ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ ޕޯޗުގަލްއާ ވާދަކޮށް 0-0 އިން އެއްވަރުކޮށް، ގްރޫޕް ކޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮލަމްބިއާ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ. މި މެޗު ފެށުމުގެ ކުރިންވެސް މި ދެ ޓީމަށް ވަނީ ނޮކައުޓް ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ.

މި ނަތީޖާއާއެކު ގްރޫޕްގެ އެއްވަނަ ހޯދި ކޮލަމްބިއާ ދެން ބައްދަލުކުރާނީ ގާނާއާއެވެ. ގާނާ ވަނީ އިއްޔެ ކްރޮއޭޝިއާ އަތުން 2-1 އިން ބަލިވެފައެވެ. ގްރޫޕްގެ ދެވަނަ ލިބުނު ޕޯޗުގަލް ނޮކައުޓް ބުރުގައި ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.

Ad
rt

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކޮލަމްބިއާގެ ކީޕަރު ކެމީލޯ ވަރްގަސް ވަނީ ދިފާއުކޮށްފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކޮލަމްބިއާގެ ޑޭވިންސަން ސަންޗޭޒް ލަނޑެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑްގައި ހުރުމުން ރެފްރީ އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

ޕޯޗުގަލް އަދި ކޮލަމްބިއާގެ މިހާތަނުގެ ނަތީޖާތައް
ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަންކަމުގެ ދަށުން ކުޅޭ ޕޯޗުގަލްއިން މިފަހަރުގެ މުބާރާތް ފެށީ ކޮންގޯއާ 1-1 އިން އެއްވަރުވެގެންނެވެ. ނަމަވެސް އުޒްބެކިސްތާން އަތުން 5-0 އިން މޮޅުވި މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައި، ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. 2022 ވަނަ އަހަރުގެ މުބާރާތަށް ކޮލިފައިނުވާ ކޮލަމްބިއާ ވަނީ މިފަހަރު އުޒްބެކިސްތާން 3-1 އިން އަދި ކޮންގޯ 1-0 އިން ބަލިކޮށްފައެވެ.

މިއާމީ ޑޮލްފިންސްގެ ދަނޑުގައި ކުޅުނު މި މެޗު ބަލަން 64,478 ސަޕޯޓަރުން ވަދެ ދަނޑު ވަނީ ފުރާލާފައެވެ. މެޗު ބަލަން ވަޑައިގެންނެވި ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި މަޝްހޫރު އެކްޓަރު މެޓް ޑޭމަން ހިމެނެއެވެ.

މި މެޗުގެ ޓިކެޓް ނުލިބުނު ގިނަ އަދަދެއްގެ ސަޕޯޓަރުންނަށްޓަކައި ސައުތު ފްލޮރިޑާގެ އެކި ސަރަހައްދުތަކުގައި ވޮޗް ޕާޓީތައް ބޭއްވުނެވެ. މީގެ ތެރެއިން ފްލޮރިޑާ ޕެންތާސްގެ އެރީނާގައި ބޭއްވި އިވެންޓަށް އެތައް ހާސް ބަޔަކު ޖަމާވިކަން ފާހަގަކުރެވެއެވެ.