ވޯލްޑް ކަޕްގައި ކެނެޑާގެ މިޑްފީލްޑަރު އިސްމާއީލް ކޯނޭގެ ފައި ބިންދާލި ނުރައްކާތެރި ޓެކްލްއާ ގުޅިގެން ގަތަރުގެ އާސިމް މަދީބޯ ފަސް މެޗަށް ސަސްޕެންޑް ކުރުމަށް ފީފާއިން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

Ad
rt

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެންކޫވަރުގައި ކެނެޑާ އާއި ގަތަރު ބައްދަލުކުރި މެޗުގައެވެ. އެ މެޗުގެ 51 ވަނަ މިނެޓުގައި މަދީބޯ ފަހަތުން ކުރި ނުރައްކާތެރި ޓެކްލްއަކާ ގުޅިގެން އޭނާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. މި މެޗު 6-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކެނެޑާއެވެ.

ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ބުނި ގޮތުގައި މަދީބޯ ސަސްޕެންޑް ކުރީ "ސީރިއަސް ފައުލް ޕްލޭ" ގެ ސަބަބުންނެވެ. ނަމަވެސް މި ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތު އޭނާއަށް އޮންނާނެ ކަމަށް ފީފާއިން ބުނެއެވެ.

ކޯނޭ، ކެނެޑާ ޓީމު ޕްރެކްޓިސް ކުރާތަން ބަލަހައްޓައިގެން، ގަތަރުގެ މެޗުގައި އޭނާގެ ފައި ބިންދައިގެން ދިޔުމުން ބާކީ މެޗުތަކުން ވަނީ އޭނާ އަށް ފުރުސަތު ގެއްލިފައި، ފޮޓޯ: އޭޕީ

ކެނެޑާއިން ވޯލްޑް ކަޕްގައި ހޯދި ފުރަތަމަ މޮޅުގެ އުފާވެރިކަން ގެއްލިގެން ދިޔައީ ކޯނޭއަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެންނެވެ. އޭނާގެ ވައަތު ފައިގެ ކޮކްލިއާ އާއި ފިބިއުލާ ކަށިގަނޑު ބިންދައިގެން ދިއުމާ ގުޅިގެން ވަނީ ސާޖަރީއެއް ހަދާފައެވެ. އަނިޔާވި ވަގުތު ކޯނޭ ދަނޑުމަތީގައި އޮވެ އަނގަމަތީގައި އަތްއަޅައިގެން އޮތް މަންޒަރު ފެނިފައި، ކައިރީގައި ތިބި ކުޅުންތެރިންނަށް ވަނީ އެއީ ސީރިއަސް އަނިޔާއެއްކަން ވަގުތުން އެނގިފައެވެ.

މި ހާދިސާއާ ގުޅިގެން މަދީބޯ ވަނީ ވަރަށް ބޮޑަށް ދެރަވެ، މެޗަށްފަހު ކޯނޭގެ ކިބައިން މައާފަށް އެދިފައެވެ. ކޯނޭ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "އަހަންނަށް ހެޔޮދުއާކޮށް މެސެޖު ފޮނުވި އެންމެންނަށް ޝުކުރުވެރިވާ މިންވަރު ބަޔާންކޮށްދޭންވެސް ނޭނގެ،" ކަމަށެވެ.

މަދީބޯއަށް ދިން މި ސަސްޕެންޝަނަކީ ވޯލްޑް ކަޕްގެ ތާރީޚުގައި ދިން އެންމެ ބޮޑު ސަސްޕެންޝަނެއް ނޫނެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިޓަލީގެ ކުޅުންތެރިއަކު ގައިގައި ދަތް އެޅި މައްސަލާގައި އުރުގުއާއީގެ ލުއިސް ސުއަރޭޒް ވަނީ 9 މެޗަށް ސަސްޕެންޑްކޮށް، 4 މަސް ދުވަހަށް ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ބޭރުކޮށްފައެވެ. އަދި 1994 ވަނަ އަހަރު އިޓަލީގެ މައުރޯ ޓަސޮޓީއަށް ވެސް ވަނީ 8 މެޗުގެ ސަސްޕެންޝަނެއް ދީފައެވެ.