ވޯލްޑް ކަޕް ގްރޫޕް އެޗްގައި ރޭ ކުޅުނު މެޗުން އުރުގުއޭގެ ގޯލްކީޕަރު ފެނާންޑޯ މުސްލޭރާ ހެދި ގޯހެއްގެ ފައިދާ ނަގައި، 1-0 އިން އުރުގުއޭ ބަލިކޮށް ސްޕެއިން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މި ނަތީޖާއާއެކު ސްޕެއިން މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައިވާއިރު، ދެ ފަހަރުގެ ޗެމްޕިއަން އުރުގުއޭ ވަނީ މުބާރާތުން ކަޓާފައެވެ.
މެޗުގެ ހަމައެކަނި ލަނޑު 42 ވަނަ މިނެޓުގައި ސްޕެއިނަށް ކާމިޔާބުކޮށްދިނީ އަލެކްސް ބައޭނާ އެވެ. އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި 40 އަހަރުގެ ކީޕަރު މުސްލޭރާއަށް ބޯޅަ ރަނގަޅަށް ސާފުކޮށްނުލެވުމުން ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ. މިއީ މި މުބާރާތުގައި މުސްލޭރާ އަތުން ހެދުނު ތިންވަނަ ބޮޑު ގޯހެވެ. މިކަމާ ގުޅިގެން ކޯޗު މާސެލޯ ބިއެލްސާ ވަނީ ހާފް ޓައިމްގައި އޭނާ ބަދަލުކޮށްފައެވެ.
ގްރޫޕްގެ އެއްވަނަ ސްޕެއިން ހޯދީ ހަތް ޕޮއިންޓާއެކުގައެވެ. ދެވަނަ ބުރުގައި ސްޕެއިން ބައްދަލުކުރާނީ ގްރޫޕް ޖޭގެ ދެވަނަ ޓީމު ކަމަށްވާ އޮސްޓްރިއާ ނުވަތަ އަލްޖީރިއާއާއެވެ. އަނެއްކޮޅުން ފީފާ ރޭންކިންގެ 19 ވަނައިގައި އޮތް އުރުގުއޭ މުބާރާތުން ވަކިވާން ޖެހުނީ އެއްވެސް މެޗަކުން މޮޅުނުވެ، ގްރޫޕްގެ ތިންވަނައިގައި އޮވެގެންނެވެ. ގްރޫޕްގެ ދެވަނަ ހޯދީ ތިން ޕޮއިންޓާއެކު ކޭޕް ވާޑޭއެވެ.
މެޗުގެ ފަހު ވަގުތުކޮޅު ފެނިގެންދިޔައީ ވަރަށް ބޮޑަށް ނުތަނަވަސްކޮށްދިޔަ މަންޒަރުތަކެކެވެ. އުރުގުއޭގެ ފެޑެރީކޯ ވީނިއާސް އޭރިއާ ތެރެއަށް ވެއްޓުމުން ޕެނަލްޓީއަކަށް އެދި އެ ޓީމުން ވަރަށް ބޮޑަށް އެޕީލް ކުރިއެވެ. މީގެ އިތުރުން، އިތުރު ވަގުތުގެ ތެރޭގައި ސްޕެއިންގެ ޑިފެންޑަރު ޕައު ކުބާސީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އުރުގުއޭގެ އަގުސްޓިން ކަނޯބިއޯ އަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
ސްޕެއިންގެ ރަސްގެފާނު ފިލިޕޭ ހަވަނަ ވެސް ބެއްލެވި މި މެޗު ފެށުމުގެ ކުރިން، ވެނެޒުއޭލާއަށް ދާދި ފަހުން އައި ބިންހެލުމުގައި މަރުވި މީހުންގެ ހަނދާނުގައި ސުކޫތެއް ގެނެވުނެވެ. 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން މިހާރު އަމާޒު ހިފާފައިވަނީ ދެވަނަ ފަހަރަށް ތަށި އުފުލާލުމަށެވެ. ނަމަވެސް އެ ޓީމުގެ ޒުވާން ތަރި ލަމީން ޔަމާލްގެ ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއާ ގުޅިގެން އޭނާގެ ފަރާތުން މި މެޗުގައި މާ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!