ނިކޮލަސް ޕެޕޭ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ކިއުރަސާއޯ ބަލިކޮށް، އައިވަރީ ކޯސްޓުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުން ޖާގަ ހޯދައި ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ. ބުރާސްފަތި ދުވަހު ކުޅުނު މި މެޗު އައިވަރީ ކޯސްޓުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މިއީ ހަތަރު ވޯލްޑް ކަޕެއްގައި ވާދަކުރުމަށްފަހު ހުޅަނގު އެފްރިކާގެ މި ޓީމު ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ. ގްރޫޕް އީ ގައި ހިމެނޭ އައިވަރީ ކޯސްޓުން ވަނީ އެމީހުންގެ ފުރަތަމަ މެޗުގައި އިކުއެޑޯ ބަލިކޮށްފައެވެ. ނަމަވެސް ދެވަނަ މެޗުގައި ޖަރުމަނު އަތުން ވަނީ ބަލިވެފައެވެ.

Ad
rt

ސްޕެއިންގެ ވިޔަރެއާލްއަށް ކުޅެމުން އަންނަ ޕެޕޭ މެޗުގެ ފުރަތަމަ ލަނޑު ޖެހީ ހަތްވަނަ މިނެޓުގައެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ އުމުރުން 19 އަހަރުގެ ޔާން ދިއޮމާންޑޭއެވެ. އައިވަރީ ކޯސްޓުގެ ދެވަނަ ލަނޑު ޕެޕޭ ކާމިޔާބުކުރީ މެޗުގެ 64 ވަނަ މިނެޓުގައި ވައަތުން ފޮނުވާލި ހަމަލާއަކުންނެވެ. މި މޮޅާއެކު އައިވަރީ ކޯސްޓު ދެން ބައްދަލުކުރާނީ ޖޫން 30 ވަނަ ދުވަހު ގްރޫޕް އައި ގެ ދެވަނަ ޓީމާއެވެ. އެއީ ފްރާންސް ނުވަތަ ނޯވޭއެވެ.

ކިއުރަސާއޯއަށް މި މެޗުން މޮޅުވުން މަޖުބޫރުވެފައި އޮތް ނަމަވެސް، އެ ޓީމަށް ވަނީ ނޮކްއައުޓް ބުރަށް ކޮލިފައިވާ އެންމެ ކުޑަ ގައުމަށް ވުމުގެ ފުރުސަތު ގެއްލިފައެވެ. ނެދަލޭންޑްސްގެ ދަށުން ހިންގާ އަމިއްލަ އިސްތިގުލާލެއް އޮންނަ ކިއުރަސާއޯގެ ޓީމުގައި ގިނައިން ހިމެނެނީ ނެދަލޭންޑްސްއަށް އުފަން ކުޅުންތެރިންނެވެ.

މި މެޗު ކުޅުނު ފިލަޑެލްފިއާގެ ސްޓޭޑިއަމްގައި 68,324 ސަޕޯޓަރުން ހާޒިރުވެފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު ތިބީ އައިވަރީ ކޯސްޓަށް ސަޕޯޓުކުރުމަށް އޮރެންޖު ކުލައިގެ ޖާޒީގައެވެ. މިއީ ކިއުރަސާއޯގެ މުޅި އާބާދީގެ ގާތްގަނޑަކަށް 40 އިންސައްތަ މީހުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕެޕޭ މެޗުގެ ފަހުކޮޅު ބަދަލުކުރީ އަންނަ ހަފުތާގައި ކުޅޭ މުހިންމު މެޗަށް ތައްޔާރުވުމުގެ ގޮތުންނެވެ. މީގެ އިތުރުން، ބެޓިން މައްސަލައެއްގައި ތަހުގީގު ކުރެވެމުންދާ އެލީ ވަހީ ވެސް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ ދެވަނަ ހާފުގައި ކުޅެން އަރާފައެވެ.