ޖޯޖިއާގެ މަޖިލީހުގެ ބަހާރު މޫސުމުގެ ފަހު ޖަލްސާގައި، މެންބަރުންގެ މެދުގައި ހޫނު ބަހުސެއް ހިނގައި ބޮޑު މާރާމާރީއަކަށް ބަދަލުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހު، ބޮޑުވަޒީރު އިރަކްލީ ކޮބަކިޑްޒޭ ސަރުކާރުގެ އަހަރީ ރިޕޯޓު ހުށަހެޅުއްވުމަށްފަހު ކުރިއަށްދިޔަ ސުވާލާއި ޖަވާބު ސެޝަނުގެ ތެރޭގައެވެ.

Ad
rt

މި ކުރިމަތިލުން ފެށުނީ އިދިކޮޅު މެންބަރުން ޕޯޑިއަމްއާ ހަވާލުވެ، ސަރުކާރަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރަން ފެށި ހިސާބުންނެވެ. ޚާއްޞަކޮށް، އިދިކޮޅު މެންބަރު ގިއޯގީ ޝަރަޝިޑްޒޭ އާއި 'ފޯ ޖޯޖިއާ' ފެކްޝަންގެ މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން މަސްލަހަތު ގޯސްވިއެވެ.

އިދިކޮޅު މެންބަރުން ވަނީ ބޮޑުވަޒީރާއި ވެރިކަންކުރާ 'ޖޯޖިއަން ޑްރީމް' ޕާޓީން ޑިމޮކްރަސީއާ ދުރަށް ގޮސް، ޔޫރަޕިއަން ޔޫނިއަންއާ ގުޅުމަށް ޖޯޖިއާއިން ކުރާ މަސައްކަތަށް ހުރަސްއަޅަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.

މަޖިލިސް ތެރޭގައި ހިނގި މި މާރާމާރީގެ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި، ބައެއް މެންބަރުން ވަނީ އެކަކު އަނެކަކަށް ގޮށްމުށުން ހަމަލާދީފައެވެ. އަދި އެހެން މެންބަރުން ވަނީ މާރާމާރީ ހިންގި މެންބަރުން ދުރުކުރުމަށް މަސައްކަތްކޮށްފައެވެ. މި ހަމަނުޖެހުމަށްފަހު، ޤައުމީ ސަލާމް ކުޅުމާއެކު މަޖިލީހުގެ މި ދައުރު ވަނީ ރަސްމީކޮށް ނިންމާލާފައެވެ.

މި ހާދިސާއާ ގުޅިގެން ބޮޑުވަޒީރު އިރަކްލީ ކޮބަކިޑްޒޭ ވަނީ އިދިކޮޅު މެންބަރުންގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.

"އިދިކޮޅު މެންބަރުންނަކީ ބޭރުގެ އެޖެންޓުން، އެމީހުންގެ އަމަލުތައް ހުރީ ތާރީޚީ ބޮލްޝެވިކުންގެ އަމަލުތަކާ އެއްގޮތަށް" އޭނާ ވިދާޅުވެފަވެއެވެ.

މީގެ އިތުރުން ސަރުކާރުން ހޯދާފައިވާ އިޤްތިޞާދީ ކުރިއެރުންތަކާއި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ރައްދުދޭނެ އިތުރު ވާހަކައެއް ނެތްކަމަށް ވިދާޅުވެ، އެ މެންބަރުން އަނިޔާވެރިކަމަށް އިސްކަންދިނީ ކަމަށްވެސް ބޮޑުވަޒީރު ތުހުމަތުކުރެއްވިއެވެ.

ޖޯޖިއާގެ މަޖިލީހުގެ ދެން އޮންނަ ދައުރު ނުވަތަ ހަރީފު މޫސުމުގެ ސެޝަންތައް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 1، 2026 ގައެވެ.