ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މެކްސިކޯ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުގައި، މެކްސިކޯގެ ސަޕޯޓަރުން އަނެއްކާވެސް ފުރައްސާރަކުރުމުގެ ބަސްތަކެއް ބޭނުންކޮށް އަޑުގަދަކޮށްފިއެވެ. މި އަމަލަކީ މީގެ ކުރިންވެސް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ބޮޑެތި ޖޫރިމަނާތަކަކާއި ފިޔަވަޅުތަކެއް ކުރިމަތިލާންޖެހުނު ކަމެކެވެ.

އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް، ޗެކް ރިޕަބްލިކްގެ ގޯލްކީޕަރު މަޓޭޖް ކޯވާ ގޯލް ކިކް ޖެހި ވަގުތު ސަޕޯޓަރުން ވަނީ ސްޕެއިން ބަހުން "ފިރިހެން ހަށިވިއްކާ މީހާ" މާނަދޭ ބަހެއް ބޭނުންކޮށް އަޑުގަދަކޮށްފައެވެ. މިއީ އިދިކޮޅު ޓީމުގެ ގޯލްކީޕަރުންނަށް ބިރުދެއްކުމުގެ ގޮތުން މެކްސިކޯގެ ސަޕޯޓަރުން ބޭނުންކުރާ ބަހެކެވެ.

Ad
rt

މި ބަސް ބޭނުންކޮށްގެން ސަޕޯޓަރުން އަޑުގަދަކުރާ މައްސަލައިގައި ފީފާއިން ވަނީ މެކްސިކޯގެ ފެޑެރޭޝަން އެތައް ލައްކަ ޑޮލަރަކުން ޖޫރިމަނާކޮށްފައެވެ. ގާތްގަނޑަކަށް 25 އަހަރު ކުރިން ފެށިގެން އާންމުވެފައިވާ މި އަމަލު ހުއްޓުވުމަށް މެކްސިކޯގެ ފުޓްބޯޅަ ފެޑެރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަން އަދިވެސް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

މެކްސިކޯ ސަޕޯޓަރުން އަޑުގަދަކޮށް ފުރައްސާރަކުރުމަށް ކިޔާ ލަވަތައް އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕާއި، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައިވެސް މި އަޑުތައް ވަނީ އިވިފައެވެ.

މެކްސިކޯ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މި މެޗަކީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި މެކްސިކޯ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައި ވަނިކޮށް ކުޅުނު މެޗެކެވެ. ނަމަވެސް މި އަމަލުގެ ސަބަބުން އަނެއްކާވެސް މެކްސިކޯގެ ފެޑެރޭޝަނަށް އިތުރު ފިޔަވަޅުތަކެއް ކުރިމަތިވުމުގެ ބިރު ވަނީ ބޮޑުވެފައެވެ.