ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުގައި 10 ކުޅުންތެރިންނާއެކު ކުޅުނު އިރާގު 5-0 ގެ ބޮޑު ތަފާތަކުން ބަލިކޮށް، މުބާރާތުގެ ނޮކްއައުޓް ބުރަށް ދިއުމުގެ އުންމީދު ސެނެގާލުން ބޮޑުކޮށްފިއެވެ.

މި މޮޅާއެކު ގްރޫޕް އައިގެ ތިންވަނަ ޓީމުގެ ގޮތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ސެނެގާލަށް މިވަނީ ފަހިވެފައެވެ.

Ad
rt

މެޗުގެ ވަރަށް ކުރީކޮޅު، ހަތަރުވަނަ މިނެޓުގައި ހަބީބް ދިއާރާ ވަނީ ލަނޑެއް ޖަހައި ސެނެގާލަށް ކުރިހޯދައިދީފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި އިރާގުގެ ޑިފެންޑަރު ރެބިން ސުލާކާ، ސެނެގާލްގެ ސާޑިއޯ މާނޭ އަށް ހުރަސް އެޅުމުގެ ސަބަބުން އޭނާއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ބޮޑު ބައި އިރާގުން ކުޅެން ޖެހުނީ އެކަކު މަދުކޮށެވެ.

ސެނެގާލުން މެޗުގެ ކޮންޓްރޯލް ނެގި ނަމަވެސް، ދެވަނަ ލަނޑެއް ޖެހުމަށް 56 ވަނަ މިނެޓާ ހަމައަށް އިންތިޒާރު ކުރަން ޖެހުނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލާ ސާރް އެވެ. އޭގެ ފަހުން ޕާޕޭ ގޭ ވަނީ ފަހު ހާފުގައި އިތުރު ދެ ލަނޑު ޖަހައި ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ސެނެގާލްގެ ފަސްވަނަ ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ އިލިމަން އެންޑިއާއެެވެ.

މި ކާމިޔާބީއާއެކު ސެނެގާލަށް މިހާރު ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި އެ ޓީމުގެ ގޯލް ޑިފަރެންސް މިހާރު ހުރީ ޕްލަސް ދޭގައެވެ. މުބާރާތުގެ ގަވާއިދު ބުނާގޮތުން، ގްރޫޕްތަކުގެ ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު އަށް ޓީމު ގަދަ 32 ގެ ބުރަށް ހޮވޭނެއެވެ. ޕޮއިންޓް އެއްވަރުވެއްޖެ ނަމަ ބަލާނީ ޖެހި ގޯލަށާއި ގޯލް ޑިފަރެންސަށެވެ.

އަނެއްކޮޅުން، 1986 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގައި ވާދަކުރި އިރާގު މިވަނީ އެއްވެސް ޕޮއިންޓެއް ނުލިބި މުބާރާތުން ކަޓާފައެވެ. ސެނެގާލް ދެން އިންތިޒާރު ކުރާނީ އެހެން ގްރޫޕްތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ނޮކްއައުޓް ބުރުން ޖާގައެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.