފުލުހުންގެ ޚިދުމަތަކީ ވަރަށް ވަރުގަދަ ޤައުމީ ޚިދުމަތެއް ކަމަށާއި، ފުލުހުންނާއި އެ ބޭފުޅުންގެ ޢާއިލާތަކުން ވެވަޑައިގަންނަވަނީ ވަރުގަދަ ޤުރުބާނީއެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ކޮންމެ ދުވަހަކުމެ ޤައުމުގެ ހަމަޖެހުން ދަމަހައްޓައި، ދިވެހި ޤައުމުގެ ތަންފީޒީ ބާރުގެ ގޮތުގައި ފުލުހުން ކުރައްވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވިއެވެ. އަދި ފުލުހުން ކުރައްވާ ގުނާ ޢަދަދުނުކުރެވޭހާ ގިނަ މަސައްކަތްތަކަކީ މުޖުތަމަޢަށް ދާއިމީ ބަދަލެއް އަންނާނެ ކަންތައްތަކެއް ކަމަށާއި، އެއީ އިޚްލާސްތެރިކަމާއި ޤައުމީ ލޯތްބާއެކު ކުރައްވާ ކަންކަން ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ފުލުހުންގެ ވެލްފެއާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ބޯހިޔާވަހިކަމުގެ އިތުރު ފުރުޞަތުތައް ފުލުހުންނާއި އެ ބޭފުޅުންގެ ޢާއިލާތަކަށް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. މިކަމުގައި އަމަލީ ގޮތުން ރަނގަޅު ނަތީޖާތަކެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
މުއައްސަސާގެ ތަރައްޤީއަށް ކުރައްވާނެ ކަންކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ޤާއިމުކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން ދ. ވާނީގައި ހުންނަ ތަމްރީނު މަރުކަޒު އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ޚިދުމަތް ދެވޭނެ އުމްރާނީ ވަސީލަތްތައް ބިނާކުރުމުގެ މަޝްރޫޢުތައް އަންނަ އަހަރުގެ ތެރޭގައި ނިންމަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުން ބަލައިގަންނަ ފަދަ ފުރިހަމަ ޚިދުމަތެއް ފުލުހުންގެ ފަރާތުން ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ޤާނޫނީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ކުރަންޖެހޭ ކޮންމެ ކަމެއްވެސް ސަރުކާރުން ކޮށްދެއްވާނެ ކަމުގެ ފުރިހަމަ އިތުބާރު ދެއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!