ވޯލްޑް ކަޕްގައި އަންގާރަ ދުވަހު އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، ޕޯޗުގަލްއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މި މެޗުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައި، އޭނާގެ ފެންވަރު އަލުން ސާބިތުކޮށްދީފައެވެ.

Ad
rt

މި މެޗުގައި ޖެހި ލަނޑުތަކާއެކު، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ ތަފާތު ހަ ވޯލްޑް ކަޕް މުބާރާތެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮނާލްޑޯ، މެޗުގެ ހަވަނަ މިނެޓުގައި ޕޯޗުގަލްއަށް ލީޑު ނަގައިދިނީ ޔާއޯ ކަންސޭލޯ ނަގައިދިން ހުރަހަކުންނެވެ. އޭގެ ފަހުން މެޗުގެ 39 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ރޮނާލްޑޯ ޓީމް ކުޅުންތެރިންނާއެކު، ފޮޓޯ: ރޮއިޓާސް

ޕޯޗުގަލްގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ނޫނޯ މެންޑޭޒް އާއި ރަފައެލް ލެއާއޯއެވެ. މީގެ އިތުރުން އުޒްބެކިސްތާން އަތުން ބައިކޮޅަށް ވަން ލަނޑަކުން ވެސް ޕޯޗުގަލްއަށް ޕޮއިންޓް އިތުރުވިއެވެ. އުޒްބެކިސްތާނުގެ އަޒީޒްޖޯން ގަނީފް ޖެހި ލަނޑެއް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ ކެންސަލްކޮށްފައެވެ.

މި މޮޅާއެކު ގްރޫޕް ކޭގައި ޕޯޗުގަލްއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ކޯޗު ރޮބާޓޯ މާޓިނޭޒް، ފުރަތަމަ މެޗަށްފަހު ރޮނާލްޑޯއަށް އަމާޒުވި ފާޑުކިޔުންތަކަށް ބެލުމެއްނެތި އޭނާ ފުރަތަމަ އެގާރައިގައި ހިމެނި ނިންމުމުގެ ނަތީޖާ މި މެޗުން ވަނީ ފެނިގެން ގޮސްފައެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލް ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ މިއާމީގައެވެ.