ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮސްމާން ޑެމްބެލޭ ކާމިޔާބުކުރި ހެޓްރިކާއެކު 4-1 އިން ނޯވޭ ބަލިކޮށް، ފްރާންސް އިން ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރުކޮށްފިއެވެ.
ހުކުރު ދުވަހު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޑެމްބެލޭ ވަނީ ތިން ލަނޑު ޖަހައި، ރަން ބޫޓުގެ ރޭހަށް ވަދެފައެވެ.
މެޗުގެ 7 ވަނަ މިނެޓާއި، 20 ވަނަ މިނެޓު އަދި 32 ވަނަ މިނެޓުގައި ޑެމްބެލޭ ލަނޑުތައް ކާމިޔާބުކުރިއިރު، މިއީ 1994 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގެ ފުރަތަމަ ހާފުގައި ކުޅުންތެރިއަކު ހެޓްރިކް ފުރިހަމަކުރި ފުރަތަމަ ފަހަރެވެ. ފްރާންސްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ދެސިލޭ ޑޫއޭ އެވެ. ނޯވޭގެ ހަމައެކަނި ލަނޑު ޖަހައިދިނީ ތެލޯ އާސްގާޑް އެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޑެމްބެލޭ ބުނީ "މިއީ ވަރަށް ހާއްސަ ވަގުތެއް. އެކަމަކު އެންމެ މުހިންމު ކަމަކީ ގްރޫޕުގެ އެއްވަނައިގައި ނިންމާލުން. މިހާރު އަހަރެމެންގެ ފޯކަސް ހުރީ ގަދަ 32 ގެ މެޗަށް،" ކަމަށެވެ. 2025 ވަނަ އަހަރުގެ ބެލޮންޑިއޯ ކާމިޔާބުކުރި ޑެމްބެލޭ ވަނީ މި މުބާރާތުގައި މިހާތަނަށް 4 ލަނޑު ޖަހާފައެވެ.
ނޯވޭގެ ޓީމުން މި މެޗުގައި އެންމެ މުހިންމު ކުޅުންތެރިޔާ އާލިން ހާލަންޑް ހިމެނޭހެން ގަވާއިދުން ކުޅޭ 10 ކުޅުންތެރިއަކަށް ވަނީ އަރާމުކުރަން ފުރުސަތު ދީފައެވެ. ނޯވޭގެ ކޯޗު ސްޓާލް ސޮލްބަކެން ބުނީ ކުޅުންތެރިންނަށް އަރާމުދޭން ނިންމީ މެޗުތަކުގެ ދެމެދުގައި ލިބުނު ވަގުތު ކުޑަވުމުން ކަމަށެވެ. ނޯވޭ ވެސް ވަނީ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.
މި މެޗުގައި ފްރާންސްގެ ބެންޗުން ފެނިގެންދިޔައީ އެސިސްޓަންޓް ކޯޗު ގާއި ސްޓެފަން އެވެ. ހެޑް ކޯޗު ޑިޑިއޭ ޑެޝޯމްޕްސް މެޗަށް ހާޒިރުނުވީ އޭނާގެ މަންމަ ނިޔާވުމާ ގުޅިގެން އާއިލާއާއެކު ވަގުތު ހޭދަކުރުމަށެވެ. މެޗުގެ ކުރިން ފްރާންސްގެ ސަޕޯޓަރުން ވަނީ ޑެޝޯމްޕްސްއަށް ހިތްވަރު ދިނުމުގެ ގޮތުން ބެނާއެއް ދައްކާލާފައެވެ.
ގަދަ 32 ގެ ބުރުގައި ނޯވޭ އަންގާރަ ދުވަހު ނުކުންނާނީ އައިވަރީ ކޯސްޓާ ދެކޮޅަށެވެ. ހަމަ އެ ދުވަހު ފްރާންސް ބައްދަލުކުރާނީ ގްރޫޕްތަކުގެ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމަކާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!