މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތި ޓްރެފިކްކުރާކަމުގެ ތުހުމަތުގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެކެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. މޫންލައިޓްވިޔު، މާލެ، މުޙައްމަދު ޢުމައިރު (58އ) އާއި ގުލްއަލާގެ، ލ. ދަނބިދޫ، މާޝާ އިބްރާހީމް (38އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި، މި އޮޕަރޭޝަންގައި މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެއެވެ. މީގެ އިތުރުން އެ އެޕާޓްމަންޓުން ގިނަ އަދަދެއްގެ ފައިސާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.