ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އީރާނާ މެދު ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅެމުންދާ ކަމަށް ބުނެ، އެ ގައުމުގެ ގައުމީ ޓީމުގެ ކެޕްޓަން މަހްދީ ތަރޭމީ ފީފާ އާއި އެމެރިކާގެ އިންތިޒާމުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

މިސްރާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަދައްކަމުން ތަރޭމީ ބުނީ އީރާން މުބާރާތުން ބޭރުކޮށްލުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް އިންތިޒާމުކުރާ ފަރާތްތަކުން ކުރަމުންދާ ކަމަށެވެ.

Ad
rt

ތަރޭމީގެ ވާހަކައިގައި އޭނާ ވަނީ މިއީ އިންސާފުވެރި މުބާރާތެއް ނޫންކަން ފާހަގަކޮށްފައެވެ.

"މިއީ ވަރަށް ބޮޑު ތަފާތުކުރުންތަކެއް އޮތް ވޯލްޑް ކަޕެއް. ޕްރޮފެޝަނަލް ކުޅުންތެރިންގެ ހައިސިއްޔަތުން، މިފަދަ ހާލަތްތަކެއްގައި އަހަރެމެންނަށް މުބާރާތެއްގައި ނުކުޅެވޭނެ؛ މިއީ ރަނގަޅު ގޮތެއް ނޫން، އަދި އިންސާފެއްވެސް ނޫން، މިއީ އިންސާފުވެރި ގޮތެއް ކަމަށް ފީފާއަށް ހީވާނަމަ، އެއީ އެމީހުންގެ މައްސަލައެއް، އެކަމަކު މިއީ އިންސާފެއް ނޫން." ކެޕްޓަން ބުންޏެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް ވިދާޅުވި ނަމަވެސް، އަމަލީ ގޮތުން އެއްވެސް ކަމެއް ފެނިގެން ނުދާ ކަމަށް އޭނާ ތުހުމަތުކުރިއެވެ.

''އަހަރެމެންނަށް މި މައްސަލަ ހައްލުކޮށްދޭނީ ކާކު؟ ފީފާ އިންތަ؟ އެމެރިކާ އިންތަ؟ އަހަންނަކަށް ނޭނގެ! އަހަންނަށް ނަމެއް ބުނެދީ. ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ، ނިއުޒީލެންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗަށްފަހު އަހަރެމެންގެ ލޮކަރ ރޫމަށް އައިސް ހުރިހާ މައްސަލައެއް ހައްލުކޮށްދޭނެ ކަމަށް ބުނި، އެކަމަކު ހަގީގަތުގައި ފީފާއިން އެއްވެސް ކަމެއް ނުކުރޭ. 'ފީފާ އާއި އެމެރިކާގެ އޮފިޝަލުން ހިމެނޭގޮތަށް، ވޯލްޑް ކަޕް އިންތިޒާމުކުރާ ފަރާތްތަކުން ބޭނުންވަނީ އީރާން މުބާރާތުން ވަކިކުރަން ކަމަށް ގަބޫލުކުރަންތަ؟'' އޭނާ ވާހަކަ ކުރިއަށް ގެންދަމުން ބުނެފަވެއެވެ.

ތަރޭމީ ބުނީ އޭނާގެ ޖަވާބަކީ އީރާނު ޓީމަށް ޖެހެނީ ހުރިހާ ކަމަކާ ދެކޮޅަށް ''ހަނގުރާމަކުރަން'' ކަމަށެވެ.

''މި ސުވާލުގެ ޖަވާބުގައި އަހަރެން ބުނާނީ: އަހަރެމެން މި ޖެހެނީ ހުރިހާ ކަމަކާ ދެކޮޅަށް ހަނގުރާމަކުރަން. އަހަރެމެންނަށް ގައުމުގައި މަޑެއް ނުކުރެވޭ، ކުޅެން ބޭނުންވާ ކޮންމެ ފަހަރަކު ދަތުރުކޮށް އިމިގްރޭޝަން ޗެކްތައް ފުރިހަމަކުރަން ޖެހޭ، މިހާރު ސިއެޓްލްގައި މަޑެއް ނުކުރެވޭ، އަނބުރާ ޓިހުއާނާއަށް ދާން އެބަޖެހޭ. އަހަރެމެން މުބާރާތުން ބޭރުކޮށްލުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް އެމީހުން ކޮށްފި، އެހެންވީމާ އަހަރެމެން ދެކޭގޮތުގައި، އާނ، އަހަރެން ހީކުރަނީ އެމީހުން ބޭނުންވަނީ އެގޮތް ކަމަށް، އެމީހުން ބޭނުންވަނީ އަހަރެމެން ބޭރުކޮށްލަން." އޭނާ އިތުރަށް ބުނެފަވެއެވެ.

ތަރޭމީ މިސްރު މެޗުގައި ގޯލެއް ޖެހުމަށް މަސައްކަތް ކުރަނީ، ފޮޓޯ: ގެޓީ އިމޭޖްސް

އީރާނު ޓީމުން ކުރިން ވެސް ބުނެފައިވާ ގޮތުގައި އެހެން ޓީމުތަކާ ހިލާފަށް އެ ޓީމަށް މެޗު އޮންނަ ސިޓީގައި މަޑުކުރެވެނީ އެންމެ 24 ގަޑިއިރެވެ. މެޗު ނިމުމާއެކު ވަގުތުން މެކްސިކޯގެ ޓިޖުއާނާގައި ހުންނަ ބޭސްއަށް އެނބުރި ދާން ޖެހުމުގެ ސަބަބުން ކުޅުންތެރިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރާ ކަމަށް އެ ޓީމުން ބުނެއެވެ. ތަރޭމީ ފާހަގަކުރި ގޮތުގައި ސިއެޓްލްގައި މަޑުކުރުމުގެ ފުރުސަތު ނުދީ، އަނބުރާ ދާން މަޖުބޫރުކުރުވުމަކީ ޓީމު ބޭރުކޮށްލަން ކުރާ ކަމެކެވެ.

ޓީމުގެ ކޯޗު ގަލެނޮއީ ވެސް ވަނީ އިންތިޒާމުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭނާ ހާމަކުރި ގޮތުގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗަށް ލޮސް އެންޖެލެސްއަށް ދަތުރުކުރުމުގެ ހުއްދަ އެމެރިކާއިން ކުރިން ނުދިނުމުގެ ސަބަބުން، މެޗަށް ތައްޔާރުވާން ލިބުނީ 16 ގަޑިއިރަށް ވުރެ ކުޑަ ވަގުތުކޮޅެކެވެ. މީގެ އިތުރުން، އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސާއި ކޯޗިން ސްޓާފުންނަށް ވިސާ ނުދިން މައްސަލަ ވެސް ކޯޗު ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މިޑްފީލްޑަރު ސައީދު އިއްޒަތުﷲ ބުނީ އިރާނުގެ ޓީމަށް ގިނަ ވަގުތު ހޭދަކުރަން ޖެހެނީ އިމިގްރޭޝަން ޗެކްތަކާއި ދަތުރުފަތުރުގައި ކަމަށެވެ.