އދ. ހަންޏާމީދޫގައި ބަގީއަކާ އެކު މޫދަށް ވެއްޓި ހިތާމަވެރި ހާދިސާއެއް ހިނގައި، 13 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.

އިއްޔެ ހަވީރު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު ޑެއިޒީވިލާ، އުމުރުން 13 އަހަރުގެ ޢަލީ އަނަސް ބިން މުޙައްމަދު އަރީޝް ކަމަށް މައުލޫމާތު ލިބެއެވެ.

Ad
rt

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ، ބަގީގައި ތަޅުދަނޑި ޖަހާފައި ހުއްޓާ އެ ކުއްޖާ ބަގީއަށް އަރައި ދުއްވާލި ވަގުތު ކޮންޓްރޯލުން ނެއްޓި ރަށުގެ ބަނދަރަށް ވެއްޓިގެންނެވެ.

މި ހާދިސާއާ ގުޅިގެން ކުއްޖާ ވަގުތުން ހަންޏާމީދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް، ފަރުވާ ދެމުން ދަނިކޮށް ކުއްޖާ ވަނީ ނިޔާވެފައެވެ.

ކުއްޖާ ނިޔާވި ފަހުން، ފުލުހުންގެ ތަހުގީގަށް ބޭނުންވާ ބައެއް ޓެސްޓްތައް ހެދުމަށްޓަކައި ކުއްޖާގެ ހަށިގަނޑު އދ. މަހިބަދޫ ހޮސްޕިޓަލަށް ވެސް ގެންގޮސްފައިވެއެވެ.

މި ހިތާމަވެރި ހާދިސާގައި ނިޔާވި އަލީ އަނަސްގެ ޖަނާޒާ ބާއްވާފައިވަނީ ރޭ ބާރަ ޖެހި އިރު އެ ރަށުގައެވެ.